އެއީ ހިތަށް ސިފަކޮށްލަން އުނދަގޫވާ ޢާޒާގެ ޙާލަތެވެ. ތަޞައްވަރުކުރުމަށް އަހަރުމެންނަށް ކުޅަދާނަނުވާ މަންޒަރުތަކެވެ. ލާއިންސާނީ އަނިޔާތަކާއި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ހުއްޓުމެއް ނެތް ޖަރީމާތަކުގެ ތެރެއިން، މިފަހަރުވެސް އެފަދަ ހިތްދަތި މަންޒަރެކެވެ. ކުޑަކުއްޖެއް، ބޮޑުމީހެއް ތަފާތުކުރުމެއް ނެތި އެވެރިން އަމާޒުކުރާ ޙަމަލާތަކުގައި ޝަހީދުކޮށްލި ކުޑަކުޑަ ފުރާނައެކެވެ.

އެއީ އަޙްމަދު އަލް-ނައްޖާރް ނަމަކަށް ކިޔާ ކުޑަ ފިރިހެން ކުއްޖެކެވެ. އުތުރު ޢާޒާގެ ޖަބާލިއާ އަލް-ބަލަދްގައި ހުންނަ އެކުއްޖާގެ ގެއަށް އަމާޒުކޮށްފައި، ދަންވަރުގެ ވަގުތުގައި ޞަޙްޔޫނީން ދިން ބޮމުގެ ޙަމަލާގެ ޝިކާރައަކަށް ވެގެންދިޔަ ތުއްތު ފުރާނައެކެވެ. އަޙްމަދުގެ ބޯ ވަނީ، މުޅިން އެކީ ހަށިގަނޑުން ވަކިވެފައެވެ. ތަކުރާރުކޮށް ބުނަމެވެ. އެކީއެކަށް ހަށިގަނޑާ ވަކިވެފައެވެ. އަޙްމަދުގެ ބައްޕަ ފިރުމަމުން ދިޔައީ އަޙްމަދުގެ ހަށިގަނޑުން ވަކިވެފައިވާ ބޮލުގައެވެ.

ކުޑަކުޑަ އަޙްމަދުގެ ބޯ، އޭނާގެ ބައްޕަގެ ދެއަތުން ހިފާ ނަގައިގެން އިނދެ، މުޙާތަބުކުރަމުން ދިޔައެވެ. "ލޯބިވާ ދަރިފުޅާއެވެ. އަހަރެންގެ ހިތް، އަޙްމަދަށްޓަކައި އެބަ ކުދިކުދިވެއެވެ. އަހަރެންގެ ހިތް، އަޙްމަދަށްޓަކައި އެބަ ކުދިކުދިވެއެވެ. ދަރިފުޅަކީ ދަރިފުޅުގެ މާމަ ވަރަށް ލޯބިވާ ކުއްޖެކެވެ. ޔާﷲ، އަޙްމަދެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟ އަޙްމަދެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟ ޔާﷲ، އަޙްމަދެވެ. ޔާﷲ، އަޙްމަދެވެ. لَا إِلَٰهَ إِلَّا ٱللَّٰهُ. لَا إِلَٰهَ إِلَّا ٱللَّٰهُ." ހަމައެކަނި ދަރިފުޅުގެ ބޯ، އެ ބައްޕަގެ އަތަށް ނަގައިން ވާހަކަދެއްކިއިރު، ހުއްޓުމެއްނެތި މަޑުމަޑުން އެ ބޮލުގައި ފިރުމަމުން ދިޔައެވެ. އިސްތަށިގަނޑު އެއްވަރުކުރަމުން ދިޔައެވެ. ވަރަށް ސަމާލުކަމާއި، އޯގާތެރިކަމާއެކީގައެވެ. 

       

ފަހަތުން މީހަކު ބުނާ އަޑުއިވުނެވެ. "މަޙްމޫދެވެ. އޭނާ ނިވާ ކުރާށެވެ." އެހެންކަމުން އެތަނުގައި އޮތް ރަޖައަކަށް، އަޙްމަދުގެ ބޯ ލާފައި، އެ ބައްޕަ، އަޙްމަދުގެ ބޯ ނިވާކުރިއެވެ. އެއީ ފިލްމެއްގެ މަންޒަރެއް ނޫނެވެ. އެޑިޓެއްވެސް ނޫނެވެ. ނަމަވެސް ހަޤީޤަތެއް ނެތް ފިލްމުތަކުގައިވެސް އެފަދަ މަންޒަރެއް ދައްކާނަމަ، އެއަށް ބެލުމަކީ ކުޅަދާނަކަމަކަށް ނުވެއެވެ. ދެން ތަޞައްވަރުކޮށްލާށެވެ. އެ ބައްޕަގެ ދެއަތަށް ލައިން އެ އިންނަން ޖެހުނީ ދެލޮލުގެ ނޫރުފަދަ ދަރިފުޅުގެ ބޯ އެކަންޏެެވެ. ހަށިގަނޑުގެ ބާކީބައި އަދި ކޮބާ ހެއްޔެވެ؟ އެ ބައްޕަގެ ހިތައް ކުރާނީ ކޮންފަދަ އަސަރެއް ހެއްޔެވެ؟

އެވަގުތުވެސް ފެންނަމުން ދިޔައީ އީމާންތެރިކަމާއި ސާބިތުކަމެވެ. އެޙާލަތުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރިތަނެވެ. މިއީ ދިރިހުރުމުގެ ހައްޤުން މަޙުރޫމުކޮށްފައިވާ ފަލަޞްޠީނުގެ ޙާލަތެވެ.