ދިވެހިންގެ ގައުމީ ގަހެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ހޮވާފައިވަނީ ދިވެހި ރުކެވެ. ދިވެހި "ރުއް" ގޮތުގައި ގިނަ ރައްރަށުން މިހާރު ފެންނަން ހުރީ މަތިވަރު ދަށްވެ މުސްކުޅިވެފައިވާ ރުއްތަކެކެވެ. މިހެން މިކަން ދިމާވާން ޖެހުނީ ދިވެހިންނަށް ދިވެހި ޤައުމީ ގަހަށް އިހުމާލު ވެވިފައިވުމުން ކަމަށް ގަބޫލު ކުރަންތޯއެވެ؟ ދިވެހިން ދުވަހަކު ވެސް ދިވެހި ގައުމީ ގަހުންގެ އެއްވެސް އެއްޗެއް އެހެން ގައުމަކުން ގެންނަން ޖެހިދާނެ ކަމަށް ކާބަފައިން ވެސް އަދި މިހާރުގެ އިހު ރައްވެހިންވެސް ނުދެކޭނެ ކަމީ ޔަގީން ކަމެކެވެ. އެހެނަސް އެ ހަޤީގަތް މިވަނީ ބަދަލުވެފައެވެ. 

ދިވެހިން ބޭނުންވާ ވަރާ ގާތައްވެސް ދިވެހި ގައުމީ ގަހުން ދިވެހިންގެ ބޭނުންވާ ނަފާވެރިކަމެއް ނުނެރެވެއެވެ.  ދިވެހި ފަޚުރު ވެރި ރޯނާއި  ދިވެހިންގެ ދިވެހިވަންތަ ފަންގި ބޭރުން ގެންނަތަން މިއަދު ފެންނަން ފަށައިފިއެވެ. މިއީ މިކަމާއި އަޅާނުލައި ދޫކޮށްލައިފިނަމަ ދިވެހި ވަންތަ މި ކަންކަމަށް ކުރިމަގުގައި އޮތް ނުރައްކަލުގެ ރަނގަބީލެކެވެ. ދިވެހިންގެ ހިތްތަކުގެ އެ ކެއުމަކަށް ހިތް ޖެހިފައިވާ ކާށި ދިވެހި މިފަސްގަނޑުން ދިވެހިންނަށް ބޭނުންވާ ވަރަށް ނުއުފެއްދޭތީ މިއަދު ފެންނަނީ ބޭރުން މި ރާއްޖެ އަށް އެތެރެވާތަނެވެ. މިއީ ދިވެއްސަކަށްވެ ހުރެ އަހަރެމެން ދިވެހިން ލަދުގަންނަން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟

ދިވެހިން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ދިވެހިންގެ ޤައުމީ ގަސް "އުވިދިޔަ" ނުދީ އެ ގަސް އާލާކޮށް ދިރިވުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ. މިހާރު ފަޅުރަށްރަށުގައާއި ބިން ބޮޑު ރަށްރަށުގައި 'ކޮޅުންފޯދި" މުސްކުޅިވެ މަތިވަރު ދަށަށް ގޮސްފައިވާ ރުއްތަކުގެ ބަދަލުގައި އާ ރުއްތަކެއް އިންދާ ގައުމީ ބޮޑު ހަރަކާތެއް ހިންގަންޖެހެއެވެ. ދިވެހިވަންތަ ކަން ދިވެހިންގެ ތެރޭގައި އަށަގެންނެވުމަށެވެ. ދިވެހިންގެ ދިވެހި ވަންތަކަން ސަލާމަތް ކުރުމަށެވެ. ދިވެހިންގެ ގައުމީ ގަހަށް އޭގެ ހައްގު މަޤާމު އެގޮތުގައި ހޯދައި ދިނުމަށެވެ. އެ ގަހަށް ގަދަރު ކުރުމުގެ ގޮތުންނެވެ.

މިޒަމާނުގައި އިވެމުން މިދަނީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރަންޖެހޭ ވާހަކައެވެ. ދިވެހިންގެ ދިވެހިވަންތަކަން އެގޮތުގައި ދަމަހައްޓަންޖެހޭ ވާހަަކައެވެ. އެ ގޮތުން ދިވެހި ގައުމިއްޔަތު އާލާކުރުމުގައި ދިވެހި ގައުމީގަހަށް ކުރިން ލިބިފައިވާ ގަދަރު މިހާރުވެސް އަދި ކުރިއަށް އޮތްތަނަށް ވެސް ދިވެހި ފަހުން އަންނަން އޮތް ޖީލުތަކަށް އަހަރެމެންނަށް ގެންގޮސްދެވޭނީ އެ ގައުމީ ގަސް އާލާކޮށްގެންނެވެ. ގައުމީ ބޮޑު ހަރަކާތެއް އެކަމުގައި ހިންގައިގެނެވެ. ގައުމިއްޔަތު ދިރިވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ވަކި ކަމެއް އުނިވިޔަނުދީ  އެކަމަކަށް ހިތްމަތާއި އެކު މަސައްކަތް ކޮށްގެނެވެ.