ބެލްޖިއަމްގައި ގައިނަކޮލޮޖީ ކިޔަވާ ދަރިވަރެއް، ރޭޕްކުރިކަމަށް ސާބިތުވުމާއެކުވެސް، ރަނގަޅު ނަތީޖާ ނެރޭ ދަރިވަރެއްކަމަށް ބުނެ ހައްޤު އަދަބު ނުދިނުމަށް ނިންމައިފިއެވެ. 

ރުބެން ވޭންސްޓިފައުޓް ނަމަކަށް ކިޔާ 24 އަހަރުގެ ދަރިވަރެއް، ރޭޕްކުރިކަންވަނީ ސާބިތުވެފައެވެ. ސިއްޙީ ދާއިރާގެ ދަރިވަރެއްކަމަށްވާ ރުބެންއަކީ މުސްތަޤުބަލުގައި ގައިނަކޮލޮޖީއިން ކުރިޔަށްދާން ވިސްނާފައިވާ ޒުވާނެކެވެ. ރޭޕްކުރެވިފައިވަނީ އޭނާއާއެކީ ކިޔަވާ ދަރިވަރެއްކަމަށް މީޑިއާތަކުން ހާމަކޮށްފައިވެއެވެ. ރޭޕްގެ ޝިކާރައަކަށްވީ ފަރާތުން ބުނެފައިވާ ގޮތުގައި، އެ އަންހެން ދަރިވަރު މަސްތުވާފަދަ އެއްޗެއް ބޮއެފައިވާ ވަގުތެއްގައި ރުބެންވަނީ އެ އަންހެން ދަރިވަރު ރޭޕްކޮށްފައެވެ.

ނަމަވެސް 1 އޭޕްރީލް 2025ގައި ކޯޓުން ނިންމީ ރުބެންއަށް ޙައްޤު އަދަބު ނުދިނުމަށެވެ. އެއީ، އޭނާއަކީ ވަރަށް އުއްމީދީ މުސްތަޤުބަލެއް އޮތް ދަރިވަރެއްކަމަށް ބުނެއެވެ. އަދި ކުށުގެ ރެކޯޑެއް އޮތްނަމަ އޭނާއަށް ޑަކްޓަރަކަށް ނުވެވޭނެތީއެވެ.

އެ ކޯޓުގެ ފަނޑިޔާރު ބުނާގޮތުގައި، ރުބެންއަކީ ވަރަށް ރަނގަޅު ނަތީޖާ ނެރޭ، ވަރަށް ޤާބިލް ދަރިވަރެކެވެ. އަދި ފަނޑިޔާރުގެ ނަޒަރުގައި، އޭނާގެ ކުށުގެ ސަބަބުން ޖަލުގައި ހޭދަކުރަން ޖެހޭ ވަގުތަށްވުރެ، ޑަކްޓަރެއްގެ ހައިސިއްޔަތުން، މުޖުތަމަޢަށް ރުބެންގެ ފަރާތުން ކުރާނެ ފައިދާ މާ މުހިންމެވެ. 

އެ ކުށަކީ ސީރިއަސްކަމެއް ކަމަށާއި، އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ފަނޑިޔާރު ބުނެފައިވެއެވެ. ނަމަވެސް އޭނާއަކީ ވަރަށް ޒުވާން ދަރިވަރެއްކަމާއި، މީގެ ކުރިން ކުށުގެ ރެކޯޑެއްވެސް ނެތް މީހެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް މައިދާނުގައި ޤާބިލްކަން ހުރި މީހެއްކަމަށްވެސް ހާމަކޮށްފައިވެއެވެ. މީގެއިތުރުން، ވަގުތުން ޖަލަށް ދާން ނުޖެހުމުގެ ސަބަބުން އޭނާ ކޮށްފައިވާ ކުށާމެދު ފިސްނާ ފިކުރުކުރުމަށް ވަގުތު ލިބި، އެ ކުށް ތަކުރާރު ނުކުރުމަށް އޭނާއަށް ހިތްވަރު ލިބޭނެކަމަށް ފަނޑިޔާރު ދެކެއެވެ. އަދި މުސްތަޤުބަލުގައި ވަޒީފާތައް ލިބުމަށް ފުރުސަތު އޮންނާނީ އޭރަށް ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އެކަމާ ދެކޮޅަށް މުޒާހަރާކޮށްފައިވެއެވެ. ރޭޕްކުރިކަމަށް ސާބިތުވާ ދަރިވަރު މިވަގުތުވަނީ ޔުނިވަރސިޓީއިން ސަސްޕެންޑް ކޮށްފައިކަމަށް މީޑިއާތަކުން މަޢޫލޫމާތު ލިބެއެވެ.