ދިވެހިންނަކީ ކަންނެތް ބައެއްކަން ކުރީގެ ދުވަސްތަކުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އެކިއެކި ސައްޔާހުން ފާހަގަ ކޮށްފައި ވެއެވެ. ގިނަ ދިވެހިންނަށް އެ ބައިމީހުންގެ ދުވަހުގެ މުހުތާދުތައް ފުދުނީމައި އެ ނިމުނީ ކަމުގައި އެ މީހުން ފާހަގަކުރެއެވެ. ލިބޭ އެއްޗެއް ދެގުނަކޮށް ފަހަށް ރައްކާކުރުމާއި އެއިން އިތުރު ނަފާ ހޯދުމަކަށް ދިވެހިން ނުވިސްނައެވެ. 

މިއަދު ވެސް އަހަރެމެންގެ ތެރޭގައި ފެނިގެން ދަނީ އެ އާދައެވެ.  ދިވެހިންނަކީ މަސައްކަތާއި ދުރު ބައެކެވެ. ލުއި ފަސޭހަކޮށް އުޅެން އާދަ ވެފައިވާ ބައެކެވެ. ކިރިޔާވެސް މަސައްކަތެއް ނުކޮށް އެއްޗެއް ލިބޭ ކަމުގައި ވާނަމަ ދިވެހިން ޚިޔާރު ކުރާނީ އެ މަގެވެ.

ދިވެހިންގެ ތެރެއިން ދަނޑުވެރިކަން ކުރަމުންދިޔަ ގިނަ ބަޔަކު އެކަމުން މިހާރު ދަނީ އެއްފަރާތް ވަމުންނެވެ. ނުވަތަ ވަނީ އެއްފަރާތް ވެފައެވެ. ދިވެހިންގެ އަތުން ހައްދާ ދިވެހިންނަށް ފޯރުކޮށްދެމުންދިޔަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް މިހާރު ހައްދަނީ ބިދޭސީންނެވެ. އެ ވިއްކުމުގައި ބަނދަރު މަތީގަ އާއި މާރުކޭޓްގައި ފައިވިއްދާފައިވަނީ ބިދޭސީ ފަރާތްތަކެވެ. މިހެން ވުމުން ދަނޑުވެރިކަމުން ދިވެހިންނަށް ލިބެންވާ ފުރިހަމަ ނަފާ ދިވެހިންގެ އަތުން ބީވެގެން ހިނގައްޖެ ނޫންތޯއެވެ؟

ދިވެހިންގެ ވެރިރަށް މާލޭގެ ގިނަ ކުދި ވިޔަފާރިތައް ކޮންޓްރޯލް ކުރަނީ ބިދޭސީންނޭ ބުނުމުން އެއީ ނުވާކަމަކަށް ހެދޭނެ ހެއްޔެވެ؟ ހޮޓާ ކެފޭ ތަކުން ދިވެހިންނަށް ދިވެހި ރަހަތައް ލިބުމީ ނާދިރު ކަމެކެވެ. އެކަމަށް ރުހިގެން ތިބުން ނޫން ގޮތެއް ދިވެހިންނަށް މިއަދު ނެތެވެ.

ދިވެހިންގެ ހުނަރުވެރި ރޭނުމާއި ވަޑާމުގެ މަސައްކަތްތައްވެސް މަޑުމަޑުން ދަނީ ފުސްވަމުންނެވެ. ދިވެހިން އޭނގެ ތެރެއިން ފެންނަނީ މަދު މަދުންނެވެ. އެ ހުނަރު ހުރި ދިވެހިން ދަނީ ހައްތަހާ މަދުވަމުންނެވެ. އެކަމަށް އަތް ގަދަ ކުރަމުން ދަނީ ބިދޭސީންކަން ހިތާމައާއެކު ފާހަގަ ކުރަންޖެހެއެވެ. 

ދިވެހިންނަކީ ރީތިކޮށް ބޯކޮށައި ތުނބުޅި ހަދާދިނުމުގައި ކުރިން ލާމަސީލު ނަމޫނާ ބައެކެވެ. އެހެނަސް މިއަދު އެހެން ތޯއެވެ؟ ދިވެހިންގެ ތެރެއިން އެ ހުނަރު ފަނޑުވެ ހިނގައްޖެއެވެ. މިހާރު ދިވެހިން ކަރު ދިއްކޮށްލަނީ ބިދޭސީ މީހާގެ މިޔަ ތޫނު ކުރަފަތުގެ ކުރި މައްޗަށެވެ. 

ދިވެހިން ކުރަމުން އައި  މަސްވެރިކަން ދަސްކުރުމަށް މިހާރު އަތުކުރި އޮޅާލާފައި އެ ވަނީ ބިދޭސީންނެވެ. ގިނަ ދޯނި ފަހަރުގައި އެއް ބިދޭސީއަށް ވުރެ ގިނަ ބިދޭސީން ތިބޭކަމީ ހަޤީޤަތެކެވެ. އެ ހަޤީޤަތް އަހަރެމެން ގަބޫލު ނުކޮށް މިއަދު ވަރިހަމަ ކޮށްލައިގެން ތިބެއްޖެ ނަމަ އަހަރެމެންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގައި ވެސް ނުފޫޒާއި ބާރު އޮންނާނީ ބިދޭސީން އަތްމަތީގައެވެ.

މި ހުރިހާ ކަމެއް މިހެން ދިމާވާން މި ޖެހުނީ ކީއްވެ ހެއްޔެވެ؟ ދިވެހިންގެ ކަންނެތްކަން މި ކަންކަން މިހެން ދިމާވުމުގައި ނުވޭ ހެއްޔެވެ؟ އިގްތިސާދުގައި ދިވެހިން އިތުރަށް ހަރަކާތްތެރި ބަޔަކަށް ވާކަށް ނުޖެހޭ ހެއްޔެވެ؟ ދިވެހިން އަދިވެސް ހަމަ ކޮންމެ ކަމެއް ވަރިހަމަ ކޮށްލައިގެން ތިބޭ ބައެއްގެ ގޮތުގައި ތިބޭންވީ ހެއްޔެވެ؟