ބާޒާރަށް ނުވަތަ ޝޮޕިންގއަށް ދިއުމަށް ފޯރި ހުންނަނީ އަންހެންވެރިންކަމަށް ބުނެވެއެވެ. އެކަމަށް ޝައުގުވެރިކަން ހުންނަނީވެސް ކަނބަލުންނެވެ. ދިރާސާއިންވެސް އެއްބަސްވަނީ މިބީދައިންނެވެ. އެއީ، ދިރާސާއަކުން ދައްކާގޮތުގައި، ބާޒާރަށް ގޮސް ފޫހިނުވެ ފިރިހެންވެރިންނަށް ބާޒާރުކުރެވެނީ އެވްރެޖްކޮށް 26 މިނެޓް ވަންދެނެވެ. ދެން ތިބެނީ އަވަހަށް އެކަމުން ސަލާމަތް ނުވެފައެވެ.

ހޯދުންތަކުގެ އަލީގައި ދިރާސާވެރިން ހާމަކުރާގޮތުގައި، ބައިވެރިޔާއާއެކީ (އަނބިމީހާ ނުވަތަ ލޯބިވެރިޔާއާއެކީ) ބާޒާރަށްގޮސް ގާތްގަނޑަކަށް 30 މިނެޓްވާއިރު ފިރިހެންވެރިން ތިބެނީ ފިހާރައިން ނުނުކުމެވިފައެވެ. ފޫހިވީލެއް ބޮޑުކަމުން، ބައިވެރިޔާ އެތަނުގައި އެކަނި ބަހައްޓާފައި ގެއަށް އައިކަމަށް 4 ފިރިހެނުންގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުން ބުނެފައިވެއެވެ. މިއާޚިލާފަށް، އަންހެންވެރިން ބާޒާރަށްގޮސް ފޫހިވަނީ ގާތްގަނޑަކަށް 2 ގަޑިއިރު ފަހުންނެވެ.

ކޭޝްބެކް ވެބްސައިޓެއްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައިވާ އޭންޑީ އޯލްޑަމް ހާމަކުރާގޮތުގައި، ބާޒާރުކުރުމަކީ ގިނައިން އަންހެންވެރިން ޝައުގުވެރިވާ ކަމެކެވެ. ފިރިހެންވެރިން އެކީގައި ދަނީ ހަމަ ގޮސްލުމަށެވެ. އެ ދިރާސާވެސް މިކަމަށް ތާޢީދުކުރެއެވެ. ދިރާސާއިން ދައްކާގޮތުގައި، ބާޒާރުކުރަން އުޅޭއިރު ފިރިހެނުން އަވަހަށް ވަރުބަލިވެއެވެ. ޚާއްސަކޮށް، އެމީހަކު ގަންނަން އައި އެއްޗެއް އަވަހަށް ފެނިއްޖެނަމަ އަދި އަވަހަށް ވަރުބަލިވެއެވެ. ގަންނަން އައި އެއްޗެއް ލިބުމުން ދެން މަޑުކުރަންވީ ކޮން ސަކަރާތެއް ޖަހާކަށް ހެއްޔެވެ؟ 

މި ދިރާސާގައި ޔޫ.ކޭގެ 2000 މީހުން ސާވޭ ކުރެވުނެވެ. އޭގެތެރެއިން 80% ފިރިހެނުން ޤަބޫލުކުރާގޮތުގައި، އެމީހުންގެ ބައިވެރިން އަންނައުނު ގަތުމަށް ބާޒާރަށްގޮސް އުޅޭނަމަ އެކަމަކީ އެ ފިރިހެނުންނަށް ވަރަށް ފޫހިކަމެކެވެ. ހަމަމިއާއެކު، 45% ފިރިހެނުން ބުނާގޮތުގައި، ބައިވެރިޔާއާއެކީ އެއްވެސް ވަރަކަށް ބާޒާރުނުކުރުން، އެ ފިރިހެނުންނަށް މާ ރަނގަޅެވެ. އަދި 4 މީހުންގެ ތެރެއިން 1 މީހަކު، ބައިވެރިންނާއެކު ބާޒާރަށްދަނީ އަމިއްލަ މީހާއަށް ބޭނުންވާ އެއްޗެއް ގަންނަންވެފައި އޮތްނަމައެވެ. 

މިއީ ދެން ގިނަ މީހުންގެ ތަބީޢަތް ކަންނޭނގެއެވެ. ކުރެވޭނީ ކުރާހިތްވާ ކަމެއްތާއެވެ. ބާޒާރު ކުރާހިތްނުވާނަަމަ އެކަމަށް ގޮސްއުޅޭއިރު ހަމަ ވާނީ ފޫއްސެވެ.