2025 އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެން ބާކީ މިއޮތީ އެންމެ ދެ ދުވަހެވެ. ދިވެހީންގެ އާދަކާދައިގެ މަތިން މިހާރު މީހުންގެ ހަނދާނަށް މިކަން އަންނަކަމުގެ އިހްސާސް ފޮތް ފިހާރަތަކުންނާއި ޕްރިންޓްކުރާ ތަންތަނަށް ބަލައިލީމާ ކުރެވެއެވެ. އެހެން ފިހާރަތަކަށްވުރެ މި ދެންނެވި ފިހާރަތަކާއި ތަންތަން ބާރުބޮޑުވެފައިވާތީ ފެންނަނީ މިހެންވެއެވެ.
1446 ގެ ރަމަޟާންމަހާއެކު ސުކޫލު ކުދިންނަށް ބޮޑުބަންދުވިއެވެ. ދެން ސުކޫލު ހުޅުވޭނީ ޢީދު ބަންދަށްފަހުކަން ސަރުކާރުން ކުރިޔާލާ އިޢުލާން ކުރިއެވެ. އަދި ސުކޫލު ކުދިންގެ ވައުޗަރުތައް އެ ކުދިންގެ ބެލެނިވެރިންނަށް ސުކޫލު ތަކުން ހަވާލުކުރިއެވެ. ނަމަވެސް، ފައިބައިގެން މިދާ ބޮޑު ބަންދު ހަމަ ދިޔައީއެވެ. ގިނަ މީހުން ފޮތްތައް ހަމަކޮށްލައެވެ. އެއީވެސް ސުކޫލުން ވައުޗަރު ހިފައިގެން ނުކުންނައިރު އެ ވައުޗަރުތަކުގެ އިންތިޒާރުގައި ތިބޭ ބުކްޝޮޕްތަކުގެ ކުދިންގެ ސަބަބުންނެވެ. އަވަހަށް އެކަމުން ބޮލުން ސަލާމަތްވުމަށް ކޮންމެވެސް ބުކްޝޮޕަކާ ހަވާލުކޮށްލަނީއެވެ. ބައެއް ބުކްޝޮޕްތަކުން ވައުޗަރ ވައިބަރ ކޮށްލީމާ ގެޔަށް ފޮތްބައި ގެންދަނީއެވެ. އެހާވެސް އެކަން ފަސޭހަވެފައިވާތީ ގިނަ މީހުން ކުރިޔާލާ ފޮތްތައް ހަމަކޮށްލައެވެ.
ނަމަވެސް، މައްސަލަ ޖެހެނީ ނަންކަރުދާސް ހެދުމާއި، ފޮތުގައި ކަރުދާސްލާންޖެހޭ ހިސާބުންނެވެ. އަމިއްލައަށް ޕްރިންޓްކުރާ ތާކަށް ދާންޖެހޭތީ ލަސްކޮށްލަކޮށްލާ ތިބެވެނީއެވެ. ދެން އެކަމާ ހަނދާންވަނީ ސުކޫލު ހުޅުވެން ދެ ދުވަހަށްވީމައެވެ. މިއަދު މިއޮތީ އަނެއްކާވެސް އެދުވަސް އައިހެވެ. އެންމެން ހޭބޯނާރާ ދުވަނީ ޕްރިންޓް ކުރާ ތަންތަނަށެވެ. ގިނަ ތަންތަނުން ހަވާލު ނުވާން އުޅެނީ ލިބިފައިހުރި އޯޑަރތައްވެސް ދުވަހަށް ނުނިމިދާނެތީއެވެ. ސުކޫލަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދަން ބުކްޝޮޕަކަށް ވަދެވެންވެސް ނެތެވެ. މީހުން ގިނަކަމުންނެވެ.
މިހެން މިކަން ދިމާވަނީ ހުރިހާކަމެއް އެންމެ ފަހުވަގުތަށް ލަސްކުރެވޭ ގޯސް އާދައިގެ ސަބަބުންނެވެ. އެއް މަސްދުވަހަށްވުރެ ގިނަ ދުވަސް މިކަމަށް ލިބުނުއިރު، އެންމެންވެސް އެންމެ ފަހު ވަގުތަށް ލަސްކޮށްލެވޭތީއެވެ. ކޮންމެ ކޮންމެ މީހަކު އަތުގައި ޕްރިންޓް ކުރެވޭނޭ ގޮތެއް ނެތީމާ، ދެން ޖެހެނީ އެފަދަ ތާކަށް ދާށެވެ. މިޒާތުގެ ކަންކަން ރަނގަޅު ކޮށްލުމަށް ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. ވަގުތު އޮއްވައި ކަންކަން ތަރުތީބުކޮށްލުމާއި، ކަންކަން ފަހުން ކުރަން ނުބަހައްޓައި އެކަމެއްގެ ވަގުތުގައި އެކަމެއް ކޮށްލުމެވެ. މިހެން މިކަން ފާހަގަ ކޮށްލިކަމުގައިވިޔަސް، އާދިއްތަ ވިލޭރޭ އަދި ކަންތައް ބޮޑުވާނެއެވެ. އެއީ ސުކޫލު ދަރިވަރަކު ގޭގައި އުޅޭކަން އަދި މާދަމާ ސުކޫލަށް ދާން ޖެހޭކަން ގިނަ ބެލެނިވެރިންނަށް ހަނދާންވާނީ ހޮނިހިރު ދުވަހު މެންދުރުން އަނބުރާލީމައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން