ގިނައަދަދެއްގެ ކާތަކެތި ތައްޔާރުކުރުމަށް މިހާރު ބޭނުންކުރަމުން އަންނަ ޓޮމާޓޯ ޕޭސްޓަކީ، ކުރިން ބޭހެއްގެ ގޮތުގައި ބޭނުންކުރި އެއްޗެއްކަން ދެނަހުރީމު ހެއްޔެވެ؟

1830ގެ އަހަރުތަކުގެ ތެރޭގައި ޓޮމާޓޯ ޕޭސްޓު އެންމެ ފުރަތަމަ ވިއްކީ ބޭހެއްގެ ގޮތުގައެވެ. ބޭރަށް ހިންގުމާއި، ކައިނިމުމުން ބަނޑަށް އުނދަގޫވުމުގެ އިތުރުން، ހަންގަނޑު ރީނދޫވުންފަދަ ކަންކަމަށް ބޭހެއްގެ ގޮތުގައި ޓޮމާޓޯ ޕޭސްޓް ބޭނުންކޮށްފައިވާކަމަށް ބުނެވެއެވެ. މިކަން ފެށިގެން އައީ 1834 ވަނަ އަހަރު، ޑރ. ޖޯން ކުކް ބޭނެޓް ނަމަކަށް ކިޔުނު ޑަކްޓަރެއްގެ ހުށަހެޅި ޙިޔާލެއްގެ މަތިންނެވެ. އަދި އެދުވަސްވަރު، ޓޮމާޓޯ ޕޭސްޓް ބޭސް ގުޅައަށް ހަދާފައި ވިއްކާފައިވެސް ވެއެވެ.

ބޭހެއްގެ ގޮތުގައި ޓޮމާޓޯ ޕޭސްޓް މި ޑަކްޓަރު ވިއްކަން ފެށުމުން، ގިނަ ބަޔަކު އެކަން ނަކަލުކޮށް، އެމީހުންގެ އަމިއްލަ ޓޮމާޓޯ ޕޭސްޓުގެ ބޭސްގުޅަތައް ތައްޔާރުކުރަން ފެށިއެވެ. އެ މަސައްކަތް ނަކަލުކޮށް ކޮޕީކުރަމުން ދިޔަ މީހުން ބުނަމުން ދިޔައީ، އެތައް ބައިވަރު ސިއްޙީ މައްސަލަތަކަށް އެމީހުން ތައްޔާރުކޮށްފައިވާ ބޭސްގުޅަތައް ޙައްލު ގެންނާނެކަމަށެވެ. ނަމަވެސް އޭގެތެރެއިން ގިނަ މީހުން ވިއްކަމުން ދިޔައީ، ބަނޑުހިކުމުން ދުރުކޮށްދީ، ފާހާނާއަށް ދިއުމަށް ފަސޭހަވާނެެ ބޭހެވެ. އެއީ ލަކްސަޓިވްސްއެވެ.

މީގެ ސަބަބުން ގިނަ އޮޅުންބޮޅުންތަކެއް އުފެދިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ޓޮމާޓޯ ޕޭސްޓުގެ ބޭހަށް މީހުން ކުރާ އިތުބާރު ގެއްލުނީއެވެ. އާޚިރުގައި، 1850 ވަނަ އަހަރުގައި ޓޮމާޓޯ ޕޭސްޓުގެ ބޭހަށް އޮތް މަޤުބޫލުކަން ގެއްލި، އެ ވިއްކޭ މިންވަރު ދަށްވިއެވެ.