ކޮންމެ އަހަރެކޭވެސް އެއްގޮތަށް ނިމިދިޔަ ފިޠުރު އީދު ތެރޭގައި ފޯރިއާއިއެކު ބައިބަލާ މުބާރާތެއް ރާއްޖޭގައި ކާމިޔާބުކަމާއިއެކު ނިންމާލާފައިވާއިރު މި މުބާރާތުން މޮޅެތި އެކި ކުޅުންތެރިން ފެނިފައި ވެއެވެ. ކޮމެންޓްރީ ދޭ ފަރާތުން އާދައިގެ މަތިން މޮޅެތި ކުޅުމާއި ކުޅުންތެރިންގެ ވާހަކައިން ކޮމެންޓްރީ ގެނެސްދީފައި ވެއެވެ. މި ކޮމެންޓްރީގެ ހަވާސާގެ ފަހަތުގައި ވަނީ ކުޅުންތެރިންގެ މަސައްކަތް އެކަންޏެއް ނޫނެވެ. ކޮންމެ ކުޅުންތެރިއެއްގެ މަސައްކަތުގައި ޝަައްކެއްވެސް ނެތްގޮތުގައި މޮޅު ކޯޗެއްގެ ހިކުމަތާއި ހިންމަތް ވެއެވެ. 

މިފަހަރުގެ ބައިބަލާ ފައިނަލް މެޗް ކާމިޔާބުކުރި ޓީއެފްޓީ ސްޕޯޓްސް ކްލަބަށް ތަށި ހާސިލުކޮށްދިން އުމުރުން 58 އަހަރުގެ ކޯޗް އަޙްމަދު ނާސިރު، އާންމު ނަމުން ނަމަ ނާއްޓެގެ މަސައްކަތުގެ ވާހަކަ އަހަރެމެންނާއި ހަމައަށް އައީ އެފްބީގައި ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެންނެވެ. އޭގައި ވަނީ މާލެއަށް އުފަން ނާއްޓޭގެ ކާމިޔާބީ ފާހަގަކުރުން ހައްގު މިންވަރު ކޮންމެވެސް ވަރަކަށް ބަޔާންކޮށްފައެވެ.

މި ޕޯސްޓު އިޝްތިހާރުވަމުންދާ ވަރުން އަހަރުމެން ނާއްޓެގެ ނަމްބަރު ހޯދަން ބައިބަލާ އެސޯސިއޭޝަނާއި ޓީއެފްޓީއަށް މެސެޖް ކުރީމެވެ. ރިޕްލައިގެ އިންތިޒާރުގައި ހުއްޓާ އަހަރެންގެ ފޯނަށް ބައިބަލާއާއި މުޅިން ބީރައްޓެހި މީހެއް މެސެޖްކޮށްފިއެވެ. އާދައިގެ ހަބަރެއް ޖަހަން މެސެޖްކުރި ފަހަރެއް ކަމަށް ހީކުރީމެވެ. ރަނގަޅަށް ބަލާލިއިރު، ނާއްޓެގެ ވާހަކަ ޕްރޮފައިލްއެއްގެ ގޮތުގައި ގެނެސްދޭން އެދުނު މެސެޖަކަށްވިއެވެ. ދެން ލިބުނު އަނެއްކާ އެހެން މީހެއްގެ މެސެޖެކެވެ. އޭގައިވެސް ވަނީ ނާއްޓެގެ ނަމްބަރު ދީފައި، އޭނާގެ ޕްރޮފައިލްއެއް ހެދުން މުހިންމުކަމަށް ބުނެފައެވެ. އެހެންކަމުން، ނާއްޓެގެ ނަމްބަރު ހޯދަން މާކަ ބޮޑު މަސައްކަތެއް ކުރާކަށްވެސް ނުޖެހުނެވެ.

އެއާއެކު، ތީރުގެ ޓީމުން ނާއްޓެގެ ޕްރޮފައިލްއެއް ޖަހަންވީ ސަބަބު ހޯދަން އޭނާއަށް ގުޅީމެވެ. އޭގެ ކުރިން، ބައިބަލާ ކޯޗް ނާއްޓެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރަމާ ހިނގާށެވެ. ނާއްޓެއަކީ ރާއްޖޭގައި ބައިބަލާ އުފެދުނީއްސުރެ ބައިބަލާ ކުޅެމުން އައި ފަރާތެކެވެ. ރިޓަޔާވުމުގެ ކުރިން ނާއްޓެ ކުޅުނު 2 މުބާރާތެއްގައި އޭނާގެ ޓީމަށް ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހާސިލުކޮށްދީފައި ވެއެވެ. އެއަށްފަހު އޭނާ ފެއްޓީ ބައިބަލާ ކޯޗަކަށްވުމުގެ މަސައްކަތެވެ. ބައިބަލާ މުބާރާތްތަކުގައި ނާއްޓެ ބައިވެރިވި 21 މުބާރާތުގެ ތެރެއިން 15 ފަހަރު ޓީމު ސެމީ ފައިނަލް ކުޅެ 13 ފަހަރު ފައިނަލުން ޖާގަ ހޯދައިގެން 07 މުބާރާތެއްގެ ތަށި އޭނާ ވަނީ ހިއްލާފައެވެ. މިކާމިޔާބީ  ހާސިލްކޮށްދީފައިވަނީ އެކި ޓީމްތަކަށް ކޯޗްކޮށްދީގެންނެވެ. 

