ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވުމާއެކު، އެކުއްޖެއްގެ މައިންބަފައިން އެ ކުއްޖާއަށް ރީތި ނަމެއް ކިޔައެވެ. ނަމެއް ކިޔާއިރު މާނަ ރީތި ނަމެއް ހޯދައެވެ. އެކަން ގިނަ ފަހަރު ބަނޑުބޮޑުވާ ހިސާބުން ފަށައެވެ. ކޮންމެ ކަހަލަ ކުއްޖެއް ލިބުނަސް، ދެ ވައްތަރުން އެކި ނަންތައް ހޯދައި، މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދައެވެ. އެ ކުއްޖާއަށް ކަމުދާ ނަމެއް ކިޔުމުގެ ބޭނުމުގައެވެ. ނަމަވެސް، ވިހައިގެން ހަތްދުވަސްވުމާއެކު، އަޤީޤާ ކަތިލައި ކިޔާ ރީތި ނަން އަހަރުމެންގެ ތެރެއިން ގިނަ މީހުން ބޭނުމެއް ނުކުރެއެވެ. ބޭނުން ކުރަނީ ވަނަމެކެވެ. ބަދަލުނަމެކެވެ. ކޮންމެވެސް ޓޭޓޭއެއް ލައިގެންނެވެ. މިހެން މިކަން އޮތްއިރު، އެންމެ ކަންބޮޑުވާ އެއްކަމަކީ، އާންމުކޮށް ދެކެފަރިތަ މީހުންގެ ވަނަން އެނގުނަސް، އެމީހެއްގެ އަސްލު ނަން ނޭނގޭ ފަހަރު ދިމާވާތީއެވެ. އެކަހަލަ ކިތަންމެ ކަމެއް މި މުޖުތަމަޢުގައިވެސް ހިނގައެވެ.
ވަނަން ނުވަތަ 'ނިކް ނޭމް' ގެ ތާރީޚަށް ޖެހިލާނަމެވެ. އެންމެ ފުރަތަމަ އެއީ 'ނިކް ނޭމް' އެއް ނޫނެވެ. ކިޔުނީ 'އީކް ނޭމް' (eke-name) އެވެ. ގިނަދުވަސްވީވަރަކުން އެހެން ބަސްބަހަށްވެސް ބަދަލު އައި ބީދައިން މިބަހަށްވެސް ބަދަލު އައިސް ފަހުން ނިކް ނޭމް އަށްވީއެވެ. އެގޮތަށް ބަދަލުވި ބައެއް އިނގިރޭސި ބަސްބަހުގެ ތެރޭގައި ކުރިން 'ނެޑަރ' ކިޔަމުން އައި ހަރުފައަކަށް މިހާރު ކިޔަނީ 'އެޑަރ' އަދި ކުރިން 'ނަރަންޖާ' ކިޔުނު މޭވާއަކީ މިހާރު 'އޮރެންޖް' އެވެ.
'އީކް' އަކީ މުސްކުޅި އިނގިރޭސި ބަހެކެވެ. މާނައަކީ އިތުރުކުރެވިފައިވާ ނުވަތަ އަދިވެސް އެވެ. އެހަމައިން "އީކް-ނޭމް" އަކީ އިތުރު ކުރެވިފައިވާ ނަމެވެ. އަސްލުނަމުގެ ބަދަލުގައި ބޭނުންކުރާ އެހެން ނަމެކެވެ. ތަންތަނާއި އެއްޗިއްސާއި މީސްމީހުންނަށްވެސް އަސްލުނަމުގެ ބަދަލުގައި ކިޔާ ނަންނަމަކީ 'ނިކް-ނޭމް' ނުވަތަ ވަނަމެވެ.
ރާއްޖެއަށް މި ގޮތްގަނޑު އައީ ކޮން ދުވަސްވަރެއްގައިކަން ނޭނގުނު ނަމަވެސް، އިހުގެ ވާހަކަތަކުންނާއި މީހުންނަށް ކިޔާފައިވާ ނަންތަކުން ވަރަށް ކުރިންސުރެ މިކަން ރާއްޖޭގައިވެސް ހިނގަމުން އައިސްފައިވާކަން އެނގެއެވެ. މިސާލަކަށް ޚަދީޖާ ކިޔާ މީހުންނަށް ދަލޭކަ ކިޔުމާއި، މީހުންގެ ހަމުގެ ކުލައިންނާއި، އެމީހެއްގެ ހުންނަ އައިބު ސިފައެއްގެ ސަބަބުންނާއި، ކުރާ މަސައްކަތެއްގެ ސަބަބުންނާއި، ކުރި މޮޅު ކަމެއްގެ ސަބަބުންނާއި، ނިސްބަތްވާ ރަށެއްގެ ނަން ބޭނުން ކޮށްގެންވެސް ވަނަން ދެވިފައި އެބަ ހުރެއެވެ.
ވަނަން ދެވެނީ ކީއްވެތޯ މިއީ ވިސްނާލުން ރަނގަޅު ސުވާލެކެވެ. ރާއްޖޭގައި އެކަން ކުރެވޭ ސަބަބުތަކަށް ބަލާއިރު، އެއް ނަމެއް ކިޔާ ދެނަމެއް ތަފާތުކޮށްލުމަށް ނުވަތަ އެނގޭނެ ގޮތަކަށް ފާހަގަކޮށްލުމަށް މިކަން ކުރެއެވެ. މިސާލަކަށް އިބުރާހިމް އަލީ ކިޔާ ދެމީހުން އެއް ރަށެއްގައި އުޅޭނަމަ، ގޭގެނަން ފަހަތަށް ލުމުގެ ބަދަލުގައި، އެއީ ތަޅާ އިބުރާހިމޭ ބުނީމާ، އެންމެނަށްވެސް އެނގޭނެއެވެ. އެއްބައިފަހަރު ވަނަން ދެވެނީ ދެރަކޮށްލުމުގެ ގޮތުންނެވެ. މިސާލަކަށް މީހެއްގެ ހުރި އައިބު ސިފައެއް ކިޔާފައި އެމީހެއްގެ ނަން ބޭނުންކުރާތަން ވަރަށް ގިނައިން ފެނެއެވެ. މިސާލަކަށް ކޮރު އިސްމާއިލް، ކަނު ކާސިމު ކަހަލަ ނަންނަމެވެ. ދެން އޮތީ މީހަކަށް ދިމާވި ހާދިސާއަކާ ނުވަތަ މޮޅުކަމަކާ ގުޅުވައިގެން ނަންދިނުމެވެ. މިސާލަކަށް ދެމަރު މުނީރު، އުދުހޭ މުފީދުއެވެ.
ވަނަން ކިޔުމާއި ނަން ދިނުމުގައި ހައްދުން ނެއްޓި، އާންމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ ނަންތައް ކިޔުމާއި، މީހުންގެ އަބުރާއި އިއްޒަތަށް ހުތުރުވާ ކަހަލަ ނަންތައް ކިޔުމާއި، މީހުން ދެރަވެ ހިތްހަމަ ނުޖެހޭ ނަންތައް ކިޔާ އެ ނަންތަކުން މުހާތަބު ކުރުމަކީ މިވީ ދިގު މާޒީގައި ކުރަމުން އަންނަ އަދިވެސް ކުރެވެމުންދާ ވަރަށް ގޯސް އާދައެކެވެ. އެއީ އިސްލާމްދީން ބާރު އަޅާކަމެއްވެސް ނޫނެވެ. އެގޮތުން އެމީހަކު ހިތްހަމަ ނުޖެހޭ ނަމަކުން އަނެކާ މުހާތަބު ނުކުރުމަށް ދީނުގައި އަންގަވާފައިވެއެވެ.
ކަން މިހެން އޮތްއިރު، އެންމެ ކަންބޮޑުވާންޖެހޭ ހިސާބަކީ، ދަންނަ ރައްޓެހިން، ދެކެފަރިތަ މީހުން، ކޮންމެ ދުވަހަކު ވާހަކަ ދައްކަން ޖެހޭ މީހުން، އާއިލީ ގޮތުން ގާތް މީހުންގެ އަސްލު ނަން ހަނދާން ނެތޭ ހިސާބަށް ކަންތައް ދިޔުމެވެ. "އޭ ބްރޯ އަސްލު ނަމަކީ ކޮބާހޭ؟" ގާތް ރައްޓެއްސެއް ކައިރީ އަހާލަން ޖެހުމަކީ ލަދުވެތިކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން