އިއްޔެއަކީ ބޮޑު ބަންދަކަށްފަހު، ސުކޫލު ކުދިން އަލުން ކިޔެވުން ފެށުނު ދުވަހެވެ. އައު ޔުނީފޯމާއި، އައު ފޮތްދަބަސްތައް ހިފައިގެން ހިނިތުންވެފައިތިބެ ސުކޫލުގެ ދޮރޯށިން ވަނުމާއެކު އެ ކުދިންނަށް މަރުހަބާ ކިޔެވެ. އެކި ސުކޫލުތަކުގައި އެކި ސިފަސިފައިގައެވެ. މާމަލުންނާއި އެކި ކަހަލަ ހަދިޔާތަކުންނެވެ. ސުކޫލުގެ އައު ކުރެވިފައިވާ ކުލަތަކުންނެވެ. ހިނިތުންވެފައިވާ އެދުރުންނެވެ.

ނަމަވެސް، ކުދިން ފޮތްދަބަސް ހިފައިގެންދާ މަންޒަރު ފެނުމުން ހިތަށް އެރީ އެހެންކަމެކެވެ. އަދިވެސް ހަމަ އެއްކަލަ ބަރު ފޮތް ދަބަސްތަކެވެ. އެންމެ ދަށް ގުރޭޑުތަކުން ފެށިގެން އެންމެ މަތީ ގުރޭޑުތަކުގެ ދަރިވަރުންވެސް، ގުދާރު ހޯހޯ ކިޔާވަރުގެ ބަރު ދަބަސްތައް ހިފައިގެން ހިނގާފައިދާ މަންޒަރު ފެނުމުން ކުރެވުނީ ތަފާތު އިހުސާސެކެވެ.

މިނޫން ގޮތެއް ނެތީ ހެއްޔެވެ؟ ބަވަނަވަމުން އަންނަ މިޒަމާނުގައި ސްމޭކްގެ ވަސީލަތްތައް ކުރިއަރައިދާއިރު މިކަމަށްވެސް ކޮންމެވެސް ހައްލެއް އޮންނާންވާނެއޭ އަހަރެންގެ ޟަމީރުބުނެއެވެ. ޒަމާނާ އެއްގޮތަށް ކޮންމެ ގުރޭޑެއްގެ ސިލަބަހަށް ބަދަލު އާދެއެވެ. ކިޔަވަން ޖެހޭ ބައިތައް ގިނަވެއެވެ. އެއާއެކު ޓެކްސްޓް ފޮތްތަކުގައި އެހުރިހާ ބައެއް ހިމެނުމުން ފޮތްތައްބޯވެ، ބަރުދަންވަނީ އިތުރެވެ. 

ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ސުކޫލު ކުދިންނަށްވެސް ޓެބްލެޓް ދެވުނެވެ. އަދި އެއާއެކު ފޮތްތައް ސްމޭކްވަނީއޭ ހިތަށް އެރިއެވެ. ނަމަވެސް، މިއަދާ ޖެހެންދެންވެސް އެ ޓެބްލެޓްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކުރެވެއެކޭ ނުދެންނެވޭނެއެވެ. އަދި މިހާރު ގިނަ ސުކޫލުތަކުގައި އެ ޓެބްލެޓްތައް އެއްގޮތަކަށް ބޭނުންވެސް ނުކުރެއެވެ.

ބަރު ފޮތްތައް އުފުލުން ހުއްޓުވޭނީ ޓެކްސްޓް ފޮތްތައް ޑިޖިޓަލް (ސްމޭކް) ކޮށްގެނެވެ. އެކަން ފުރަތަމަ ކުރުމަށްޓަކައި ވަގުތު ނަގާނެއެވެ. އެހެންނަމަވެސް، އެކަން އެގޮތަށް ކުރެވިއްޖެނަމަ، ދަރިވަރުންނަށާއި މުދައްރިސުންނަށް ބޭނުންއިރަކު ބޭނުންތާކު، އެއްކަލަ ފޮތް ކިޔަން ފުރުޞަތު ލިބުނީއެވެ. މިއަދު ގިނަ ކުދިންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރި، އިންޓަނެޓް ބޭނުންކުރާ އަދި އެފަދަ ވަޞީލަތްތައްވެސް ގެންގުޅޭ ކުދިންނެވެ. ރާއްޖެއާ އަވަށްޓެރި ބޫޓާންގެ ސަރުކާރު ސުކޫލުތަކުގެ ހުރިހާ ޓެކްސްޓް ފޮތްތަކެއް ރަސްމީ ވެބްސައިޓެއް މެދުވެރިކޮށް ބޭނުންކުރެވެއެވެ. ނޭޕާލުގައިވެސް ހަމަ މިފަދައެވެ.

ފޮތްތައް ޑިޖިޓަލް ކުރުމުން ޓެކްސްޓް ފޮތްތައް ގަތުމަށްކުރެވޭ ހޭދަވެސް ސަލާމަތްވީއެވެ. އެތައް ރުފިޔާއެއް ސަލާމަތްވީއެވެ. ހަލާކުވަމުންދާ ތިމާވެށި ރައްކާތެރިކުރުމަށްވެސް އެހީތެރިވެވުނީއެވެ.