ދުނިޔޭގެ އާބާދީ އިތުރުވަމުން އަންނައިރު، އާބާދީގެ އެކި އުމުރުފުރާތައް ނިސްބަތްވަނީ އެކި ޖީލުތަކަށް ނުވަތަ އެކި ޖެނެރޭޝަންތަކަށެވެ. މިފަހުން ދިވެހިންގެ ތެރޭގައިވެސް ތިޔައީ ކޮން ޖީލެއްގެ މީހެއްތޯ އެހުމުގެ ދުވަސްކޮޅެއް ދިޔައެވެ. ތިޔައީ މިސްކިތުވަޅު ދޮށުން ފެންބަލައި ދިޔަ ޖީލުގެ މީހެއްތޯ ނުވަތަ ހަކުރު ހުއްޕަން މަގުމަގު އަތިރިއަތިރިން ދުވި ޖީލުގެ މީހުންތޯ ކަހަލަ އެތައް ކަމަކުން މީސްމީޑިއާ ފުރާލިއެވެ. ދައްކަން މިއުޅެނީ އަހަރެން ނިސްބަތްވާ ޖީލުގެ ވާހަކައެއް ނޫނެވެ. ޖީލުތައް ބެހިފައިވާ ގޮތާއި، އޭގެ ތެރެއިން ޖެން ޒީ ނުވަތަ ޖެނެރޭޝަން – ޖީ އާ ގުޅުންހުރި ބައެއް ވާހަކަތަކެވެ.
ޖީލުތައް ގިންތި ކުރެވިފައިވަނީ މައިގަނޑު 6 ބަޔަކަށެވެ. އެއީ 1946 ވަނަ އަހަރުގެ ކުރިން އުފަންވި މީހުން ނިސްބަތްވާ 'ބިލްޑާސް' ޖީލާއި، 1946 އާއި 1964 ދެމެދު އުފަންވި މީހުން ނިސްބަތްވާ 'ބޭބީ ބޫމާސް' ޖީލާއި، 1965 އާއި 1979 ދެމެދު އުފަންވި މީހުން ނިސްބަތްވާ 'ޖެން އެކްސް' ޖީލާއި، 1980 އާއި 1994 ދެމެދު އުފަންވި މީހުން ނިސްބަތްވާ 'ޖެން ވައި' ޖީލާއި، 1995 އާއި 2009 ދެމެދު އުފަންވި މީހުން ނިސްބަތްވާ 'ޖެން ޒީ' ނިސްބަތްވާ ޖީލާއި، 2010 ގެ ފަހުން އުފަންވި މީހުން ނިސްބަތްވާ 'ޖެން އަލްފާ' ޖީލެވެ. މިއިން ކޮންމެ ޖީލެއްގައިވެސް ތަފާތު އެތައް ސިފަތަކެއް ހުރެއެވެ. ތަފާތު ވާހަކަތަކެއް ހުރެއެވެ. ނަމަވެސް އަޅުގަނޑުގެ މައުޟޫއަކީ މީގެ ތެރެއިން 'ޖެން ޒީ' ކަމަށްވާތީ، މި ދެންނެވި ހުރިހާ ޖީލުތަކުގެ ވާހަކަތަކަށް ވަކިވަކިން ދާކަށް ގަސްތެއް ނުކުރަމެވެ.
ކުރިންވެސް ދެންނެވި ގޮތަށް 'ޖެން ޒީ' ނުވަތަ ޖެނެރޭޝަން ޒީ އަކީ 1995 އާއި 2009 ދެމެދު އުފަންވި މީހުން ނިސްބަތްވާ ޖީލެވެ. މި ޖީލަށް ނިސްބަތްވާ އެންމެ ހަގު ކުއްޖާއަށްވެސް މިހާރު 16 އަހަރުވާނީ ފުރިފައެވެ. މިއީ ފުރިހަމަ ޑިޖިޓަލް ނުވަތަ ސްމޭކް ދުނިޔެއަކަށް އުފަންވި ފުރަތަމަ ޖީލެވެ. މި ޖީލުގެ ބައެއް ސިފަތަކަށް ވަކިވަކިން ނަޒަރު ހިންގާލާނާމެވެ.
1. ޖެން ވައި ނުވަތަ މިލެނިއަލްސް ޖީލާ ޚިލާފަށް ޖެން ޒީއަށް ނިސްބަތްވާ މީހުން/ކުދިން އުފަންވީ ސްމާރޓް ފޯނާއި، ވައިފައި އާއި މީސްމީޑިޔާގެ މަންސަތައް ތަރައްޤީ ކުރެވިފައިވާ ދުވަސްވަރަކަށެވެ. މި ޖީލުގެ އަހުލުވެރިންނަށް ގޫގުލްއާއި، ޔޫޓިއުބާއި އެސް.އެމް.އެސް ނެތް ދުވަސްވަރެއް ތަޖުރިބާ ކުރެވިފައެއް ނުވާނެއެވެ. މި މީހުންގެ ދޭދޭ ގުޅުންތައް ބިނާވެފައިވަނީ ހަމައެކަނި މަޢުލޫމާތު ހޯދުމާއި ބޭނުންކުރުމަށް އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު، މުވާޞަލާތު ކުރުމާއި، ކަންކަން ދަސްކުރުމާއި، ދުނިޔޭގެ އެކި ކަންކޮޅުގައި ހިނގާ ކަންކަން ހޯދާ ދެނެގަންނަން މި ޖީލުގެ މީހުން ފިސާރި ކުޅަދާނައެވެ. އަދި ދިރިއުޅުމުގެ ކަންކަން ބައްޓަންވެފައިވަނީވެސް އެގޮތަށެވެ. ޓިކްޓޮކް، ސްނެޕްޗެޓް އަދި އިންސްޓަގްރާމް ކަހަލަ އެޕްތަކަކީ ހަމަ އެކަނި މުނިފޫހިފިލުވާލުމަށް މި ޖީލުގެ މީހުން ބޭނުންކުރާ މަންސަތަކެއްނޫނެވެ. ޖެން ޒީގެ މީހުން މި މަންސަތައް ބޭނުންކޮށްގެން އަމިއްލަ ބްރޭންޑެއް އުފެއްދުމާއި، މުހިންމު ކަންކަމަށް ވަކާލާތުކުރުމާއި، އަދި އަމިއްލަ ވިޔަފާރި ތަރައްޤީކުރެއެވެ.
2. މި ޖީލުގެ މީހުންނަކީ އެކިކަންކަމުގައި ކުރިއަރައި ދިޔުމުގެ ރޫހާއި ވާދަވެރިކަން އިންތިހާއަށް އޮންނަ އަދި ވަޠަނީ ވިސްނުމާދުރު ބައެކެވެ. ޚާއްސަކޮށް މިކަން އެންމެ ބޮޑީ ހުޅަނގުގެ ގައުމުތަކުގައެވެ. މި އުމުރުގެ މީހުން ކަންކަމުގައި ބައިވެރިވުމާއި ތަފާތު ޚިޔާލާތުތަކަށް ވިސްނުން އަބަދުވެސް ގެންގުޅެއެވެ.
3. މި ޖީލުގެ މީހުންނަކީ ހަމައެކަނި ކަންކަމާމެދު ވާހަކަ ދައްކާ ބައެއް ނޫނެވެ. ކަންކަންވުމަށް ނުވަތަ ޢަމަލީ ސިފަ ގެނައުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތްކުރާ ބައެކެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކުރުން ކަހަލަ ކަންކަމުގައި ހަމައެކަނި ދެކޭ ގޮތް ހާމަކުރުމުގެ ބަދަލުގައި އެކިއެކި ހަރަކާތްތަކުގެ ތެރެއިން އެކަންކަން ހާސިލް ކުރުމަށް މި މީހުން މަސައްކަތްކުރާނެއެވެ. އޭގެ ބައެއް މިސާލުތަކަށް ބަލާއިރު 'ފްރައިޑޭ ފޮ ފިއުޗަރ' 'މާރޗް ފޮ އަވަރ ލައިވްސް' އަދި 'ބްލެކް ލައިވްސް މެޓަރ' އަކީ މި ދެންނެވި ޒުވާނުން އިސްނެގުމާއި ބައިވެރިވުމާއެކު ވުޖޫދުވެ، ކުރިޔަށް ގެންދެވިފައިވާ ކާމިޔާބު ހަރަކާތްތަކެކެވެ. މި ޖީލުގެ މީހުން މިފަދަ ހަރަކާތްތައް ރާވާ އިންތިޒާމް ކުރުމާއި ކުރިޔަށް ގެންދިޔުމުގައި ގެންގުޅޭނީ ޑިޖިޓަލް އުކުޅުތަކާއި ވަސީލަތްތަކެވެ. ތަފާތު ހޭޝްޓެގްތަކާއި މީމްތަކާއި ވައިރަލް ވީޑިޔޯތަކުގެ އެހީގައެވެ.
4. ދެން އޮތީ މި ވާހަކަ ދެކެވޭ ޖީލުގެ މީހުންގެ މަސައްކަތު މާހައުލާ ގުޅޭ ވާހަކަތަކެވެ. މި ޖީލުގެ ބޮޑު އިންސައްތައެއް މަސައްކަތަށް ނުކުމެފައިވާއިރު ދެން ތިބި ކުދިން ތިބީ މަތީ ތަޢުލީމް ހާސިލުކޮށް މަސައްކަތަށް ނުކުތުމުގެ މަގުމަތީގައެވެ. މި ޖީލުގެ މީހުން މަސައްކަތުގެ މާހައުލުގައި އިސްކަންދޭނީ ފްލެކްސިބިލިޓީ، މަގުސަދު އަދި ވަރކްލައިފް ބެލެންސްއަށެވެ. ހަމަ އެކަނި ލިބޭ އާމްދަނީގެ އިތުރަށް ވަޒީފާއެއް ޚިޔާރުކުރާއިރުވެސް އަދި ވަޒީފާއެއްގައި ދެމިހުރުމާ ނުހުރުންވެސް ނިސްބަތްވެގެންވަނީ މި ދެންނެވި ކަންކަމުގެ މައްޗަށެވެ. އުޅެންޖެހޭ ލުއިފަސޭހަ މިނަށާއި، ކުރަންޖެހޭ ކަންކަމާ ވަޒީފާ އަދާކުރާތަނުގެ އަމާޒާ ދިމާވޭތޯއާއި ވަޒީފާ އަދާކުރިޔަސް އަމިއްލަ ދިރިއުޅުމަށްވެސް ވަގުތު ދެވޭ ފަދަ ގޮތަކަށް ނޫނީ ކަންކަން ނުރާވާނެއެވެ. އަދި މިނިވަންކަމާއެކު މަސައްކަތް ކުރެވޭކަހަލަ (ފްރީލާންސް) ވަޒީފާތަކަށާއި، އެ ހުރިތަނަކު ހުރެގެން އަދާ ކުރެވޭ ކަހަލަ (ރިމޯޓް) ވަޒީފާތަކަށާއި، ވަކި ވަގުތެއް ކަނޑައަޅައިގެން ކުރުމަށްވުރެ ފަސޭހަ ގަޑިއެއްގައި އެ ކުރަންޖެހޭ މަސައްކަތެއް ކޮށްލުމުން އުޖޫރަ ލިބޭކަހަލަ މަސައްކަތްތައް ކުރުމަށް މި ޖީލުގެ ކުދިންނާއި މީހުން މާ ގަޔާވެއެވެ. އަދި އާމްދަނީގެ ގޮތުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމާއި، ވިޔަފާރި ވިސްނުމާއި، ވަޒީފާގެ އިތުރުން އިތުރު އާމްދަނީ ހޯދާނެ ގޮތްތަކަށް ޝައުޤުވެރިކަން ހުންނާނެއެވެ.
ބަޔާން މިކުރެވުނު ސިފަތަކުގައި ގިނައީ ފައްސި ކަންތައްތައް ކަމުގައި ވިޔަސް މި ޖީލުގެ މީހުންގެ އުޅުމާއި ގުޅުމާމެދު ކަންބޮޑުވާން ޖެހޭ ކަންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން، މި ޖީލުގެ މީހުންނަކީ، އާންމު ހިއްސު (ކޮމޮން ސެންސް) މަދު ބައެކޭ ބުނެވިދާނެއެވެ. މިސާލަކަށް ދެ ޖީލުގެ ދެ މީހަކަށް އެއް ހާލަތެއް ކުރިމަތި ކުރުވުމަށް ހިނގާށެވެ. މަސައްކަތު މާހައުލުގައި، ހަވާލު ކުރެވިފައިވާ ނުވަތަ ކުރަން ބުނެފައިވާ ކަންކަމުގެ އިތުރަށް އެއްވެސް ކަމެއް މިޖީލުގެ މީހުން ކުރުމުގެ ވިސްނުމެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި އެހެން ޖީލުތަކަށް ނިސްބަތްވާ މީހުން، އަމިއްލައަށް ވިސްނާލައިގެން ކަންކަން ފަސޭހަ ކޮށްލުމާއި، އެހެންމީހުންނަށް އުނދަގޫ ވެދާނެކަންކަން ނުކުރުމާއި، ވެދާނެކަމަކަށް ކުރިޔާލާ ވިސްނާލުމާއި، ނުކުމެދާނެ ނަތީޖާއަކަށް ބަލާފައި ބައެއް ވާހަކަތައް ނުދެއްކުން ކަހަލަ ކިތަންމެ މިސާލެއް ލިޔެވިދާނެއެވެ. މީގެ އިތުރުން މި ޖީލުގެ މީހުންނަކީ ނަފްސާނީ ބަލިތަކަށް ހުށަހެޅޭ ނިސްބަތް ބޮޑު ބައެކެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި މީސްމީޑިއާ ޕްރެޝަރާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ކޮވިޑް ކަހަލަ ޢާލަމީ ވަބާތައް މިކަމުގައި ބޮޑު ދައުރެއް އަދާކުރެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން