ޒަމާނަށް އުފަންވި އައު އެތައް ކާއެއްޗެއްގައި، ޗީޒް ބޭނުންކުރެވޭ މިންވަރު ނުހަނު ގިނައެވެ. ޕިއްޒާއާއި ސަބްމެރިންގެ އިތުރުން ޕާސްތާ ފަދަ އެތައް ތައްޔާރީ ކާނާތަށް ފަޅުފިލުވައިދޭ އެއްޗަކީ ޗީޒްއެވެ. ގިނަބަޔަކަށް ނުހަނު ކަމުދާ ޗީޒްއަކީ ދުނިޔޭގައި ކާތަކެތީގެ ތެރެއިން އެންމެ ގިނައިން ވަގަށް ނެގޭ ކާއެތިކަން ދެނަހުރީމު ހެއްޔެވެ؟ ރިޕޯޓުތަކުގެ އަލީގައި، މުޅި ދުނިޔޭގައި ތައްޔާރުކޮށް އުފެއްދޭ ޗީޒްގެ 4% އަކީ ވަގަށް ނަގާ މިންވަރުކަންވަނީ ކަނޑައަޅާފައެވެ.
2011 ވަނަ އަހަރުގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މުޅި ދުނިޔެއިންވެސް، ފިހާރަތަކުން އެންމެ ގިނައިން ވަގަށް ނެގިފައިވާ ކާއެއްޗަކީ ޗީޒްއެވެ. 2011 ވަނަ އަހަރު ނެރުނު އެ ރިޕޯޓް އަޕްޑޭޓް ކޮށްފައި ނުވިނަމަވެސް، އެހާއިރުން ފެށިގެން އަދިއަދަށްވެސް، ބޮޑެތި އަގުތައް އަރާ މިންވަރަށް ޗީޒް ވަގަށް ނަގާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
'ޕަރްމީޖިއާނޮ ރެޖިއާނޮ' އަކީ އެންމެ ގިނަ މީހުން ބޭނުންވާ އަދި އެންމެ މަޤުބޫލު ޗީޒްކަމަށް ބުނެވެއެވެ. ލަފާކޮށްފައިވާ އަންދާޒީ ހިސާބެއް ބުނާގޮތުގައި، އިޓަލީގައި، 3 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް އަރާ މިންވަރަށް މީގެ ޗީޒް ކޮންމެ އަހަރަކުވެސް ވަގަށް ނަގައެވެ. އެގޮތުން 2015 ވަނަ އަހަރު، 2000 ޗީޒް ވީލް ވަގަށް ނެގި ގޭންގެއް، އިޓަލީގެ ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އެއީ ގާތްގަނޑަކަށް 875،000 ޑޮލަރުގެ އަގު ހުރި މިންވަރެކެވެ. މީގެއިތުރުން، 3،550 ޕައުންޑުގެ ބަރުދަން ހުރި މިންވަރުގެ ޗީޒްތަކެއް ނެދަރލެންޑުގައި ވަގަށް ނަގާފައިވެއެވެ. ހަމައެހެންމެ، ކޮމްޓް ޗީޒް ނަމަކަށް ކިޔާ ޗީޒްއެއްގެ 100 ވީލްސް ފްރާންސްގައި ވަގަށް ނެގިފައިވެއެވެ. އޭގެ އެންމެ ޗީޒް ވީލްއެއްގައިވެސް 1000 ޑޮލަރުގެ އަގު ހުރެއެވެ. ހަމަމިއާއެކު، އިންގްލޭންޑުގައި، 22 ޓަނުގެ 'ޗެޑަރ ޗީޒް' ވަގަށްނަގާފައިވާކަމަށް ވެއެވެ.
ޗީޒް ވަގަށް ނަގަނީ ހަމައެކަނި ޔޫރަޕް ވިލާތުގައިއެއް ނޫނެވެ. 2013 ވަނަ އަހަރުގައި، ޗީޒްއަށް މަޝްހޫރު ވިސްކޮންސިންގެ މީހެއްވަނީ 21 ޓަނުގެ ޗީޒް ބަރުކޮށްފައިވާ ޓްރަކެއް އެއްކޮށް ވަގަށް ނަގާފައެވެ. މީގެއިތުރުން، ޗީޒް ވިއްކުމަށް 'ބްލެކް މާކެޓް' އެއްވެސް އޮވެއެވެ. ޙާއްސަކޮށް ރަޝިއާފަދަ ގައުމުތަކުގައެވެ. މިކަންކަމުން އެނގިހާމަވަނީ، މީހުން ޗީޒް ބޭނުންވާ މިންވަރެވެ. ގިނަ އަދަދަކަށް ޗީޒް ވަގަށްނަގާކަމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން