ބޭރު ޓިކްޓޮކް ރީލްތަކުގައި ސްޓްރީޓް ފުޑްއާއި ޓްރެވެލް ވްލޮގްސް ގެނެސްދޭ މީހުން ގިނައެެވެ. ރާއްޖޭގައިވެސް މިކަން ކުރާ އިންފްލުއެންސަރުން މަދެއް ނޫނެވެ. ނަމަވެސް މީގެ އެއް މަސް ކުރިން މިފަދަ ރީލްތައް ގެނެސްދީގެން މަދު ދުވަސްކޮޅެއްގައި ގިނަ އާންމުންގެ މެދުގައި ވައިގައި ހިފާފައިވާ ހޭޝްޓެގެއް ފާހަގަކޮށްލަން ޖެހެއެވެެ. އެއީ # ޒިކީ މިދަނީ އެވެ. މި ފަހަކަށް އައިސް، ޒިކީ މިދަނީ ވަނީ ސޯޝަލް މީޑިއާގައި ދިވެހިންގެ އަތްމަތީ ބަހަކަށް ވެފައެވެ. ޒިކީ ދާ ތަނެއް ބަލަން ދިވެހިން ތިބެނީ ހަމަ ޒިކީއަށް ޓިކްޓޮކްގައި ފާރަލައިގެންނެވެ. އެހެންވީމާ، މާލެއަށް އުފަން އުމުރުން 18 އަހަރުގެ އާއިޝަތު ޒިވާ "ތީރު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަހަރެމެންނަށް "ޒިކީ މި ދަނީ" ކޮންތަނަކަށްކަން ކިޔާދީފައި ވެއެވެ.
ކުންފުންޏެއްގެ އެޗްއާރްގައި ވަޒީފާ އަދާކުރަމުންދާ ޒިކީގެ ޓިކްޓޮކް ހޭންޑްލް "އައިޝް ޒިކީ" ގައި އަމިއްލަ ރެސިޕީތަކާއި ފެޝަނާއި ހިޖާބް ޓިއުޓޯރިއަލް ގެނެސްދީފައި ވެއެވެ. އެޕޯލޯ ކޭކެއްގެ ރެސިޕީއާއިއެކު ވައިރަލްވި ވީޑިއޯތައް އޭނާ ގެނެސްދިނީ ކެއްކުމަށް އޮތް ހުނަރު އާއިލާއާއި ރައްޓެހިން ފާހަގަކުރި ފަހުންނެވެ. ކޮންމެއަކަސް، މި ވީޑިއޯތަކަކަށްފަހު ޒިކީގެ ހޭންޑްލްއިން އިޝްތިހާރުވެލަން ބޭނުންވާ ދިވެހި ވިޔަފާރިތައް ވަނީ އިތުރުވެފައެވެ. އެއް މަސް ތެރޭގައި ޓިކްޓޮކް ސްޓާރަކަށް ބަދަލުވި ޒިކީގެ ވާހަކަތަކަކަށް މިހިސާބުން ޖެހިލަމާ ހެއްޔެވެެ؟

ޓިކްޓޮކްގައި ފެށުން
ޒިކީގެ ޓިކްޓޮކްތައް މީގެ ކުރިން މަދުން ނަމަވެސް "އައިޝް ޒިކީ" ހޭންޑްލްގައި އޭނާ ޕްރައިވެޓްކޮށް އަޕްލޯޑްކޮށް ހަދައެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު ޕަބްލިކްކޮށް ވީޑިއޯ އަޕްލޯޑްކުރުމަށްފަހު ޒިކީ އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ އޭނާ ތައްޔާރުކުރި "އެޕޯލޯ ކޭކް" ރެސިޕީއަށް ފަހުގައި ކަމަށް ޒިކީ ބުންޏެވެ. އެ ރެސިޕީގެ އިތުރުން ލަޒާނިއާ ފަދަ ތަފާތު ރެސިޕީތައް އަޕްލޯޑް ކުރާ ޒިކީ ބުނަނީ އޭނާއަކީ އަމިއްލަ ރެސިޕީތައް އުފައްދަން މޮޅު މީހެއް ކަމަށް އޭނާގެ އާއިލާއިން ބުނާ ކަމަށެވެ. ޒިކީގެ އާއިލާއިން ދިން ހިތްވަރާއިއެކު އޭނާ ވަނީ މި ހުނަރު އޭނާގެ ޓިކްޓޮކް ޕޭޖުން ދައްކާލާފައެވެ. އޭގެ ފަހުން ފެބްރުވަރީ މަހު އަޕްލޯޑްކުރި އެޕޯލޯ ކޭކަށްފަހު އެޕޯލޯ ވެފާއަށް ޑިމާންޑް ބޮޑުވެގެން ދިޔަކަންވެސް ޒިކީ ފާހަގަކޮށްފައި ވެއެވެ. މިހާރު އޭނާ ދަނީ ލައިފްސްޓައިލް ވީޑިއޯތައް ޝާއިއުކުރަމުންނެވެ. ނަމަވެސް މަސައްކަތުގެ ވަގުތުތައް ހުންނަގޮތުން ޓިކްޓޮކް ލައިވްއަށް އަރަން ނުވިސްނާ ކަމަށް ޒިކީ ބުންޏެވެ.
ޒިކީ މިދަނީ އެކި ހުވަފެން ބަލަމުން!
މިވަގުތު ޒިކީ މަސައްކަތް ކުރަމުންދަނީ ޔުނިވާސަލް އެންޓަޕްރައިޒަސް ކުންފުނީގެ އެޗްއާރް އޮފިސަރެއްގެ ގޮތުގައެވެ. އެތަނުން ޒިކީއަށް ރިޒޯޓްތަކަށް ދާން ލިބޭ ފުރުސަތުގައި ޒިކީ އެތަންތަނުގެ ހިތްގައިމުކަން ދައްކާލާ ޓިކްޓޮކް ރީލްތައް އަޕްލޯޑްކޮށް ހަދައެެވެ. ޒިކީ ބުނީ އޭނާ ބޭނުންވަނީ ކުރިމަގުގައި މެނޭޖްމެންޓް ލެވެލްއަކުން ފެންނަން ކަމަށެވެ. މުސްތަބަލުގައި ޒިކީ މި ދަނީ ކޮންތަނަކަށް ހެއްޔެވެ؟ ޒިކީ ދާން އުޅޭ މަންޒިލްގެ ލިސްޓު ވަރަށް ދިގުކަން ފާހަގަކޮށްލަންޖެހެއެވެ. މޮޑެލްކުރުމާއި ލަވަ ކިޔަންވެސް ޒިކީ ޝައުގުވެރިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
"ޒިކީ ކުޑައިރުއްސުރެ ވަރަށް ލަވަކިޔަން. ވަރަށް ގިނަ މީހުން ބުނޭ ޒިކީގެ އަޑު ވަރަށް ރީއްޗޭ" ޒިކީ ބުނީ އޭނާގެ އަޑުން ލަވަައެއް ޓިކްޓޮކަށް ފަހަރެއްގައި ދޫކޮށްފާނެ ކަމަށެވެ.
އަބާޔާތައް އިޝްތިހާރުކުރުމަކީ އެއީ ޒިކީ ވަރަށް ކުރާހިތްވާ ކަމެކެވެ. އެގޮތުން އަބާޔާ ފެޝަން ޝޯވއެއްގައި ބައިވެރިވުމަކީ އޭނާ ދެކޭ ހުވަފެނެއްވެސްމެއެވެ. އަދި ލަވަކިޔަން އެނގޭތީ އެކަމުގެ ފުރުސަތެއް ލިބިއްޖެނަމަ ބޭނުންހިފާނެ ވާހަކަ ޒިކީ ބުންޏެވެ.
ޓިކްޓޮކަށްފަހު ޕެއިޑް ޕްރޮމޯޝަނުން ނަފާ
ޒިކީއަށް ލިބުނު މަޝްހޫރުކަމަށްފަހު އޭނާ މިހާރު ދަނި ޕެއިޑް ޕްރޮމޯޝަންތައް ހަދަމުންނެވެ. ޒިކީ ބުނީ ކޮންމެ ޕްރޮޑަކްޓެއް ޝޯކޭސް ކުރުމަށް 5000 އާއި 7000 ރުފިޔާއާއި ދެމެެދުގެ އަގެއް ޗާޖްކުރާ ކަމަށެވެ. ހުނަރުން ފުރިފައިވާ މި ޒުވާނާ ވަނީ މުސްތަގުބަލުގައި ބަލާލަން ރީތި 'ކިއުޓް ބޭކަރީ' އެއް ހުޅުވުމުގެ ހިޔާލު ހިއްސާކޮށްފައެވެ. މާލޭގައި ކުޑަކުޑަ 'ކޯޒީ' ކެފޭތައް ނުހުންނާތީ 'ބަލާލަން ރީތި' ހިތްގައިމު ބޭކަރީއެއް ހެދުމުގެ ހުވަފެނެއް ޒިކީ މި ދަނީ ބަލަމުންނެވެ.

މުޅިން ތަފާތު ޓިކްޓޮކް ތަރިއެެއް
ޒިކީގެ ވްލޮގްތަކަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބެމުންދާއިރު އޭނާގެ ވީޑިއޯތަކަށް ރާއްޖޭގެ ސޯޝަލް މީޑިއާތަކުން ވަރަށް ގިނަ މީހުން މިހާރު ދަނީ "ޒިކީ މިދަނީ" ބޭނުންކޮށްގެން އޭނާ ވާހަކަދައްކާ ވައްޓަފާޅިއަށް ޕެރޮޑީ ރީލްތަކެއް ހަދަމުންނެވެ. ނަމަވެސް ޒިކީ ބުނަނީ އޭނާ ފާޑުކިޔުންތެރިންނަށް ރައްދުދީ ނުހަދާ ކަމަށެވެ. އަދި ވީހާވެސް ރީތިބަހުން މުއާމަލާތް ކުރުމުގެ އިތުރުން ދިވެހި ބަސްތައް ބޭނުންކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ.
"ރީތި ގޮތުގައި މުއާމަލާތްކޮށް ފާޑުކިޔުންތެރިންނަށް ނަސޭހަތްތެރިވުމާއި ބެހޭގޮތުން އަޅުގަނޑު ވާނެ ވީޑިއޯއެއްވެސް ތައްޔާރުކޮށްފަ"
ޒިކީ ބުނީ އޭނާ ހަދާ ޓިކްޓޮކް ވީޑިއޯތަކުން ޓިކްޓޮކް ވީޑިއޯތައް ހަދާ ނުވަތަ ބަލާ ބައެއް މީހުންނަށް 'އިންސްޕިރޭޝަން' ލިބޭ ކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ. ޒިކީ ދައްކާފައިވަނީ ޓިކްޓޮކް ބޭނުންކުރިޔަސް ރަނގަޅު ގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރެވޭނެ ކަމުގެ މިސާލެކެވެ. އަދި ފާޑުކިޔުމުގެ ސަބަބުުން ފަހަތަށް ނުޖެހޭ އިންފްލުއެންސާއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޒިކީ.. ހިޔާލީ ކައިވެންޏެއްގައި!
ޒިކީ ބުނީ ބައެއް މީހުން އޭނާއަކީ މީހަކާއި އިނދެގެން ހުރި މީހެއް ކަމަށް ގަބޫލުކޮށް ހަދާ ކަމަށެވެ. އަދި އޭނާ ދަންނަ ކަމަށް ދައުވާކުރާ މީހުން އެގޮތަށް ވާހަކަ ފަތުރާ ކަންވެސް ޒިކީ ފާހަގަކުރިއެވެ. މުޅި ރާއްޖޭގެ 'ނޭޝަނަލް ކްރަޝް'އަށް ވެފައިވާ ޒިކީ އިނީ ބައެއް މީހުން އޭނާއަކީ މީހަކާއި އިނދެގެން އުޅޭ މީހެއް ކަމަށް ގަބޫލުކުރާތީ އެކަމާއި ހައިރާންވެފައެވެ.
ޒިކީ...ޝޯވ ޕްރެޒެންޓިން؟
ޒިކީ ބުނީ ޓިކްޓޮކްގައި ލިބުނު މަގްބޫލުކަމުގެ ސަބަބުން ޝޯވ ޕްރެޒެންޓްކުރުމުގެ އޮފާތައް މިހާރު އޭނާއަށް ލިބޭ ކަމަށެވެ.
"ވަރަށް ގިނަ މީހުން ކިޔާ ޓީވީ ހޯސްޓް އަދި ޕްރެޒެންޓަރަކަށްވުމުގެ ހުނަރު ޒިކީގެ ކިބައިގަ އެބަހުއްޓޭ"
އެހެނަސް ޒިކީ ބުނީ މިވަގުތު އޭނާ މަސައްކަތްކުރާ ދާއިރާއަށް ފޯކަސް ކުރަން ބޭނުންވާތީ ޓީވީ ޝޯވ ހުށަހަޅާއިދޭން މިވަގުތު ބޭނުންނުވިޔަސް އެކަމާއި ދޭތެރޭ ވިސްނަމުންދާ ކަމަށެވެ. އެއާއި ހިލާފަށް ސިޔާސީ ކަންކަން ޕްރޮމޯޓްކުރުމަށް އޭނާއަށް މިހާރުވެސް ލިބުނު ހުށަހެޅުންތައް ގަބޫލުކޮށްފައިނުވާ ކަމަށްވެސް ޒިކީ ހާމަކޮށްފައި ވެއެވެ.
މިހިސާބުން ޒިކީ ވަނީ ޒިކީ ދާން އުޅޭ މަންޒިލް ވަރަށް ފުރިހަމައަށް އަހަރެމެންނާއި ހަމައަށް ތިލަކޮށްފައެވެ. ނަމަވެސް، މިފަހުން "ޒިކީ މި ދަނީ" މީމްއަކަށްވުމުން ޒިކީ ވަނީ އެއީ ޖޯކު ޖަހަންޖެހޭ ވަރުގެ ކަމެއްކަމާއި ދޭތެރޭ ސުވާލު އުފައްދާފައެވެ.
"ޒިކީއަށް އޯކޭ މުޅި ރާއްޖެ ޒިކީ މި ދަނީ ކިޔަސް. ބިކޯޒް ޒިކީ މި ދަނީ. އަދި ކުރިއަށްއޮތްތާވެސް ޒިކީ ދާނަން"
ކޮންމެއަކަސް، އޭނާގެ ޝޮޕިން ހޯލްސްއާއި ކުރު ވްލޮގްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ޒިކީގެ ވާހަކައިން ދޭހަވިއެވެ. ވީމާ އިތުރު "ޒިކީ މި ދަނީ" ބަލަން އޭނާގެ ޓިކްޓޮކް ޕޭޖް ފޮލޯ ކުރުމަށް "ޒިކީ މި ދަނީ" ފޭންސްގެ ކިބައިން އެދިފައި ވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން