ފަލަސްޠީނުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ މައްސަލައެއް ނޫނެވެ. ފަލަސްޠީނުގައި އިޒްރޭލޭ ކިޔުނު ޖައްބާރު ޔަހޫދީންގެ ރަހުމުކުޑަ ޢަމަލުތައް ފެށުމަށް މަގު ކޮށިގެން ދިޔައީ ވިހިވަނަ ގަރުނުގެ ކުރީކޮޅު، އިނގިރޭސީން އިޢުލާންކުރި ބެލްފޯ ޑެކްލެރޭޝަނާ ހިސާބުންނެވެ. އެއީ 1917 ވަނަ އަހަރުއެވެ. އިނގިރޭސީންގެ ދަޢުވާއަކަށްވީ ފަލަސްޠީނުގައި ޔަހޫދީން ވަޒަންވެރިކޮށް ވަންނާނެ ގެދޮރެއް ހޯދައިދިނުމުގެ ދަޢުވާއެވެ. އަދި އޭގެ ފަހުން 1948 ވަނަ އަހަރު އަރަބި-އިޒްރޭލް ހަނގުރާމައަށްފަހު، އިޒްރޭލަކީ ވަކި ދަޢުލަތެއްކަމަށް އިޢުލާން ކުރުމުގެ ނަތީޖާއަކަށްވެގެންދިޔައީ 7 ލައްކައަށްވުރެ ގިނަ ފަލަސްޠީން ރައްޔިތުންގެ ގެދޮރު ގެއްލުމެވެ. މި ހާދިސާއަކީ މަޝްހޫރު ނަކްބާއެވެ. އޭގެފަހުން އަދާ ޖެހެންދެން ހުއްޓުމެއްނެތި އިޒްރޭލުންދަނީ ފަލަސްޠީނުގެ ބިންތައް ގަދަކަމުން އަތުލައި، އެތައް މުސްލިމުންނެއް ޝަހީދުކޮށް އެތައް ބައެއްގެ ގެދޮރުން ނެރެ ލާއިންސާނީ ޢަމަލުތައް ހިންގަމުންނެވެ.
މީގެ ދެ ހަފްތާ ކުރިން ރޮއިޓާސްއިން ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކާ ހަވާލާދީ ހާމަކުރި ގޮތުގައި ހަމާސްއާއި އިޒްރޭލާއި ދެމެދު ދާދިފަހުން ވެވުނު ހަމަލާތައް ބަދަލުކުރުމުގެ އެއްބަސްވުމާ ޚިލާފުވެ، އިޒްރޭލުން ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް ފަލަސްޠީނުގެ 50000 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރެއިން ތިން ބައިކުޅަ އެއްބަޔަކީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންކަމަށްވެސް ހާމަކޮށްފައިވެއެވެ.
ބޭރުގެ އެކިއެކި ޗެނަލްތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރުވެސް ގިނައިން ފެންނަނީ ކުޑަކުދިންނާއި ޒުވާނުންނަށް ހަމަލާދީފައިވާ މަންޒަރެވެ. މިކަމުން ދޭހަކޮށްދެނީ އިޒްރޭލުގެ އަމާޒަކީ ފަލަސްޠީނުގެ ކުޑަކުދިންކަމެވެ. އެހެން ބީދައަކުން ބުނާނަމަ، ބޮޑެތިވަމުން އަންނަ ކުދިންގެ ޖީލެއް ނުވަތަ ފަލަސްޠީނުގެ ނަސްލެއް ނައްތާލުންކަމެވެ.
މިއީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ނަމަވެސް، ނުދައްކާ ހަނު ހުރެވޭނެ ކަމެއްވެސް ނޫނެވެ. ދުނިޔޭގެ ކޮންމެ ބިތެއްގައިވާ މުސްލިމަކަށްވެސް ފަލަސްޠީނުގައި ހިނގަމުންދާ ލޭއޮހޮރުމާމެދު ކަންބޮޑުވާންޖެހެއެވެ. އެ މައްސަލަ މުހިންމު މައްސަލައަކަށް ވާންޖެހެއެވެ. އެ ބިމަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމަށްވާ މަސްޖިލް އަޤްޞާ ހުންނަ ބިމެވެ. އެ މިސްކިތުގައި ކުރާ ނަމާދު އެހެން މިސްކިތްތަކުގައި ކުރާ ނަމާދުތަކަށްވުރެ މާތްވެގެންވެއެވެ. އެތައް ރަސޫލުންނެއްގެ އުފަންބިމެވެ. އަދި އަހަރުމެންގެ މާތް ނަބިއްޔާ އިސްރާ މިޢުރާޖުގެ ދަތުރު ފެއްޓެވި ބިންވެސްމެއެވެ. މި ސަބަބުތަކަށްޓަކައި އެބިމަކީ ރައްކާތެރި ކުރެވިފައިވާ މާތްބިމެކެވެ.
އެހެންނަމަވެސް، ފަލަސްޠީނަށް ދިމާވެފައިވާ ހިތްދަތިކަމުންނާއި ބިރުވެރިކަމުން ސަލާމަތްކުރުމުގައި އަހަރުމެން މުސްލިމު އެހެން ގައުމުތަކުން މިވަނީ ބޮޑުތަނުން ފެއިލްވެފައެވެ. އިޒްރޭލުގެ ސިފައިންނަށް ކާފަރު ދަޢުލަތްތަކުން ބިލިއަނުން ޚަރަދުކުރާއިރު، ދުނިޔޭގެ އެންމެ މުއްސަނދި ބިންތަކުގެ އަހުލުވެރިންކަމަށްވާ އަރަބީން ތިބީ ގަދަ ނިދީގައެވެ. އެމީހުންގެ އެ މުއްސަނދިކަމުން އެ ގައުމުތަކުގެ އިމާރާތްތައް އުޑާ ޖެހެންދެން ހިއްލަމުންދާއިރު، އަތްދިއްކޮށްލީމާ އަތްޖެހޭ ފަށުގައި އޮތް ފަލަސްޠީނުގެ މުސްލިމުންގެ ގެދޮރު ފަނާ ކުރަނީއެވެ. ބޮޑެތި ބުލްޑޯޒަރުތަކުން އިމާރާތްތައް ބިމާ ހަމަކުރަނީއެވެ. ވާރޭ ވެހޭހެން ކޮންމެ ދުވަހަކު ކެނޑިނޭޅި ބޮންއަޅައި ކޮންމެ ދުވަހަކު އެތައް ކުޑަކުދިންނާއި އަންހެނުން މި ދުނިޔެއާ ވަކިވެގެންދަނީއެވެ. އަހަރުމެން މުސްލިމު ގައުމުތަކުގެ ކުޑަކުދިން މަގުތައް މަތީގައި ކުޅެ ސަކަރާތް ޖަހާއިރު، ފަލަސްޠީނުގެ ކުޑަކުދިން ދުވަނީ މަތިން އަންނަ މިސައިލުން ސަލާމަތްވާށެވެ. ބައްޕަ ދުނިޔޭގައި ހުރީ ވިއްޔާ މަންމައެއް ނެތެވެ. މަންމައާއި ބައްޕަ ޝަހީދުވެ ޔަތީމުވެފައިވަނީ ކިތައް ކުދިންތޯއެވެ؟ ވަންނާނެ ގެދޮރެއް، ކާނެ އެއްޗެއް ބޯނެ ފެންފޮދެއްނެތި މަރާ ހަނގުރާމަކުރަނީ ކިތައް މީހުންތޯ؟ އަހަރުމެންގެ ހިތަށް ހަމަ އަސަރެއްވެސް ނުކުރަނީ ހެއްޔެވެ؟
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން