މީހަކާ ދޭތެރޭ ހިތްހަމަނުޖެހުނަސް ހިތަށް އެރިހާ އެއްޗެއް އެމީހަކާ ދިމާލަށް ކިޔާކަށް ނުޖެހެއެވެ. ހިތަށްއަރާހާ ހުތުރު ލަފުޒުތަކާއި، ހިތަށް އަސަރުކުރާނެ ފަދަ ޢިބާރާތްތައް ބޭނުންކުރާކަށް ނުޖެހެއެވެ. އެފަދަ ވިހަ ބަސްތަކުން އަނެކާއަށް ކުރާނެ އަސަރާމެދު ކޮންމެވެސް މިންވަރަކަށް ވިސްނާލަންޖެހެއެވެ.
މީހުންގެ ފަރާތުން ބަދުބަސްތަކާއި، އެކި ކަހަލަ ފާޑުކިޔުންތައް އަބަދު އަޑުއިވޭނަމަ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުމަށް މަގުފަހިވެއެވެ. ނަފްސާނީގޮތުން ކިތަށްމެ ދުޅަހެޔޮ އަދި ވަރުގަދަ މީހެއްނަމަވެސް، ތަކުރާރުކޮށް އެފަދަ ވިހަ ބަސްތަށް އަޑުއަހަންޖެހޭނަމަ އޭގެ ނޭދެވޭ އަސަރުކުރެއެވެ. އަމިއްލަ މީހާއާމެދު ޝައްކު އުފެދެއެވެ. ކަމެއް ރަނގަޅަށް ނުކުރެވޭނެކަމަށް ޤަބޫލުކުރެވެއެވެ. އެއްވެސްކަމެއް ކުރުމުގެ ޤާބިލުކަމާއި ކުޅަދާނަކަން ނެތްކަމަށް އިޙްސާސްވާންފަށައެވެ. މީހާގެ އުޅުމާއި ވައްޓަފާޅިއަށް ބަދަލު އަންނަން ފަށައެވެ. ތިމާއަކީ އެއްވެސް މީހެއް ނޫންކަމަށް އަމިއްލަ ނަފުސަށް ވިސްނައިދެވެން ފަށައެވެ.
މިސާލަކަށް މީހެއްގެ ސިފައަށް މަލާމާތްކޮށް ފުރައްސާރަކުރާނަމަ، އެމީހަކީ މުޖުތަމަޢު ބަލައިގަންނާނެ މީހެއް ނޫންކަމަށް ހީވާންފަށައިފާނެއެވެ. އެހެންމީހުންނަށް ލިބިފައިވާ ބުރުސޫރައިގެ ނަލަކަން އެމީހަކަށް ލިބިފައި ނުވުމަކީ، މުޖުތަމަޢުއިން އެމީހަކު 'ބޭކާރުވެ ބާކީވާ' ސަބަބެއްކަމަށް ޤަބޫލުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން މީހުންގެ ތެރެއަށް ނުކުތުމަށް ފަސްޖެހި، ޖެހިލުންވެއެވެ.
މީގެއިތުރުން، މަސައްކަތެއް ކުރާއިރު އެންމެ ރަނގަޅަށް އެކަންކަން ނުކުރެވޭ ޙާލަތެއް މެދުވެރިވެދާނެއެވެ. އެފަދަ ދަނޑިވަޅުގައި، "އެއްކަމެއްވެސް ކުރަން އެނގެނީއެއް ނޫން"، "މީހަކު ނެތިއްޔާ އެއްކަމެއްވެސް ކުރާކަށް ނޭނގޭނެ"، "އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރާނެ" ފަދަ ޢިބާރާތްތައް އަޑުއަހަން ޖެހިއްޖެނަމަ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލެން ފަށާނެއެވެ. އެއްވެސްކަމެއް ރަނގަޅަށް ނުކުރެވޭނެކަން ޤަބޫލުކުރެވެން ފަށާނެއެވެ. އަމިއްލަ ޤާބިލިއްޔަތުކަމުގައި ކަމެއް ނުވާނެކަން އިޙްސާސްވާނެއެވެ.
މީގެ ބަދަލުގައި، ރަނގަޅަށް ކަމެއް ނުކުރެވޭ ޙާލަތްތަކުގައިވެސް އަނެކާއަށް އެހީވާށެވެ. ކުރަންވީ ރަނގަޅުގޮތް ބުނެދީ، ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުވާނެ ގޮތް ކިޔައިދޭށެވެ. އެކަން ކުރެވޭނެކަން އިޙްސާސް ކޮށްދޭށެވެ. މީހާގެ ސިފައަށް މަލާމަތްކުރުމުގެ ބަދަލުގައި، ކޮންމެ މީހަކީވެސް ރީތި މީހެއްކަން ބުނެދޭށެވެ. އެފަދައިން ނުވާނަމަ ހަނު ހުުންނާށެވެ. އެކަމަކު، ތިމާގެ ވިހަ ބަސްތަކުން، އަމިއްލަ ނަފުސަށް މީހުން ކުރާ އިތުބާރު ކުޑަވިޔަކަ ނުދޭށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން