އިމްތިޙާނުތަކުން ފާސްވުމަކީ ކޮންމެ ދަރިވަރެއްގެވެސް އެންމެ ބޮޑު އެއް އުންމީދެވެ. އެހެންނަމަވެސް، އިމްތިޙާނުން ފާސްވުމަކީ އެއްޗެއް އެނގުން ކަމުގައި ދެކުމަކީ ވަރަށް ބޮޑު އޮޅުމެކެވެ. މިއީ ގިނަ ދަރިވަރުންނާއި ބެލެނިވެރިން ވިސްނަންޖެހޭ މުހިންމު ނުކުތާއެކެވެ.

އިމްތިޙާނުތަކުން ފާސްވުމަކީ ހަމައެކަނި ވަގުތީ ކާމިޔާބީއެކެވެ. އެއީ ދަރިވަރު އިމްތިޙާނަށް ތައްޔާރުވެ، އިމްތިޙާނުގައި ކުރެވުނު ސުވާލުތަކަށް ރަނގަޅަށް ޖަވާބު ދެވުނު ކަމުގެ ހެއްކެކެވެ. ނަމަވެސް، މިއީ އެ މާއްދާއެއް ގައި ކިޔަވައިދިން އެއްޗެއް ފަހުމުވެ އެނގޭ ކަމުގެ ހެއްކެއް ނޫނެވެ. ގިނަ ފަހަރަށް ދަރިވަރުން އިމްތިޙާނަށް ތައްޔާރުވަނީ ހަމައެކަނި އިމްތިޙާނުން ފާސްވުމަށް ބޭނުންވާ މިންވަރަށެވެ. މިގޮތުން، އިމްތިޙާނުގައި ކުރެވިދާނެ ސުވާލުތަކަށް އަދި އޭގެ ޖަވާބުތަކަށް އަހުލުވެރިވުމަށް މަސައްކަތް ކުރެއެވެ. މިއީ ޙަޤީޤީ އުނގެނުމެއް ނޫނެވެ.

ޙަޤީޤީ އުނގެނުމަކީ މާއްދާއެއްގެ އަސާސްތައް ފުންކޮށް ދެނެގަތުމެވެ. އެ މާއްދާއަކާ ގުޅޭ އާ ޚިޔާލުތަކާއި ވިސްނުންތައް އުފެއްދުމުގެ ޤާބިލުކަން ލިބިގަތުމެވެ. އަދި އުނގެނެވުނު ކަންކަން ޢަމަލީ ދިރިއުޅުމުގައި ބޭނުން ކުރަން އެނގުމެވެ. މިފަދަ ފުން އުނގެނުމެއް ނެތި، ހަމައެކަނި އިމްތިޙާނުން ފާސްވުމަށްޓަކައި ވެވޭ ތައްޔާރީތަކުން ޢިލްމު އުނގެނުމުގެ ހަގީގީ ބޭނުމެއް ހާސިލެއް ނުކުރެވޭނެއެވެ.

ހަމައެހެންމެ، އިމްތިޙާނުން ފާސްވުމަކީ އެ މާއްދާއެއްގެ ހުރިހާ ދާއިރާއަކުން ފުރިހަމަ ކާމިޔާބީއެއް ހޯދުން ކަމުގައިވެސް ނުބެލެވޭނެއެވެ. އެއް މާއްދާއެއްގައި ގިނަ ބައިތަކެއް ހިމެނެއެވެ. އިމްތިޙާނުގައި މި ހުރިހާ ބައިތަކަކުން ސުވާލު ކުރުމަކީ ދަތި ކަމަކަށް ވާތީ، ވަކި ވަކި ބައިތަކުން ސުވާލު ކުރެވެއެވެ. މިހެންކަމުން، އިމްތިޙާނުން ފާސްވި ނަމަވެސް، އަދިވެސް އުނގެނެން ޖެހޭ އެތައް ކަމެއް ހުރެދާނެއެވެ.

މީގެ އިތުރުން، އިމްތިޙާނުތަކުގައި ގިނަ ފަހަރަށް ބަލަނީ ދަރިވަރުން ހަނދާން ބަހައްޓާ މިންވަރެވެ. އެހެންނަމަވެސް، ޙަޤީޤީ ދިރިއުޅުމުގައި މުހިންމުވަނީ އުނގެނެވުނު ކަންކަން ތަޠްބީޤު ކުރުމުގެ ޤާބިލުކަމެވެ. އެހެންކަމުން، އިމްތިޙާނުން ފާސްވުމަކީ މި ޤާބިލުކަން ލިބިފައިވާ ކަމުގެ ހެއްކެއް ނޫނެވެ.

އިމްތިޙާނުން ފާސްވުމަކީ އުފާވެރި ކަމެކެވެ. އެހެންނަމަވެސް، އެއީ ފުރިހަމަ އުނގެނުމުގެ ނިމުމެއް ނޫނެވެ. އަދި ހަގީގީ ޢިލްމު ލިބިހުރިކަމުގެ ހެއްކެއްވެސް ނޫނެވެ. އާނއެކެވެ! އޭނާ ފާސްވެދާނެއެވެ. އެކަމަކު އޭނާ ކިޔެވި އެއްޗެއް، އޭނާގެ ދިރިއުޅުމުގައި ބޭނުން ނުކުރާނަމަ، ނުވަތަ ކުރަން ނޭނގޭނަމަ އެއީ ކަނޑު ކޮހެކެވެ!