އިތުބާރު އުފައްދާ ބިނާކުރަން ލައްކަ ދުވަސް ނަގައެވެ. ނަމަވެސް އެ އިތުބާރެއް ގެއްލެން ނަގަނީ ފަޅި ސިކުންތެކެވެ. ހަދާ އެންމެ ދޮގަކުން، އެމީހަކު ބުނާ ކޮންމެ އެއްޗަކާމެދު ސުވާލު އުފެދެއެވެ. ތެދެއްތޯ ނުވަތަ ދޮގެއްތޯ ނިންމަން ވަގުތު ނަގައެވެ. އެހެނެއްކަމަކު، މީހަކަށް ނުހަނު ވަރުގަދަޔަށް އިތުބާރު ކުރެވުމުން، ދެން އެ އިތުބާރު ގެއްލުވާލަން ފަސޭހަނުވާ ފަހަރުވެސް އާދެއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނެއެވެ.

ކިތަށްމެ ގާތް މީހަކަށް އިތުބާރު ކުރިޔަސް، އެކަން ކުރަންވާނީ ހައްދުފަހަނައަޅާ ނުދާ މިންވަރަށެވެ. ވަކި 'ލިމިޓް' އެއްގެ ތެރޭގައެވެ. މީހެއްގެ ހިތުގައި އޮންނަ އެއްޗެއް ނޭނގޭނެއެވެ. މިއަދު ކިތަށްމެ ގާތް މިތުރެއް، މާދަމާ ހަތުރަކަށްވުމަކީ ވެދާނެކަމެކެވެ. މިއަދު ހިއްސާކުރާ ވަރަށް ޒާތީ މަޢުލޫމާތަކީ، މާދަމާ އެންމެންގެ ތެރެއަށް ތިބާ ފަޟީޙަތްކުރަން އެމީހަކު ބޭނުންކުރާނެ ހަތިޔާރަކަށްވުން އެކަށީގެންވެއެވެ. ޙާލަތާއި ވަގުތު ބަދަލުވެއެވެ. އެއާއެކީ ބައެއް މީހުންވެސް ބަދަލުވެއެވެ. 

ދާދިފަހުންވެސް އަޑުއިވިގެން ދިޔައީ ކުރީގެ އަނބިމީހާއަށް، ކުރީގެ ފިރިމީހާ ބިރުދެއްކި މައްސަލައެއްގެ ވާހަކައެވެ. މި ދައްކަނީ ކައިވެނީގެ މާތް ގުޅުމުގައި، ދެމަފިރިންގެ ގޮތުގައި ދުވަސްތައް ހޭދަކޮށްފައިވާ މީހުންގެ ވާހަކައެވެ. އިތުބާރާއި ޔަޤީންކަމަކީ އެފަދަ ގުޅުމެއްގެ ބިންގާއެވެ. އިތުބާރު އޮންނަން ޖެހޭނެއެވެ. ނަމަވެސް އޭގައިވެސް ވަކި އިމެއް އޮންނަންވާނެއެވެ. ފިރިމީހާ ވިޔަސް، އަނބިމީހާވިޔަސް ހެވެއެވެ. ޒާތީ އަދި ބަރަހަނާ ފޮޓޯތައް ފޯނުން ނުވަތަ އެހެން ޑިވައިސްއަކުން ފޮނުވާ ހެދުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އެއީ ތިބާގެ މުޅި އަބުރާއި ޢިއްޒަތެވެ. އެއްވެސް މީހަކަށްޓަކައި އެކަން 'ރިސްކް' އަކަށް ހުށަހެޅުން ރަނގަޅެއް ނޫނެވެ. މިއަދު ލޯބިވާތީ އެފަދަ ފޮޓޯތައް އެކަކު އަނެކަކަށް ފޮނުވާފައި، މައްސަލައެއްޖެހޭ ދުވަހުން އަންނަ ރުޅީގައި އެ ފޮޓޯތައް ލީކު ކުރާކަމީ ފެންނަމުން އަންނަ ހަޤީޤަތެކެވެ. އޭގެ ޒަރީޢާއިން ބިރުދައްކާކަމީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. 

މީގެއިތުރުން، ކުރެވޭ ފާފަތަކުގެ ވާހަކަވެސް ކިތަށްމެ ގާތް މީހެއް ގާތުގައި ހިއްސާކުރުން ފަދަ ކަންކަމާވެސް ދުރުހެލިވާން ޖެހެއެވެ. ގަސްތުގައިވިޔަސް، ބޭއިޙްތިޔާރުގައިވިޔަސް އެމީހެއްގެ ފަރާތުން އެހެން މީހަކަށް ތިބާގެ ފާފަތަކުގެ ވާހަކަ އެނގުމަކީ އެކަށީގެންވާކަމެކެވެ. އިތުބާރުވެސް ކުރަންވާނެއެވެ. މީހުންނާއި ކަންކަން ހިއްސާވެސް ކުރަންވާނެއެވެ. ނަމަވެސް ވަކި ހައްދެއްގައި، ވަކި އިމެއްގައެވެ. ކިތަށްމެ ގާތްމީހަކަސް އިތުބާރު ކުރަންވާނީ ވަކިވަރަކަށެވެ.