ފަލަޞްޠީނަށް ދެމުންދާ ހަމަލާތަކުގެ ވާހަކަ އެއް އިރެއްގައި ވަރަށް ބާރަށް ދެކެވެއެވެ. އަނެއްކާވެސް އަޑު މަޑުވަމުން ގޮސް، އެ އަނިޔާތަކާއި ލާއިންސާނީ އިސްތިޢުމާރަކީ 'ނޯމަލް' ކަމެއް ކަމުގައި ދެކެވެން ފެށެނީ ކަންނޭނގެއެވެ. އެހާމެ އަޑުތައް މަޑުވެއެވެ. އެކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ވަރަށް މަދުވެއެވެ. ނަމަވެސް އެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ވޭނަކަށް ބަދަލެއް ނާދެއެވެ. ގެތައް ބިމާ ހަމަކުރުމަށް އޮއްސާ ބޮންތައް މަދެއް ނުވެއެވެ. ހައްޔަރުކޮށްގެން ޖަލުތަކަށް ގެންގޮސް، އެ ދެމުުންދާ އަނިޔާތަކަށް މަޑުޖެހުމެއް ނާދެއެވެ. ނަމަވެސް ފަލަޞްޠީނުގެ ޙާލަތު 'ޓްރެންޑް' އަކަށް ވެފައި، އިރުކޮޅަކުން އެކަން ހުއްޓުނީމާ ކަމަކު ނުދެއެވެ.
ބަނޑުހައިހޫނުކަންމަތީ ބިކަ ކޮށްފައިވާ އެތައް މިލިއަން ރައްޔިތުންނެވެ. ދަރިފުޅު ލާނެ އަންނައުނެއް ހޯދާ މައިންބަފައިންނެވެ. ބޯނެ ފެންފޮދެއް ނަސީބު ނުވެފައިވާ، އެއީވެސް އިންސާނުންނެވެ. އިންސްޓަގްރާމް އަތްފުނާ އަޅާލުމުން ފެނިގެންދަނީ އެރައްޔިތުން އެހީއަށް އެދިފައި ހުންނަ ވީޑިއޯތަކެވެ. އެ ތަނަށް ދެމުންދާ ހަމަލާތަކުގެ ވާހަކަ ދައްކާލެއް މަދުވާ ދުވަސްވަރެއްގައިވެސް، އެ ވީޑީއޯތަކަށް ބަދަލެއް ނާދެއެވެ. އެކަމުން އެނގިހާމަވަނީ، ފަލަޞްޠީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ޙާލަށް ބަދަލެއް ނާންނަކަމެވެ.
ވީޑިއޯތަކުން އެހީއަށް އެދޭ އެތައް ފަރާތްތަކެއް އިނގިރޭސި ބަސް ދަސްކުރީވެސް އެމީހުންގެ ޙާލަތު ދުނިޔެއަށް ބަޔާންކޮށްދިނުމަށެވެ. އެމީހުންގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއަށްވުރެ ދުނިޔޭގެ ކަންފަތް ބީރެވެ. އިންތިހާއަށް ދުނިޔޭގެ ލޯ ކަނެވެ. އަތްތައް ނުކުޅެދެއެވެ. ނޫންނަމަ މިއަދު މުޅި ދުނިޔޭގެ ކުރިމަތީގައި، އެ ފަލަޞްޠީނުގެ ރައްޔިތުން އެ ޙާލުގައި އުޅެން ނުޖެހުނީހެވެ.
ފެންނަމުންދަނީ ހަށިގަނޑުން ބޮލާއި އަތްފަދަ ގުނަވަންތައް ވަކިވެފައިވާ މަންޒަރެވެ. ފުރާނަހުރި މީހެއްގެ ގައިމަތިން އެ ބަރު ބުލްޑޯޒަރ ދުއްވާ ޗިސްކޮށްލި ތަނެވެ. މީހުންގެ ހަށިގަނޑުން ބުރުއްސައިގެން ގޮސްފައިވާ މަސްތަކެވެ. އެ އަޅާ ބޮންތަކުގެ ވަރުގަދަކަމުން މީހުން ވިއްސައިގެން މައްޗަށް އަރާ ތަނެވެ. އެއަރާ ބާރު މިނުގައި އެހާ މަތިން، ބިމަށް ވެއްޓޭ ތަނެވެ. ދިރިތިއްބާ އަލިފާނުން އަންދަމުންދާ މަންޒަރެވެ. މިއީ އެއްވެސް ޒަމާނެއްގައި، އެއްވެސް ޙާލަތެއްގައި 'ނޯމަލް' ކަމަށް ދެކިގެންވާނެ ކަންކަމެއް ނޫނެވެ. މިދައްކަނީ އަހަރުމެން ކަހަލަ އިންސާނުން ވާހަކައެވެ. އެމީހުންނަށް ދެމުންދާ އިމެއްނެތް، ހައްދުފަހަނައަޅާފައިވާ އަނިޔާތަކުގެ ވާހަކައެވެ. މިކަމަށް އަޑުއުފުލުން ހުއްޓައިގެން ނުވާނެއެވެ. މިއީ ހުއްޓާނުލާ ދެކެވެންޖެހޭ ވާހަކަތަކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން