ރޯދަމަހުގެ ދުވަސްތައް ފާއިތުވެގެން ގޮސް، ޢީދު ދުވަސް ކައިރިވަމުން އަންނަ ވަގުތު، މުޅި ރާއްޖެ ޖެހެނީ ހަލަބޮލި ކަމެއްގެ ތެރެއަށެވެ. ރަމަޟާން މަހުގެ މަޑުމައިތިރިކަން ފިލާގޮސް ހަލަބޮލިކަމުގެ ދުވަސްތަކެއް ފެށެން ކައިރިވީ އިރު، އެކި މީހުން އެކިގޮތަށް މި ދުވަސްވަރަށް އެބަ ތައްޔާރުވެއެވެ. މި ހަލަބޮލިކަން ފެށެނީ ޢީދަށް ވެވޭ ތައްޔާރީތަކާއި އެކުގައެވެ. މި ތައްޔާރީތަކަށް ހުރިހާ އެންމެން މަޑުކުރަނީ ޢީދުވިލޭރެއަށެވެ. ޢީދު ނަމާދަށް ދިއުމަށް ކޮންމެ މީހަކުވެސް ރީތި ހެދުމެއް ހޯދައެވެ. މި ހެދުން ގަންނަންވެސް ނުކުމެވޭ ކަމަށްވަނީ ޢީދު ވިލޭރޭ އެކަންޏެވެ. އޭގެ ކުރިއަށް ރަމަޟާން މަހުގައި ޢީދު ހެދުމެއް ގަނެލުމަށް އަވައްޖެއްވެސް ނުވެއެވެ.
ޢީދު ވިލޭރޭ މަގުތަކުގައި ހުންނަ ބާރުބޮޑުކަމުގެ ސަބަބުން ސައިކަލެއް ދުއްވާލުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. އަބަދުމެ ދެފައި ޖައްސައިގެން ނޫނީ ސައިކަލުވެސް ކުރިއަކަށް ނުދެއެވެ. އަނެއްކާ އެއްމެ ފަހުވަގުތު ސައިކަލު ސްޓާޓެއްވެސް ނުވިއެވެ. ރަނގަޅަށް ބެލި އިރު ޕެޓްރޯލެއްވެސް ނެތެވެ. އަންހެނުން ރުޅިގަދަ ވަނީއެވެ. ދަރިންތައް ބޮޑާހާކަން ފަށައިފިއެވެ. މިހެން އުޅި އުޅި ހުއްޓާ ފިހާރަތައްވެސް ބަންދުކޮށްފިއެވެ. ޢީދު ހެދުންވާ މިއޮތީ ގަނެވިފައެވެ.
އުޅި އުޅި އަވަދިވެގެން، ފިހާރައަކަށް ދެވުނަސް، ފިހާރަތަކުގެ ކިއުތައް ދިގެވެ. ކައުންޓަރުދޮށުގައި ތޮށްޖެހިފައި އެތައް ބަޔަކު ތިބެއެވެ. އެއް ހެދުމަކަށް ތޮޅޭ އެތައް ބަޔަކު ފިހާރަތަކުގައި އަޑުގަދަ ކުރެއެވެ. ފުރަމަ އަތްލީ ތިމަންނާއޭ، މީ ތިމަންނާގެ ހެދުމެކޭ ކިޔާ ޝަކުވާވެސް ކުރެއެވެ. ގަތް ހެދުމަށް ފައިސާ ދައްކަން ކިޔުގައި ހުންނަ އިރު، ހޫނުއަރާ ތަތްތެޅެނީއެވެ.
ހައިރާނެކެވެ! މިނޫން ވަރެއް ދިވެހިންނަށް އެބަ ވޭބާއޭ؟ މިހާލުގައިވެސް ޢީދުވިލޭރޭ ނޫނީ ފިހާރައަކަށް ނުކުމެވޭ ކަމަކަށް ނުވެއެވެ. އުޅެން ވަނީ އެހާލުގައެވެ. ފަސޭހަ ގޮތް ނެތީކީ ނޫނެވެ! އަހަންނަކަށްވާ ދެން ނޭނގެއެވެ! ފަހަރުގައި އެއީ ސަގާފަތެއް ކަމުގައިވެސް ވެދާނެއެވެ.
މިކަންކަން މިހެން ހުރުމުން އަހަރެމެން އެންމެން ވިސްނާލަން ޖެހޭ ކަމަކީ، ކުރިއާލާ ރޭވުމުގެ މުހިންމުކަމެވެ. ޢީދަށް ތައްޔާރުވުމުގެ މަސައްކަތް ރޯދަމަހުގެ ތެރޭގައި ފެށުމަކީ ރަނގަޅު ގޮތެކެވެ. މިގޮތަށް ޢަމަލުކޮށްފިނަމަ، ޢީދުވިލޭރޭގެ ހަލަބޮލިކަމުން ސަލާމަތްވެ، އުފާވެރި ޢީދެއް ފާހަގަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ޢީދު ހެދުމެއް ނުލިބިގެން އެކަމާ ދެރަވެފާ ހުންނާކަށްވެސް ނުޖެހޭނެއެވެ.
މިކަމުގައި އޮތީ ކަންނެތްކަން ފިލުވާލާ ހަރުދަނާކަން އިތުރުކޮށްލުމެވެ. ފޫހިކަން ފިލުވާލާ ޢީދުގެ އުފާ ހޯދަން ކުރިއާލާ މަސައްކަތް ކުރާށެވެ. ޢީދުވިލޭރޭ އަކީ އެކަހަލަ މިކަހަލަ ރެއެއްކަމާއި، ބާރުބޮޑުވާނެކަމާއި އެވެނި މިވެނި އުނދަގޫތަކެއް ހުންނާނޭކަން ނޭނގެނީކީނޫނެވެ! ކޮންމެ އަހަރަކުވެސް އެކަން އޮތީ އެމަގުންކަން އެނގެއެވެ. އެހެނަސް، ހުރިހާއެއްމެންވެސް މަޑުކުރަނީ އެރެއަށެވެ! ވަކި ބަރަކާތެއް އެރޭގައި ހުންނަނީބާއެވެ؟ އާނއެކެވެ! ޢީދުވިލޭރޭގައި ނޫނަސް ޢީދު ހެދުމެއް ގަނެވިދާނެއެވެ! ކޮންމެހެން އެރެއަށް މަޑުކުރާކަށް ނުޖެހެއެވެ. އަދި އެރެއަށް މަޑުކޮށްފިނަމަ ގިނަފަހަރަށް ރުޅިވެސް ހުންނަނީ ގަދަވެފައެވެ. މިއީ ދެން ދިވެހިންގެ އާދައެވެ! ދުވަސްކޮޅަކުން މިއީ ސަގާފަތެކޭވެސް ހީވެދާނެއެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން