ކާޅަކީ އަހަރުމެންގެ މި ރާއްޖޭގައި އެންމެ ޢާއްމު އަދި އެންމެ ގިނައިން ފެންނަ ދޫންޏެވެ. ކާޅު ގޮވާ އަޑުއިވުމަކީވެސް މީހުން ބޮލަށް އުނދަގޫވާ ކަމެކެވެ. ނަމަވެސް ކާޅަކީ ބައެއް މީހުންނާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ދޫންޏެއްކަން ދެނަހުރީމު ހެއްޔެވެ؟
ޒާތީ ގޮތުން ޖައްސާލުމޭ މި މާނަކުރަނީ މީހަކާ ދޭތެރޭ ރުޅިއާއި ނަފުރަތު އޮންނަ އޮތުމަށެވެ. ކާޅަކީވެސް ބައެއް މީހުންނާއި ދޭތެރޭ މިފަދައިން ދެކޭ ދޫންޏެކެވެ. ދިރާސާއަކުން ދައްކާގޮތުގައި ކާޅަކީ، މިފަދައިން ރުޅިއާއި ނަފްރަތު ނުވަތަ ހިތްހަމަނުޖެހުމުގެ އިޙްސާސް ގާތްގަނޑަކަށް 17 އަހަރު ވަންދެން ބާއްވާ ދޫންޏެކެވެ. މިކަމުން ހާމަވަނީ، ކާޅުގެ ހަނދާނުގައި ކަންކަން ހަރުލާ މިންވަރާއި، ކަންކަން ހަނދާންކުރުމަށް ކާޅަށް ލިބިފައިވާ ޤާބިލުކަމެވެ.
މި ދިރާސާކުރުން ކުރިޔަށް ގެންދެވުނީ ވޮޝިންގޓަންގެ ޔުނިވަރސިޓީގައި އުޅޭ ތަޖުރިބާކާރު މާހިރުންނާއެކީ 2006 ވަނަ އަހަރުގައެވެ. ތިމާވެށީގެ ސައިންޓެސްޓެއްކަމަށްވާ ޕްރޮފެސަރ ޖޯން މަރޒްލަފްގެ އިސްނެގުމާއެކީ ފެށުނު ދިރާސާގައި، އޭނާވަނީ ބިރުވެރި ސިފައަކަށް ހުރި މާސްކެއް އެޅުމަށްފަހު، 7 ކާޅު ހިފާފައެވެ. އެއަށްފަހު، އެ ކާޅުތައް ފާހަގަކުރުމަށް އެ ކާޅުތަކުގެ ފައިގައި އަނގޮޓިއެއް އެޅުވުމަށްފަހު ރައްކާތެރިކަމާއެކީ ކާޅުތައް ދޫކޮށްލިއެވެ.
ޖެހިގެން އައި އަހަރުތަކުގައި، ޕްރޮފެސަރ އާއި އޭނާގެ އެސިސްޓެންޓް، އޭރު ކާޅު ހިފި ވަގުތު އަޅައިގެން ތިބި މާސްކު އަޅައިގެން، ޔުނިވަރސިޓީ ކެމްޕަސްއަށް އަންނަ ކާޅުތަކަށް ކާންދިނުމަށް ހަރަކާތްތެރިވިއެވެ. މިފަދައިން ހަރަކާތްތެރިވި ދުވަހެއްގައި، އެ މާސްކު އަޅައިން ހުރުމުގެ ސަބަބުން، އޭނާއަށް ދިމާވި 53 ކާޅުގެ ތެރެއިން 47 ކާޅުވަނީ ބާރަށް ހަޅޭއްލަވާފައެވެ. ޕްރޮފެސަރގެ ނަޒަރުން ނަމަ އޭނާއާއި ދިމާލަށް އެކާޅުތައްވަނީ 'އެއްޗެހި' ކިޔާފައެވެ.
ދިރާސާކުރުމަށް ހިފާފައި ދޫކޮށްލީ 7 ކާޅު ނަމަވެސް 47 ކާޅަކީ އޭގެ އެތައް ގުނައެއް އިތުރު އަދަދެކެވެ. މިކަމުން ލަފާކުރެވުނީ، އިންސާނުންގެ ތެރެއިން ކާޅުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެފަދަ މީހުން، ކާޅަށް ދެނެގަނެވޭކަމެވެ. އަދި އޭގެ މަޢުލޫމާތާއި އިންޒާރު، ކާޅުތައް އޭގެ އެހެން ކާޅުތަކަށްވެސް ދޭކަމެކެވެ.
އެހެންކަމުން ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކާޅުތަކަށް ފެންނަ މީހުންނާއި ދޭތެރޭ އެދޫނިތައް، ނަފުރަތާއި ރުޅިވެރިކަން ބާއްވާކަމަށް އެ ދިރާސާގެ އަލީގައިވަނީ ހާމަކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން