އިއްފަތްތެރިކަމަކީ މީހާގެ ގަހަނާއެވެ. އައުރަނިވާކޮށް، ހިލޭ މީހުންގެ ކުރިމަތީގައި ޒީނަތްތެރިކަން ފާޅުނުކުރުމަށް އަހަރުމެންނަށް އަންގަވާފައިވެއެވެ. އެހެނެއްކަމަކު، ކައިވެނީގެ ބޭރުން ނަހަލާލު ގުޅުންތައް ހިންގުން މިއަދު މިވަނީ މުޖްތަމަޢުގައި ޢާއްމުވެފައެވެ. އެކަން ނުކުރާނަމަ ވަރަށް ނާތަހުޒީބު ވީއެވެ. ނުވަތަ 'ކަޓު' ވީއެވެ. ނަމަވެސް އަހަރުމެންގެ އިއްފަތްތެރިކަމަކީ އަހަރުމެންގެ ޢަބުރާއި ޢިއްޒަތާއި ގުޅިފައިވާ ކަމެކެވެ. އެކަމަކަށް، އަހަރުމެން ނުހަނު ރައްކާތެރިވާންޖެހޭ ކަމެކެވެ. 

ފަރުޖުތައް ރައްކާތެރިކުރުމަށާއި، ޒީނަތްތެރިކަން ފާޅުކުރަންވީ ކޮން ބައެއްގެ ކުރިމަތީގައިކަން، ވަރަށް ތަފްޞީލުކޮށް ބަޔާންވެގެންވެއެވެ. ނޫރު ސޫރަތުގެ 30 އަދި 31ވަނަ އާޔަތުގެ މާނައިގައިވެއެވެ.

"مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (24:30)

"އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ." (24:31)

އިއްފަތްތެރިވުމަށްޓަކައި، ފަރުޖުތައް ރައްކާތެރިކުރަންޖެހެއެވެ. އައުރަނިވާކުރަންޖެހެއެވެ. މީގެއިތުރުން، އަހަރުމެންގެ ވިސްނުމާއި ޙިޔާލު ސާފުކުރަންޖެހެއެވެ. ފިތުނައަށް މަގުފަހިވާ ޚިޔާލުތަކުން ދުރުވާން މަސައްކަތްކުރަންޖެހެއެވެ. ހަމައެހެންމެ، ޙަރާމް ބެލުންތަކުން ލޯތައް ތިރިކުރަން ޖެހެއެވެ. ޙަރާމް ބުނުންތަކުން ދުރުހެލިވާންޖެހެއެވެ. މީހުންނަށް ބަދުބަސް ބުނުމާއި ހުތުރު ބަހުން މުޢާމަލާތްކުރުމުން ބަރީއަވާން ޖެހެއެވެ. ދުނިޔޭގެ ވަގުތީ އުފަލަކަށްޓަކައި އިއްފަތްތެރިކަން ނަގާލުމަކީ ދެރަކަމެކެވެ. އިއްފަތްތެރިކަމަކީ ދުނިޔޭގެ ދަޅަޔަށް ވިއްކާލުމަށްވުރެ މާ އަގުބޮޑު ގަހަނާއެކެވެ.