އިސްލާމްދިނަކީ އެންމެ އޯގާތެރި، އިހްސާންތެރި ދީނެވެ. މި ދީނުގައި އޯގާތެރިވުމަށް އަންގަވާފައިވަނީ ހަމައެކަނި އިންސާނުންނަށް އެކަންޏެއް ނޫނެވެ. ދިރޭތަކެތީގެ ތެރެއިން ތަފާތު އެކި އެކި ޖަނަވާރުންނަށްވެސް ހެޔޮކޮށް ހިތާ، އެތަކެއްޗަށް އަޅާލުމަށް އިސްލާމްދީން ނުހަނު ބާރުއަޅައެވެ. ދިރޭތަކެއްޗަށް އިހްސާންތެރިވުމަށް ކީރިތި ޤުރުއާނުން ދަލީލް ލިބޭއިރު، މާތް ނަބިއްޔާގެ ހަޔާތްޕުޅުން ފެނިގެންދަނީ ދިރޭތަކެއްޗަށް އޯގާތެރިވުމުގެ މޫރިތި ސިފަފުޅެވެ.

 

ދިރޭތަކެއްޗަށް އޯގާތެރިވުމަށް އަމުރުކުރައްވައި ގުރުއާނުގައި އައިސްފައިވާ ބައެއް ދަލީލްތައް:

ކީރިތި ގުރުއާނުގެ އައްރަޙްމާން ސޫރަތުގެ 10 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ.

" އަދި ޚަލްޤުތަކުންނަށްޓަކައި އެކަލާނގެ ބިންލައްވަވާފައިވެއެވެ."

އަދިވެސް ސޫރަތުލް އަންޢާމްގެ 38 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނަގައި ވެއެވެ. "ފުރާނައެއްހުރެގެން ބިމުގައިއުޅޭ ދިރޭކޮންމެ އެއްޗެއްވިޔަސް، އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީ ނުވެއެވެ. ފޮތުގައި (ނުލިޔުއްވައި) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (ޤިޔާމަތްދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ ހަޟްރަތަށެވެ."

ދިރޭތަކެއްޗަށް އަނިޔާވެރިވެ ގޯނާކުރުމުގެ ނުބައިކަން:

ކީރިތި ރަސޫލާ (ޞ.ޢވ)ގެ ހަދީޘްފުޅުން ސާބިތުވާ ގޮތުގައި ދިރޭތަކެއްޗަށް އަނިޔާވެރިވުމަކީ ނަރަކައިގެ އަޒާބަށް ހުށަހެޅިގެންދާ ކަމަކެވެ. އެގޮތުން ބުޅަލަކަށް ކާންނުދީ، އެބުޅާ މަރުވަންދެން އައްސާފައި ބޭއްވި އަންހެނަކު ނަރަކައަށް ވަންނަން ޖެހުނު ކަމަށް ޙަދީސްގައި އައިސްފައި ވެއެވެ. އެ އަންހެންމީހާ އެބުޅަލަށް ކާކަށް އަދި ބޯކަށް ނުދެއެވެ. އަދި އެ ބުޅާ އަމިއްލައަށް ކައިބޮއި ހެދުމަށް ދޫކޮށެއްވެސް ނުލިއެވެ. (މުސްލިމް އިބްން އަލްހައްޖާޖް، އަލްމުސްނަދު އަލްސަޙީޙް)

ފޮޓޯ: ތީރު

 

ދިރޭތަކެއްޗަށް އޯގާތެރިވުމުގެ މާތްކަން:

ފެންބޮވާފައިވާ ކުއްތާއަކަށް ފެންދިން ކަސްބީ އަންހެންމިހާއަށް ﷲ ފާފަފުއްސެވިކަން އިތުރު އެކަލާގެފާނުގެ ހަދީޘްފުޅުތަކުން ސާބިތުވެއެވެ. މިހަދީޘްފުޅުތައް ސަހީހް ބުޚާރީ އަދި އަލްމުސްލިމްގައި ރިވާވެގެންވެއެވެ.

 ބުޅަލަށް އަދި ދޫނިސޫފާސޫތްޕަށް އަނިޔާވެރި ނުވުމަށް ކީރިތި ރަސޫލާ (ޞ.ޢވ) އަމުރުކުރައްވާފައި ވެއެވެ. ބައެއް އަސްހާބުން ބުޅަލަށް ބެހެއްޓެވި ލޯތްބެއްގެ ސަބަބުން އެބޭފުޅުންނާއި މުޚާތަބު ކުރެވެނީވެސް އެފަދަ ނަންތަކުންނެވެ. އެގޮތުން އެންމެ ގިނަ ހަދީޘް ރިވާ ކުރެއްވި ސަހާބީއަށް ނަންދެވިފައިވަނީ " އަބޫ ހުރައިރާ" މާނައީ ބުޅަލުގެ ބައްޕައެވެ. މިއިން ދޭހަވެގެންދަނީ އިސްލާމްދީނުގައި އެކިއެކި ދިރޭތަކެއްޗަށް އޯގާތެރިވުމަށް ބާރުއަޅުއްވާފައިވާ މިންވަރެވެ.

އެހެންކަމުން އަޅުގަނޑުމެންނަކީ ދިރޭތަކެއްޗައް އޯގާތެރި އަޅާލާ ބަޔަކަށް ވާން މަސައްކަތްކުރަންޖެހެއެވެ. ރާއްޖެއަކީވެސް ނިސްބަތުން ބަލާއިރު އިންސާނުން ދިރިއުޅޭ މާހައުލުގައި ދިރޭތަކެތި ފުދޭވަރަކަށް ގިނައިން އުޅެމުންދާ ޤައުމެކެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އެތަކެއްޗާ ދޭތެރޭ ކަންތައްތައް ކުރުމަކީ ރިވެތި އަޚްލާގުގެ ތެރެއިންވާ މާތް އަޅުކަމެކެވެ. ވީމާ ދިވެހި މުޖުތަމައުގައި މިތަކެތި ގެންގުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.