އެޕިސޯޑު- 2

އަހަރެންގެ އާއިލާއަކީ ވަރަށް ލޯބިން އުޅުނު އާއިލާއެކެވެ. ދެމަފިރިންގެ ގުޅުމަށް  7 އަހަރު ވީއިރު ދެކުދިން ލިބިފައި ވެއެވެ. އަހަންނާއި އަންހެނުންގެ މިންނެތް މަސައްކަތުން އުފަލުގައި އުޅެމުން އައި ކުޑަކުޑަ މި އާއިލާއަށް ބަނަ ދުވަސްތަކަކާއި ކުރިމަތި ލާންޖެހުނީ އަހަރެން އެކްސިޑެންޓްވެ ބަލި އެނދުގައި އޮންނަން ޖެހުނު ހިސާބުންނެވެ. އާއްމުދަނީ އެއް ލިބޭނެ ގޮތެއް ނެތި އަހަރެން އެނދުމަތި ވީތީއެވެ.

"ސޮރީ ލޯބީ...ހުރިހާ ބުރައެއް އުފުލަން ތި ޖެހުނީ އަހަރެންގެ ސަބަބުން....އަހަރެން މީ ކިހާ ސުންޕާ މީހެއް،" އަންހެނުން އަހަރެން ފެންވަރުވާން އައުމުން އަހަރެން ބުނީމެވެ. ދެ ލޮލުން އަންނަމުން ދިޔަ ކަރުނަ ފުހެލަމުންނެވެ.

"ތިހެން ނުބުނޭ...އަހަރެން މިހުރީ އަރީސްގެ ހައްގުގައި ވާންޖެހުނު ހުރިހާ ގުރުބާނީއެއް ވާން ތައްޔާރަށް...އަހަރެން އަރީސްއަށް ޚިދުމަތްކުރަނީ އުފަލުން...މިއަދު މިހެން އުޅެން ޖެހުނަސް މާދަމާ އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަނޅުވެ، އަރީސް އަށް ކުރީގެ ދިރިއުޅުމަށް އާދެވޭނެ...އަހަރެން އިންތިޒާރު ކުރަނީ އެދުވަހަކަށް،" އަންހެނުން ލޯބިން އަހަރެން ގައިގާ ފިރުމާލަމުން ބުނެލިއެވެ. އެފަދަ ކޮންމެ ވާހަކަ އަކުން އަހަރެންގެ ހިތަށް ހިތްހަމަ ޖެހުން ގެނުވި ނަމަވެސް ހިތުގެ އެއްކަނަކުން ނުތަނަވަސް ކަމުގެ ވިންދު އަބަދުވެސް ޖަހަޖަހާ ހުރެއެވެ. އެއީ މިބަލީގައި މި ގޮތަށް ގިނަ ދުވަސް ވާވަރަކަށް އަންހެން އަހަރެންގެ މަތިން ފޫހި ވެދާނެތީ ހިތުގައި އޮންނަ ނުތަނަވަސް ކަމެކެވެ. އެ ޚިޔާލުތައް އަބަދުވެސް އަހަރެން ގެ ސިކުނޑީގައި އެނބުރެއެވެ. ހިތަށް އަބަދުހެން ތަދުކުރެއެވެ.

ހަގީގަތަކީ އަންހެނުން އަހަންނަށް ނުލާހިކު އޯގާތެރިކޮށް ކަންތައްތައް ކޮށްދެއެވެ. އަހަންނަށް އެއްވެސް ކަމެއް އުނި ވާކަމުގެ  އިހްސާސް ވިއަކަނުދެއެވެ. ފެންވެރުވުމާއި ކާންދިނުމުގައި އެހީތެރިވެދެއެވެ. ވީވަރަކުން އަހަރެންގެ ކައިރީގައި ވަގުތު ހޭދަކުރެއެވެ. އެކި އެކި ވާހަކަ ދައްކައި އަހަރެންގެ ހިތް އުފާ ކޮށްދިނުމަށް މަސައްކަތް ކުރެއެވެ. އެހެންކަމުން  އަހަރެން ދުވަހަކު ވެސް މާޔޫސް ނުވާނެ ކަމުގައި ދުށީމެވެ.

އަހަރެން އެ ދުވަސް ނައުމަށް ހިތާހިތުން ކިޔަމުން އައި ދުވަސް އަހަންނާއި ބައްދަލު ކުރިއެވެ. މުޅި ދުވާލުދާ ހަތަރުދަމު ވަޒީފާ އަދާކުރުމުގައި ގެއިން ބޭރުގައި އުޅުމަކަށް އަހަރެންގެ ހިތެއް ނޭދެއެވެ. އެހެނަސް ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑު ދުވަސްވަރެއްގައި އެ ނޫން ގޮތެއް ނޯންނާނެކަން އަހަރެން ޖެހޭނީ ގަބޫލު ކުރާށެވެ. އަހަންނާއި ކުދިންގެ ހައްގުގައި އަންހެނުން ވަމުން އެދާ ގުރުބާނީއަށް ހިތުން ރުހުމުން ގަބޫލުވެ ޝުކުރުވެރި ވާން ވާނެ ނޫންހެއްޔެވެ. އަހަންނަށް އޮތީ ހުސް މަޖުބޫރީ ހާލަތެވެ.

"އަރީސް...މިހާރު ޚަރަދު އެހާ ބޮޑު ...އަހަންނަށް ލިބޭ އެއްޗަކުން ފުދެނީކީ ނޫން...އަހަރެން އެބަ ވިސްނަން ޕާޓްޓައިމް ޖޮބަކަށް ދާން...ޖޮބެއް ހަމަޖެހޭނެ ކަމުގެ ފެހި ސިގުނަލު ވެސް ލިބިފަ އޮތީ،" އަންހެނުން އަހަރެންގެ މޫނާއި ގާތް ވެލަމުން އެހެން ބުނެލި އިރު މޫނުމަތިން ފެންނަން ހުރީ ހިތްހަމަ ޖެހިފައި ހުރި ކަމުގެ އަސަރުތަކެވެ.

"އަސްލު....ވަރަށް އުފާވެއްޖެ...ހާދަ ޚަރަދެއް ހިނގާނެއޭ....ކުއްޔަށް ވިއްޔަ އުޅެން ޖެހިފައި މިވަނީ...އަވަށް ތި ޖޮބް އެކްސެޕްޓްކުރޭ.،" ހިތާ ދެކޮޅަށް ނަމަވެސް އަހަރެން ހިނިތުންވެލީމެވެ.  

އަހަރެން އެކަމަށް އެއްބަސްވީ އެނޫންގޮތެއް ނޯންނާނެ ކަން އެނގޭތީއެވެ. އަހަރެން ނުރުހުނަސް އަންހެނުން އެ ޖޮބަށް ދާނެ ކަން އަހަންނަށް ގައިމެވެ. މިއަދު އަހަނަންނަށް އޮތީ އަހަންނަށް ޖެހިފައިވާ ހާލައިގެން މަޑުން އޮތުމެވެ. އެއީ ހިތުން ރޮމުން ދާ ހާލު އަހަރެން އަންހެނުންގެ އުފަލަށްޓަކައި މިއަދުގެ މަޖުބޫރީ ހާލަތައްޓަކައެވެ. 

ކުއްޔަށް އުޅޭތީއާ އެކު، ކުދިންގެ ޚަރަދު ވެސް ކުރަން ޖެހޭތީވެ، އަންހެނުން އަމިއްލަ އޮފީހެއްގައި ޕާޓް ޓައިމް ޖޮބެއް އަދާ ކުރަން ފެށިއެވެ. އެއާއި އެކު އަންހެނުން އަހަންނަށް ދޭންޖެހޭ ސަމާލުކަން ކުޑަވާން ފެށި ކަމުގެ އިހުސާސް އަހަންނަށް ކުރެވެން ފެށުނެވެ. އަހަންނާއި އެކު ހޭދަ ކޮށްލާނެ ވަގުތެއް ވާ ކަމަކަށް އަންހެނުން ނަކަށް ނުވެއެވެ. ކޮންމެ ހެން ކޮށްލަން ޖެހޭ ކަމެއް ކޮށްލަ ދީފައި އަންހެނުން އޮންނަނީ ކުދިންގެ ކޮޓަރީގައެވެ. ކުރިން ވެސް ހީކުރި ގޮތަށް ދުވަސްވަމުން ދާ ވަރަކަށް އަންހެނުން ދިޔައީ އަހަންނާއި ދުރުހެލި ވަމުންނެވެ. އަހަންނަށް އޯގާތެރިވެ އަޅާލުން ކުޑަވާން ފެށިއެވެ.

ފަހުން ފަހުން އައިސް އަހަރެން އެއްޗެއް ބުނާ އިރަށް ހުންނަނީ ރުޅިގަދަ ވެފައެވެ. އަހަންނަށް ބުނެވޭ ކޮންމެ އެއްޗަކަށް ރައްދު ދެނީ ނުރުހުންވެ ހުރެއެވެ.

"ކިތައް ދުވަހުތަ އަރީސް ކައިރީގައި ބުނާނީ އަހަރެން ވެސް މީ އިންސާނެކޭ!...ކަލޭގެ ވެސް ހައްގުގައޭ އަހަރެން މިވަރަށް މަސައްކަތް މިކުރަނީ....އެކަން ނޭނގެނީތަ އަޅޭ...މިހެން ނުތެޅި ކިހިނެއް އަހަރެމެން ދިރިއުޅޭނީ...ކުދިންގެ ކަންތައްތައް ފުއްދާނީ...ދެން ދެ ތަނުގައި މަސައްކަތް ކޮށްފައި އަންނަގޮތަށް ރެސްޓެއް ނެތި އަހަރެން ވީ އަރީސް ގައިގާ ފިރުމަން އޮންނަން ...އަރީސް ނުތާހިރާ އޮތީއްޔޭ ކިޔާފައި އޮފީހުން އަންނަ ގޮތައް ރެސްޓެއް ނެތި އަހަންނަކަށް ނޫޅެވޭނެ،" އަންހެނުން އަޑު ލިއެވެ. އެއީ ފަހަކަށް އައިސް އަހަރެންނަށް އާ އަޑެއް ނޫނެވެ. އަހަންނަށް ނޭނގެނީ އަންހެނުން އެހާ އަވަހަށް އަހަރެން ދެކެ ފޫހިވާން ޖެހުނު ސަބަބެވެ. 

ފަހުން ފަހުން އައިސް އަހަންނަށް ކާންދީ ފެންވަރުވައި ހަދަނީވެސް ހިތަށް އެރީޔާއޭ ވެސް ބުނެވިދާނެއެވެ. އެހާ ލޯބިން އުޅުނު އަހަރެންގެ އަންހެނުންނަށް އެވަރުގެ ބަދަލެއް އައިސް ދާނެ ކަމަށް އަހަރެން ހިޔެއް  ނުކުރަމެވެ.  ނަޖިހާއި ތަތްތެޅިފައި ދުވާލުދާ ހަތަރުދަމު އަހަރެން އޮންނަމެވެ.

އަހަރެން ފެން ނުވެރި ގައިން ތާހިރު ނުވެވި ގިނަ ވަގުތު އޮންނަން ޖެހެން ފެށިއެވެ. ބަނޑު ހައި ވިއަސް އަންހެނުން އަންނަން ދެން ކެއުމަށް އިންތިޒާރުކޮށް ގެން އޮންނަން ޖެހޭ ދުވަސްތައް ގިނަވާން ފެށިއެވެ. ނުތާހިރު ކަން މަތީ އޮންނާތީވެ، އަހަރެންގެ ލޯބިވާ ކުދިން އަހަރެން އޮންނަ ކޮޓަރިއަށް ފަހުން ފަހުން އައިސް ގާތްނުވެއެވެ. ނުތާހިރާ އޮންނާތީވެ ދުވާ ވަހުން ކޮޓަރީގައި ނޯއްދަމާލެވޭ ވަރެއް ވެސް ނޫނެވެ.

-ނުނިމޭ-