އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއްގެ ގޮތުގައި ވާންޖެހޭ ބައެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދަނީ މުޅިން އެހެން މަންޒަރެކެވެ. އިސްލާމީ އުންމަތުގެ ތެރޭގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ބަދަލުގައި ފެންނަމުންދަނީ ބައިބައިވުމާއި ފިތުނަވެރިކަމެވެ. މިއީ ހިތާމަހުރި ޙަޤީޤަތެކެވެ.
އިސްލާމުންގެ ތެރޭގައި މިއަދު އޮތް ބައިބައިވުންތައް ވަރަށް ގިނައެވެ. މަޒުހަބީ ތަފާތުތަކާއި، ފިޤުހީ ޚިލާފުތަކާއި، އަދި އަޤީދާގެ މައްސަލަތަކުގައި ވެސް މުސްލިމުން ބައިބައިވެފައިވެއެވެ. މިފަދަ ތަފާތުތަކަކީ އިސްލާމްދީނުގައި މަޒުހަބީ ގޮތުން ހުއްދަކުރެވިފައިވާ ކަންކަން ކަމުގައިވީ ނަމަވެސް، މިއަދު މި ތަފާތުތައް ވެފައިވަނީ އުންމަތް ބައިބައިކޮށް، ފަސާދަ އުފެއްދުމުގެ ވަސީލަތަކަށެވެ. އެކަން އެމަގަށް އެޅުވި ބަޔަކީ ޔަހޫދީންނެވެ.
ހަމައެހެންމެ، ސިޔާސީ ބައިބައިވުންތައް ވެސް އިސްލާމީ އުންމަތުގެ ތެރޭގައި ވަރަށް ގިނައެވެ. އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ރައްޔިތުންގެ މެދުގައި އޮންނަންވާ ގުޅުން ވަނީ ނެތިގޮސްފައެވެ. ވެރިން އަމިއްލަ މަޞްލަޙަތު އިސްކުރުމުގެ ސަބަބުން، ރައްޔިތުންގެ ޙައްޤުތައް ގެއްލި، އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގައި ފަރުވާކުޑަވެފައިވެއެވެ.
އަދި މިއަށްވުރެ ހިތާމަހުރި ކަމަކީ، ގިނަ އިސްލާމީ ޤައުމުތައް މިއަދު ތިބީ ޔަހޫދީ ދައުލަތްތަކުގެ އަޅުވެތިކަމުގެ ދަށުގައި ކަމެވެ. އިޤްތިޞާދީ ގޮތުންނާއި، ސިޔާސީ ގޮތުން، އަދި ސަޤާފީ ގޮތުން ވެސް މުސްލިމު ޤައުމުތައް ވަނީ ބޭރުގެ ނުފޫޒުތަކުގެ ދަށަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން، އިސްލާމީ އަޤީދާއާއި ޝަރީޢަތް ތަންފީޒުކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
ހަމަ މިއާއި އެކު މުސްލިމުންގެ ޙައްޤުގައި، އުންމަތުގެ ޙައްޤުގައި ތެދުވާ މުސްލިމުން މަދުވެފައިވާކަން ފާހަގަކުރަންޖެހެއެވެ. ގިނަ މުސްލިމުން މިއަދު ތިބީ އަމިއްލަ މަޞްލަޙަތު އިސްކޮށް، އުންމަތުގެ މަޞްލަޙަތު ފަހަތަށް ޖައްސާލައިގެންނެވެ. އުންމަތުގެ މައްސަލަތަކާ ދޭތެރޭ ސަމާލުކަން ކުޑަވެ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު މިއަދު މި އުންމަތުން ނެތިގޮސްފިއެވެ.
މުސްލިމުންވެސް މިއަދު ތިބީ ބޮޑު ވަރިހަމައެއްގައެވެ. އިސްލާމްދީނުގެ ޙަޤީޤީ ޢިލްމާއި ދުރުވެ، ދުނިޔެވީ ކަންކަމުގައި ޣަރަޤުވެފައިވާ މަންޒަރު ފެންނަމުންދެއެވެ. ނަމާދު ދޫކޮށްލައި، ޒަކާތް ނުދީ، އަދި އިސްލާމްދީނުގެ އަސާސްތަކާ ދުރުވެފައިވާ މުސްލިމުން ގިނައެވެ. މިއީ އުންމަތުގެ ބަލިކަށިކަމުގެ ބޮޑު ހެއްކެކެވެ.
ޣައްޒާގެ ހާލަތަކީ މިއަދުގެ އިސްލާމީ އުންމަތުގެ ހާލަތު ދައްކުވައިދޭ އެންމެ ބޮޑު ހެއްކެވެ. ޣައްޒާގެ މުސްލިމުން ދުވަހުން ދުވަހަށް ޝަހީދުވަމުންދާއިރު، ގިނަ އިސްލާމީ ޤައުމުތައް ތިބީ ހަނުހިމޭނުންނެވެ. އެތައް ހާސް މުސްލިމުންނެއް ޝަހީދުވެ، ގެދޮރު ވީރާނާވެ، މިސްކިތްތައް ހަލާކުވަމުންދާއިރު، އިސްލާމީ އުންމަތުގެ ތެރެއިން މިކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތައް މަދެވެ. މިއީ އުންމަތެއްގެ ސިފަ ގެއްލިފައިވާކަމުގެ ހެއްކެކެވެ.
އިސްލާމީ އުންމަތް މިހާލަތުން ސަލާމަތްވުމަށްޓަކައި، އަޅުގަނޑުމެން އެންމެން ވެސް މަސައްކަތްކުރަން ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް، އަޅުގަނޑުމެން އެނބުރި ޤުރުއާނާއި ސުންނަތަށް ރުޖޫޢަވާން ޖެހެއެވެ. އިސްލާމްދީނުގެ ޙަޤީޤީ ތަޢުލީމުތައް އުނގެނި، އެއާ އެއްގޮތަށް ޢަމަލުކުރަން ފަށަން ޖެހެއެވެ. އަޅުގަނޑުމެންގެ މެދުގައި އޮތް ބައިބައިވުންތައް ނައްތާލައި، އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރަން ޖެހެއެވެ. ތަފާތުތަކުގެ މައްޗަށް އެއްބަސްވުންތައް ހޯދައި، އެކަކު އަނެކަކަށް އިޙްތިރާމްކުރަން ދަސްކުރަން ޖެހެއެވެ. އުންމަތުގެ މަޞްލަޙަތު އިސްކޮށް، އަމިއްލަ މަޞްލަޙަތު ފަހަތަށް ޖައްސަން ޖެހެއެވެ. އުންމަތުގެ މައްސަލަތަކާ ދޭތެރޭ ޝުޢޫރު އުފައްދައި، އެކަކު އަނެކަކަށް އެހީތެރިވާން ޖެހެއެވެ.
އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރަން ޖެހެއެވެ. އިޤްތިޞާދީ، ސިޔާސީ އަދި ސަޤާފީ ގުޅުންތައް ވަރުގަދަކޮށް، ބޭރުގެ ނުފޫޒުތަކުން މިނިވަންވާން މަސައްކަތްކުރަން ޖެހެއެވެ. އުންމަތުގެ ޙައްޤުގައި ވަކާލާތުކުރާނެ ޢިލްމުވެރިންނާއި ލީޑަރުން އުފައްދަން ޖެހެއެވެ. އިސްލާމްދީނުގެ ޙަޤީޤީ ތަޢުލީމުތައް ފަތުރައި، އުންމަތް ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާނެ ބަޔަކު ބޭނުންވެއެވެ.
އިސްލާމީ އުންމަތުގައި، އުންމަތެއްގެ ސިފަ އަލުން އާލާކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެކެވެ. އަޅުގަނޑުމެން އެންމެން ވެސް މިކަމަށް މަސައްކަތްކޮށް، އަޅުގަނޑުމެންގެ ދީނާއި އުންމަތް ހިމާޔަތްކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މިކަމުގައި ތައުފީޤު ދެއްވާށިއެވެ. އާމީން!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން