މާލީ އަށް ނިސްބަތްވާ 25 އަހަރުގެ ހަލީމާ ސިސް އެއްމާބަޑު ނުވަ ކުދިން ވިހާފައިވަނީ މޮރޮކޯގެ ހޮސްޕިޓަލެއްގައެވެ. މާލީ ސަރުކާރުންވަނީ ޚާއްސަ ފަރުވާއަށް ހަލީމާ މޮރޮކޯއަށް ފޮނުވުމުގެ ހުރިހާކަމެއް ހަމަޖައްސާދީފައެވެ.
ބީ.ބީ.ސީ އާ ވާހަކަ ދައްކަމުން ހަލީމާގެ ފިރިމީހާ ބުނީ އެމީހުން ތިބީ ވަރަށް އުފަލުން ކަމާއި، އެމީހުނަށް ލިބުނު 5 އަންހެން ދަރިންނާއި 4 ފިރިހެން ދަރިންގެ ހާލުވެސް ރަގަޅު ކަމަށެވެ.
ހެޔޮހާލުގައި އެންމެ ގިނަ ކުދިން އެއްފަހަރާ ވިހޭކަމުގެ ރެކޯޑްއޮތީ އެމެރިކާގައެވެ. އެއީ 2009 ވަނަ އަހަރު އެއްމާބަނޑު 8 ކުދިން ވިހޭ މަންމަ ކަމަށްވާ ނާދިޔާ ސުލެމާނުގެ ނަމުގައެވެ. ނާދިޔާގެ ކުދިންނަށް މިހާރު 12 އަހަރެވެ. ނާދިޔާ އެއްމާބަނޑު 8 ކުދިން ހޯދީ އިންވިޓްރޯ ފަރޓިލައިޒޭޝަންގެ އެހީގައެވެ.
މީގެ ކުރިންވެސް 1971 ވަނަ އަހަރު އޮސްޓްރޭލިޔާގެ އަންހެނަކު އަދި 1999 ވަނަ އަހަރު މެލޭޝިޔާގެ އަންހެނަކު ވަނީ އެއްމާބަނޑު 9 ކުދިން ވިހާފައެވެ. ނަމަވެސް މިކުދިން ވިހޭތާ މާގިނަ ދުވަސްތަކެއް ނުވެ ވަނީ ނިޔާވެފައެވެ.
ހަލީމާގެ ސްކޭންތަކުން އެނގުނު ގޮތުގައި ހަލީމާ ބަލިވެއިނީ 7 ކުދިންނަށެވެ. ނަމަވެސް އިތުރު ދެ ކުދިން، ރައްކާތެރި ކަމާއެކު ވިހެއުމުން، މާލީގެ ހެލްތު މިނިސްޓަރު ވަނީ މާލީ އަދި މޮރޮކޯގެ ސިއްޙީ ޚިދުމަތްތެރިންނަށް މަރުހަބާ ކިޔާފައެވެ. ބަނޑަށް 30 ހަފްތާގައި، ދުވަސްނުފުރާ ވިހޭ މި 9 ކުދިން ވިއްސުމުގައި 10 ޑޮކްޓަރުންނާއި 25 ސިއްޙީއެހީތެރިން ހަރަކާތްތެރިވިއެވެ. ވިހޭ ކުދިންގެ ބަރުދަން 500 ގްރާމާއި 1 ކިލޯ އާ ދޭތެރޭގައި ހުރުމުން 2 ނުވަތަ 3 މަސް ވަންދެން މިކުދިންނަށް އިންކިއުބޭޓަރގައި ފަރުވާ ދެވޭނެކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.
ހަލީމާގެ ފިރިމީހާ ހުރީ އެމީހުންގެ ދޮށީދަރިފުޅާއި އެކު މާލީގައެވެ. އޭނާ ހާމަކުރި ގޮތުގައި، ދަރިންގެ މުސްތަގުބަލާއި މެދު ހާސްކަމެއް ނެތްކަމަށާއި، ދަރިން ދެއްވީ ހެއްދެވި ފަރާތުން ކަމަށާއި، އެ ފަރާތުގެ ރޭވުންތެރިކަމުގެ ފަހަތުގައި އަހަރެމެނަށް ނޭނގޭ ސިއްރެއް ވާނެއެވެ. އިތުރަށް ވާހަކަ ދައްކަމުން ހަލީމާގެ ފިރިމީހާ ބުނީ ސަރުކާރާއި އެހެންވެސް ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި، ހާލު ބެލުމަށް އެންމެން ވެސް ގުޅި ކަމަށެވެ.
