ދިވެހިރާއްޖެއަށް މިހާރު 44 އެއާލައިކުން ދަތުރުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ އޭގެތެރޭގައި އޭޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕްގެ ގައުމުތަކުން ވެސް ދިވެހިރާއްޖެއަށް މިހާރު ދަތުރުކުރާ ކަމަށެވެ.
މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 647،677 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުން ދައްކާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 5.2 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 75،135 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އަދި ދެވަނައިގާ އޮތް ރަޝިއާ އިން 68،375 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 67،447 ފަތުރުވެރިން އަދި ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 58،722 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.4 އިންސައްތަ، ނުވަތަ 449،382 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.2 އިންސައްތަ، ނުވަތަ 162،928 ފަތުރުވެރިންނެވެ. ހޮޓާތަކުގައި 18،879 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 16،041 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން