ކްރިކެޓްގެ އެންމެ ޝަރަފުވެރި އެއް މުބާރާތްކަމަށްވާ އިންޑިއަން ޕްރީމިއަރ ލީގްގެ މެޗްތައް މެދު ކެނޑުމާއި ގުޅިގެން އޮސްޓްރޭލިޔާއަށް ނިސްބަތްވާ ކޯޗާއި ކުޅުންތެރިނާއި ކޮމެންޓޭޓަރުން ރާއްޖެ އަތުވެއްޖެއެވެ. އައި.ޕީ.އެލް މެދު ކަންޑާލަން ޖެހުނީ ހުއްޓުމެއްނެތި އިންޑިޔާގައި އިތުރުވަމުންދާ ކޮވިޑް ކޭސް ތަކުގެ ސަބަބުންނެވެ. މި މުބާރާތުގެ ތެރެއިން، ޗެންނައި ސުޕަރކިންގް ގެ އެއް ކުޅުންތެރިއަކާއި، ސަންރައިސާރސް ހައިދަރްއާބާދުގެ އެއް ކުޅުންތެރި އެއްގެ އިތުރުން ކަލްކަތާ ނައިޓް ރައިޑަރސްގެ ދެ ކުޅުންތެރިއަކު ވަނީ ކޮވިޑަށް ޕޮސިޓީވް ވެފައެވެ. މީގެ ތެރެއިން އޮސްޓްރޭލިޔާއަށް ނިސްބަތްވަނީ އެންމެ ކުޅުންތެރިއެކެވެ.

އޮސްޓްރޭލިޔާގެ ސަރުކާރުން ފަހުން އަމަލު ކުރަންފެށި ގަވާއިދުގެ ދަށުން އެގައުމުގެ ރަށްވެހިން ނަމަވެސް، އިންޑިޔާއިން ސީދާ ގައުމަށް ދަތުރުކުރުމަކީ ޖޫރިމަނާކުރެވޭނެ ބޮޑު ކުށެކެވެ.

ކްރިކެޓް އޮސްޓްރޭލިޔާ ފަރާތުން ހާމަކުރިގޮތުގައި ކުރީގެ އެއް ބެޓްސްމެން ގެ ފަރާތުން ކޮވިޑަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެންނަން ހުރުމުން އޭނާވަނީ 10 ދުވަހަށް ކަރަންޓީން ކޮށްފައެވެ. މި އެންމެން އެނބުރި އޮސްޓްރޭލިޔާއަށް ދިއުމުން އެގައުމުގައި ވެސް 14 ދުވަސް ކަރަންޓީން ވާން ޖެހެއެވެ.