ރާއްޖޭގެ ކޮވިޑް19ގެ ހާލަތު ގޯސްވެފައިވާތީ އެމެރިކާއިން ރާއްޖެއަށް ދަތުރު ނުކުރުމަށް އެގައުމުގެ ސެންޓަރފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

ސީޑީސީން އާންމު ކޮށްފައިވާ އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖެ އޮތީ ކޮވިޑުގެ ހާލަތު ގޯސް، ދަރަޖައިގެ ހަތަރެއްގައި ކަމަށެވެ. އެހެންކަމުން އެގައުމުގެ ރައްޔިތުން ރާއްޖެއަށް އެއްވެސް ކަހަލަ ދަތުރެއް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެެވެ. އޭގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.

ހަމަ އެކަނި ރާއްޖެއަށް ދަތުރު ކުރެވޭނީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށާއި އެ ރައްޔިތުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާން ޖެހޭ ކަމަށް ސީޑީސީން ވަނީ ބުނެފައެވެ. އަދި އެ ރައްޔިތުން ރާއްޖޭގައި އުޅޭ ދުވަސްތަކުގައި މާސްކު އަޅައި، ގައިދުރުކަން އިސްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމެރިކާއަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް19 އަށް ފައްސިވެ އަދި މަރުވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 33 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، ފަސް ލައްކައަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ރާއްޖެއަށް ބަލާއިރު، ދުވަހަކަށްވުރެ ދުވަހެއް ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތު 24 ގަޑިއިރު 700 އަށްވުރެ ގިނަ މީހުންނަށް މި ބަލި ވަނީޖެހިފައެވެ.