މިރޭ މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގި ތަނުގައި ހުރި މީހަކު "ތީރަށް" މައުލޫމާތުދެމުން ބުނީ، މިރޭ މި ސަލާމަތްވީ މަރުގެ އެތިފަހަރަކުން ކަމަށެވެ. ކުރީގެ ރައީސް ނަޝީދުގެ ގެކޮޅުން ނިކުމެ ކާރުކޮޅަށް އަރުއްވަން ވަޑައިގަންވަނިކޮށް ގޮއްވާލި މިއެއްޗަކީ ފުޅިތޮށި އަޅައިގެން ހަދާފައިވާ ގޮވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށް އެ ފަރާތުން ހާމަ ކުރިއެވެ.

މި ހާދިސާގައި އެންމެ ބޮޑަށް ޒަޚަމްވެ ވަޑައިގަތް ރައީސް ނަޝީދު ވަނީ، އެ ހާދިސާ ހިނގިތާ ދެ މިނިޓް ތެރޭގައި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެސް އެ ފަރާތުން ކިޔާދިނެވެ. ނަމަވެސް ރައީސް ނަޝީދު އެ ގެއަށް ވަޑައިގެން، އަދި އާންމުކޮށް ދަތުރުކުރައްވާ ކާރުކޮޅުވަނީ އެ ގޮވުމުގެ ސަބަބުން ހަލާކުވެފައި ކަމަށާއި، އެހެންކަމުން ހޮސްޕިޓަލަށް ގެންދިޔައީ ސެކިއުރިޓީން ބޭނުންކުރި ދެވަނަ ކާރުގައެވެ.

ހާދިސާ ހިނގި ތަނުގެ އެންމެ ކާރީގައި ހުރި ނަމަވެސް ގޮއްވާލި އެއްޗަކީ ސީދާ ސައިކަލުގައި ހަރުކޮށްފައިވާ އެއްޗެއްކަން ބުނަން ދަތިކަމަށް އޭނާ ހާމަކުރިއެވެ. މިފަދަ ޓެރަރިސްޓް ހަމަލާތައް އާންމުކޮށް ނުހިނގާ ގައުމެއްގައި، މިފަދަ ކަމެއް ދިމާ ވުމުން ރައީސްގެ ސިއުރިޓީންގެ ހަރަކާތަށް އައި އަވަސް ކަމާއި އެމީހުންގެ ރޭވުންތެރި ކަމަށް އެފަރާތުންވަނީ ތަޢުރީފްކޮށްފައެވެ.

"ހަމަ ސިކުންތެއްގެ ކަމެއް ވީ. ދެން ފެނުނީ މުޅިތަނުގައި ކުނޑިކުނޑިވެފައިވާ ތަކެއްޗާ ބިއްލޫރި. ރައީސް ނަޝީދުގެ ހެދުންކޮޅު ފޫއަޅުވާލާފަ ބިއްލޫރިތައް ވަދެގެން ދިއުމުން މި ގޮވުމުގެ ބާރުމިން ވަޒަން ކުރެވޭ" ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ތީރާ ވާހަކަ ދައްކަމުން ކިޔާދިނެވެ.
