ޕާޓް 01
އިރު އޮއްސުނީއެވެ. ދުވަހެއް ނިމި ދިޔައީއެވެ. ދެން ދިރިތިބީންނަށް އޮތީ އާ ދުވަހަކަށް އިރު އަރާނެކަމަށް އުންމީދު ކުރުމެވެ. އެ އުންމީދުގައި އިންތިޒާރުގެ ވަގުތު ތައް ނުގަމުން ދިއުމެވެ. އެއީ ދުނިޔެ އޭގެ މައްޗަށް ދައުރު ވަމުންދާ ގޮތެވެ. އިލާހީ ސުންނަތެވެ.
އަހަރެން ފަދައިން އާ ދުވަހަކަށް ހަޔާތުގެ އިރު އެރުމަށް އިންތިޒާރު ކުރާ ބަޔަކު ދުނިޔޭގައި އުޅޭނެކަން ގައިމެވެ. އަހަންނަކީވެސް މިއަދު މި ހާލުގައި އޮތް ކަމަކު އަހަރެންގެ އިއްޔެ އުފަލާއި ހިތްހަމަ ޖެހުމުގައި އުޅުނު މީހަކީމެވެ. ކުޑަކުޑަ އާއިލާއެއް ޒިންމާދާރު ކަމާއި އެކު ބަލަހައްޓަމުން ދިޔަ މީހަކީމެވެ.
އަހަރެން އުންމީދު ކުރަމުން މި ދަނީ އަހަރެންގެ މާދަމާ އުޖާލާ ވާނެ ކަމަށެވެ. ކުރިން އުޅެމުން އައި އުފާވެރި ދިރިއުޅުން ލިބޭނެ ކަމަށެވެ. އެހެނަސް އެ އުންމީދު ފުރިހަމަ ވެދާނެ ކަމަށް އޮތީ ހަނި ފުރުސަތެކެވެ. މައިންބަފައިން ކިތަންމެ ހިތްވަރެއް ދިނަސް އަހަރެންގެ ހިތްވަރު އެލޭ ކިތަންމެ ވަގުތެއް ދެއެވެ. އަހަރެން ލޮލުން ކަރުނަ ނިރާލާ ފަހަރުތައް މަދެއް ނޫނެވެ. ބަލި އެނދުގައި ތަންމަތިވެފައި އަހަރެން މިހެން އޮންނަން މިޖެހެނީ އަހަރެންގެ ކުށަކުން ނޫނެވެ. މިގޮތަށް އޮންނަތާ މިހާރު އަހަރެއް ވާން ދަނީއެވެ. އެހެނަސް އުންމީދު ނަގައެއް ނުލަމެވެ. ހުވަފެންތައް ދޫކޮށެއް ނުލަމެވެ.
އަހަރެން ސިކުނޑީގައި މިހާރުވެސް އިއްޔެ ވީކަމެއް ހެން އެ ހަނދާންތައް އެނބުރެމުން ދެއެވެ. އެހެން ރޭތައް ފަދައިން އެ ރެއަކީވެސް އަހަންނަށް އާދައިގެ ރެއެކެވެ.
"ކޮބާ މީރު އެއްޗެއް މިރޭ ހަދާލައިގެން ނުނިދާ ހުންނައްޗޭ،" އަންހެނުންނަށް ގުޅާލާފައި އަހަރެން ބުނީމެވެ.
"ދެން ތިހެން ނުބުންޏަސް ލޯބީގެ އިންތިޒާރުގައި އަހަރެން ހުންނާނެއެއްނު،" އަންހެނުން ވަރަށް ލޯބިން ބުނެލިއެވެ. ކުޑަކޮށް ވާހަކަ ދައްކާލަން މަޑު ކޮށްލުމަށްފަހު އަހަރެން ފޯނު ބޭއްވީމެވެ.
އެ ރޭ ނޫނީ އާންމުކޮށް ޑިއުޓީ ގަޑީގައި އަހަރެން އަންހެނުންނަށް ގުޅައި ނޫޅެމެވެ. އެކަމަކު ވެސް އެ ރޭ ހަމަ މިސް ވާވަރުން އަންހެނުންނަށް ގުޅާ ލެވުނީއެވެ. އަހަރެން ހުރީ ޑިއުޓީ ނުނިމިފައެވެ. އަންހެނުން ކައިރިއަށް ދާ ހިތުން ކެތް މަދުވެފައެވެ. ޑިއުޓީ ނިންމާފައި ގެއަށް އައުމަށް ސައިކަލުގައި އަހަރެން ނައްޓާލީމެވެ. އޭރު މެންދަމު 12:30 ހާއިރު ވެދާނެއެވެ.
މަގުމަތި ވަރަށް އަމާނެވެ. ދުއްވާ އެއްޗެހި މަދެވެ. އަހަރެން ސައިކަލު ދުއްވަމުން ދިޔައީ އާދައިގެ ވަރަކަށް މަޑުންނެވެ. ސައިކަލުގައި ދުއްވަމުން ގޮސް ގޯޅިއަކުން މަގަށް ނުކުމެވުން ތަނާ ވަރަށް ބާރަށް ދުއްވާފައި އަންނަ ސައިކަލެއް އަހަންނަށް ފެނުނެވެ. ސައިކަލު އަންނަ ގޮތުން ކޮޓްރޯލުން ނެއްޓިގެން އަންނަހެން ހީވެގެން ބުރެކިޖައްސާ އަހަރެންގެ ސައިކަލު މަޑު ކޮށްލަން އުޅެނިކޮށް ވަރަށް ބާރަށް އައިސް އެ ސައިކަލުން އަހަރެން ގެ ސައިކަލުގައި ޖެހުނުކަން އެނގެއެވެ.
ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ފައި ބިނދި މައިބަދައިގެ ދެތަނަކުން ރެދުލާ ފައި ހުރިކަމަށް ޑޮކްޓަރުން ބުންޏެވެ. ނަސީބު ރަގަނޅުކަމުން ބޮލަށް މާ ބޮޑު ގެއްލުމެއް ނުލިބި ސަލާމަތް ވެވުނީ ހެލްމެޓް އަޅާފައި ހުރުމުންނެވެ.
ފައިގެ އޮޕަރޭޝަނަށް ފަހު މައިބަދައިގެ އޮޕަރޭޝަން ވެސް ކުރެވުނެވެ. ޑޮކްޓަރުންގެ ފަރާތުން އަހަންނަށް އިވުނީ އުންމީދު ފުޑުފުޑުވެގެން ދާނެ ފަދަ ބަސްތަކެވެ. އެ ބަސްތައް އަހަރެންގެ ކަންފަތުގައި ހޮނު ގުގުރިއެއް ހެން ގުގުމަކުން ދިޔަ ނަމަވެސް އަހަރެން އުންމީދު ނަގައެއް ނުލަމެވެ. ކުރީގެ ދިރިއުޅުމަށް އައުމަށް އުންމީދު ނުކުރާނީ ވެސް ކާކު ހެއްޔެވެ؟ ފައިގެ އޮޕަރޭޝަން ކާމިޔާބު ވިއެއް ކަމަކު މައިބަދައިގެ އޮޕަރޭޝަން ކާމިޔާބެއް ނުވިއެވެ. ޑޮކްޓަރު އެ ޚަބަރު ދިނުމުން އަހަންނަށް ރޮވުނެވެ. ކަރުނަތައް އޮބަހައްޓަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަހަރެންގެ ބަނަ ކުރިމަގު ހިތައް އެރުމާއެކު އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް ކޯތާފަތުގައި ބިހިލަމުން ބާލީސް ތެންމަމުން ދިޔައެވެ. އަހަންނަށް ގިސްލެވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ ހުރިހާ އުންމީދެއް ފެނަށް ދިޔައީ ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. ދެން އެނބުރި ކުރީގެ ދިރިއުޅުމަށް ނާދެވޭނޭ ކަމުގައި ހިތް ބުނަމުން ދިޔައެވެ. މީހާ ހިތްވަރު އެލި އެއްކޮށް މާޔޫސް ވިއެވެ. މަހެއްހާދުވަހު ހޮސްޕިޓަލްގައި އޮތުމަށްފަހު ގެއަށް ދޫކޮށްލިއެވެ.
ގެއަށް ބަދަލުވިތާ ކުރީ ކޮޅު ރަހުމަތްތެރިން އަހަރެންގެ ކައިރިއަށް އާދެއެވެ. މަޖާ ވާހަކަ ތަކާއި ސަކަރާތް ޖެހުމުގައި ވަގުތު ހޭދަކުރިއެވެ. އެހެނަސް ގިނަ ދުވަސްވީ ވަރަކަށް އެ ކަންތައްތަށް ވެސް މަދުވަމުން އައިސް މުޅިން ހުއްޓިއްޖެއެވެ. މިއަދަކު އަހަރެންގެ ރަހުމަތްތެރިއެއް ނެތެވެ. އޮފީސް އެކުވެރިއެއް ނެތެވެ. ވާނީވެސް އެހެންތާ އެވެ. މިއަދަކު އަހަންނަކަށް އެމީހުންނާއެކު ކޮފީއަށް ދެވޭކަށް ނެތެވެ. އަހަންނަށް އޮތީ މިންވަރަށް ރުހިގެން އޮތުމެވެ. މިވެސް ތުގުދީރުގައި އޮތް ގޮތް ކަމަށް ގަބޫލު ކޮށްގެން ކެތްތެރި ވެގެން ހުރުމެވެ.
ކޮންމެ މީހަކަށް ވެސް ރިހުމެއް އިހުސާސް ވާނީ އެ މީހަކަށް އެ ރިހުމެއް ތަޖުރިބާ ކުރެވުމުން ކަން ގައިމެވެ. އެކަން މިއަދު އަހަރެން ގަބޫލު ކުރަމެވެ. އަހަންނަށް ވެސް މިއަދު އެ މަގުން ހިނގަން ޖެހިފައި އޮތަތީއެވެ.
-ނުނިމޭ-
