ކުއްލި މަރުތައް އަހަރުމެންގެ ތެރޭގައި ޢާއްމުވަމުން އަންނަކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. އިއްޔެ ޙެޔޮޙާލުގައި ހުރި މީހަކު މިއަދު ކަފުނަށް ލެވިފައެވެ. މިއަދު ހެނދުނު ގަދަވެ ސަލާމަތުން ހުރި މީހަކަށް މިއަދު މެންދުރު ކަށުނަމާދު ކުރެވެނީއެވެ. ރޭގަ ކޮފީއަކަށް ގޮސް، މަޖާކޮށް ސަކަރާތްޖަހާފައި ދިޔަ އެކުވެރިޔާ، ފަތިސްވީއިރު ދުނިޔެ ދޫކޮށްފިއެވެ. އެމީހަކާއެކީ ޢީދުގެ ތައްޔާރީތައްވެ، ކުރާނެ އެތައްކަމެއް ރާވާފައި ހުއްޓާ، ކުރިޔަށް ގެންދަން ޖެހުނީ އެމީހެއްގެ ޖަނާޒާއެވެ. މިކަހަލަ ކިތަށްމެ މަރެކެވެ. ހަމަ ކުއްލިއަކަށެވެ. އެތަށް ބަޔަކަށް ސިހުން ގެނުވާފައެވެ.

މަރަކީ ވަކި އުމުރަކަށް ޚާއްސަ މެހެމާނެއް ނޫނެވެ. މަރުގެ ދަޢުވަތަށް އިޖާބަ ނުދިނުމަށް ދެއްކޭނެ އުޛުރެއްވެސް ނޯވެއެވެ. ކުޑަކުއްޖަކަށް އަދި ބޮޑުމީހަކަށްވެސް އެމަރުގެ ސަކަރާތުން މިންޖެއް ނުވެވޭނެއެވެ. ކަށުނަމާދު ޕޭޖަށް ބަލައިލިޔަސް ހާމަވަނީ އެކަމެވެ. އެންމެ ދުވަހެއްވެސް ނުފުރޭ ތުއްތު ފުރާނައެއްގެ މައްޗަށް ކުރެވޭ ކަށުނަމާދުގެ ވާހަކަ އިންނައިރު، އެއާ ވިދިގެން 65 އަހަރުގެ މުސްކުޅި މާމައެއް ނުވަތަ ކާފައެއްގެ ކަށުނަމާދަށް ގޮވާލެވިފައިވާތަން ފެނެއެވެ.

ގަދަބަދަވިކަންމަތީ އުޅުނު ނޫކަށިފުރައިގެ ޒުވާނުންނާއި، ގައިބާރު ދެރަވެފައިވާ މުސްކުޅިންނެވެ. ހެލިފެލިވެ އުޅޭ ކުޑަކުދިންނާއި، އަދި ފިރުކެންވެސް ނުފެށޭ ތުއްތު ކުދިންނެވެ. އުމުރަކަށް އަދި އަހަރަކަށް އެ 'މަރު' މަޑެއް ނުކުރެއެވެ. ވަގުތު ޖެހުމުން އައިސް ގޮވައިގެން ދަނީއެވެ. އެހެންކަމުން ޙެޔޮ ޢަމަލުތައް ފަސްކޮށްފައި ބަހައްޓައިން ވާކަށް ނެތެވެ. މުސްކުޅިވީމާ ނަމާދުކުރަން ތިބޭއިރު، މުސްކުޅިވަންދެން ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީންކަން އޮތީ ކާކަށް ހެއްޔެވެ؟ މިއުޒިކު އަޑުއެހުން ހުއްޓާނީ 'މާދަމާ' ކަމަށް ބުނެފައި، މާދަމާއަށް ލޯ ނުހުޅުވި އަބަދުމެ އަބަދަށް ލޯމަރާލަން ޖެހިދާނެ ނޫން ހެއްޔެވެ؟

މިފަދަ ކުއްލި މަރުތަކަކީ ދިރިތިބީންނަށް ހުރި ފިލާވަޅެކެވެ. ހަނދާންކޮށްދިނުމެކެވެ. މަރުވާނީ ވަކި ވަގުތެއް ޖެހުނީމާ ނޫންކަން ބުނެދޭ 'ރިމައިންޑަރ' އެކެވެ. ކޮންމެ އުމުރެއްގައި، ކޮންމެ ވަގުތެއްގައިވެސް މަރާ ބައްދަލުކުރަން ޖެހިދާނެކަމަށް ދެވޭ ޢިބުރަތެކެވެ. ކުއްލި މަރުތަކުން އަހަރުމެންނަށް ބުނެދެނީ، ހިނަވާފައި ކަފުނަށް ލެވޭނީ ހަމައެކަނި ބޮޑު ބައްޔެއް ޖެހުނީމަ ނޫންކަމެވެ. ނުވަތަ މުސްކުޅިވީމައެއްވެސް ނޫންކަމެވެ. ސިއްޙަތު ސަލާމަތުން ޙެޔޮޙާލުގައި ހުންނަ މީހާއަށްވެސް މަރުގެ ދަޢުވަތު އަތުވެދާނެކަމެވެ. މިކަންކަމުން އަހަރުމެން ޢިބުރަތް ހާޞިލްކުރަން ޖެހެއެވެ. އަބަދުވެސް މަރަށް ތައްޔާރުވެ ތިބެންޖެހެއެވެ. 

މަރުވާނެކަން ގައިމެވެ. މަރުގެ ވަގުތު އައުމުން އިތުރު މުހުލަތެއް ނުލިބޭނެއެވެ. ކީރިތި ޤުރުޢާނުގައި ވަޙީކުރައްވާފައިވެއެވެ. "އަދި اللَّه، އެއްވެސް نفس އެއް، އޭގެ أجل އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (63:11) އެހެންކަމުން ބުއްދިވެރީ، އަބަދުވެސް މަރަށް ތައްޔާރުވެ ތިބުމެވެ. ކުއްލި މަރުތަކުން ޢިބުރަތް ހާޞިލްކޮށް ފިލާވަޅު ލިބިގަތުމެވެ.