 

 ކޯޗްކަމުގެ އިތުރުން އެހެނިހެން މަސައްކަތެއް ކުރަންތޯ؟

5 ދަރިންގެ އާއިލާއެއްގެ އެންމެ ދޮށީ ބޭބެ ކަމުގައިވާ ނާއްޓެއަކީ އަންބަކާއި ފިރިހެން ކުއްޖަކާއި 2 އަންހެން ކުދިންގެ މަސްއޫލިއްޔަތު ބަލަހައްޓަމުންދާ ބައްޕައެކެވެ. ނާއްޓެ އެންމެ ފުރަތަމަ މަސައްކަތްކުރީ ގެސްޓް ފިހާރައެއްގައި ގައިޑެއްގެ ގޮތުގައެވެ. އޭގެ ފަހުން  ސޭލްސްމަންކަން ކޮށްފައި ވެއެވެ. 

މިހާރު އޭނާއަކީ އެހެން މީހަކާއި ގުޅިގެން ގަރާޖެއްގައި އަމިއްލަ މަސައްކަތް ކުރާ މީހެކެވެ. އޭނާ ބުނާ ގޮތުންނަމަ އެކި މީހުންގެ އެދުމުގެ މަތިން ޓީމްތަކަށް އޭނާ ކޯޗްކަން ކޮށްދެނީ ވަކި އަގެއް ކަނޑަޅައިގެނެއް ނޫނެވެ. ރަނގަޅު އާމްދަނީއެއް ނުލިބުނު ކަމުގައިވިޔަސް އޭނާ މެދުނުކެނޑި ބައިބަލާގެ މައިދާން ބަލަހައްޓައިދެނީ ހިތާއި ހިތުގެ ގުޅުމެއް އެ ކުޅިވަރާއި ގުޅިފައި އޮތީމެވެ.

 ބައިބަލާގެ އިތުރުން އެހެން މުބާރާތެއްގައި ބައިވެރިވެފައިވާނެތޯ؟ 

ނާއްޓެ ބުނީ އޭނާ ވެޓެރެންސް ކަޕް އަށް ފުޓްބޯޅަ ކުޅޭ ކަމަށާއި މި ރަމަޟާން މަހުވެސް  ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ވެޓެރަންސް ލީގަށް ފުޓްބޯޅަ ކުޅެދީފައިވާ ކަމަށެވެ. 

ބައިބަލާއަކީ ތަޅާފޮޅުމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާ ކުޅިވަރެކެވެ. މިކަމާއި ގުޅޭގޮތުން ނާއްޓެގެ ހިޔާލަކީ ކޮބާތޯ؟

 ބައިބަލާއަކީ އެއްގޮތަކަށްވެސް ތަޅާފޮޅާ ކުޅިވަރެއް ނޫން ކަމަށް ނާއްޓެ ބުނެފައި ވެއެވެ. "މިއީ ހަމަ ރައްކާތެރި ކުޅިވަރެއް" މާޒިޔާއަށް ކޯޗްކަންކޮށްދީގެން ބައިބަލާގެ ދުނިޔެއަށް ޑިމާންޑް ބޮޑުވި ނާއްޓެ ބުނެފައި ވެއެވެ. އަދި މިހާތަނަށް ރާއްޖޭގައި ބައިބަލާ ކުޅުމުގެ ތެރެއިން ކުޅުން މަނާވާފަދަ އަނިޔާއެއް އެއްވެސް ކުޅުންތެރިޔަކަށް ލިބިފައިވާކަން ފާހަގަނުކުރެވޭ ކަމަށް ނާއްޓެ ބުނެފައި ވެއެވެ. 

"މިއީ އެންމެ ގިނަ ޒުވާނުން ކުޅޭ ކުޅިވަރު. މި ކުޅިވަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދެނީ ވީހާވެސް އަހުލާގާއިއެކު. މިހާތަނަށް އަޅުގަނޑު ކޯޗްކަންކޮށްދިން އެއްވެސް ޓީމެއްގައި ހަމަނުޖެހުމެއް އަރާރުމެއް ފެނިފައިނުވޭ. ހުރިހާ ޓީމްތައްވެސް އަހުލާގު ރަނގަޅު. ކުޅުންތެރިންނަށް ރަނގަޅު ނަތީޖާއެއް ލިބޭނީ  ކޯޗަކަށް ހުންނަ ފަރާތެއްގެ އިރުޝާދާއެކީ ހިތްވަރާއިއެކު މަސައްކަތްކުރުމުން، މިއީ އެއްވެސް ރުޅިވެރިކަމެއް އޮންނަ ކުޅިވަރެއް ނޫން"

 

ރާއްޖޭގައި ބައިބަލާއަށް އޮތް ޑިމާންޑް ހާމަކުރެވޭނެތޯ؟

ނާއްޓެ ބުނީ މިއީ ކޮންމެ ރޯދަމަހެއްގައިވެސް ރާއްޖޭގައި ވަރަށް ޑިމާންޑް އޮންނަ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވާ މޮޅު ކުޅުންތެރިންނަން ރަނގަޅު އުޖޫރައެއް ލިބޭ ކަމަށް އޭނާ ހާމަކުރިއެވެ. ނާއްޓެ ބުނީ މިހާރު މި ކުޅިވަރުގައި ކޯޗްކަންކޮށްދޭ ޒުވާން ކޯޗުންވެސް އުޅޭ ކަމަށެވެ. ކޯޗުންނަށްވެސް ރަނގަޅު އުޖޫރައެއް ލިބޭ މި މަސައްކަތަށް ލަޔާގަތުކަން އޮންނަ ހުނަރުވެރިން ގިނަވުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ. ނާއްޓެ ބުނީ މިވަގުތު ތިބި ތަޖުރިބާކާރު ކޯޗުންނަށް އުމުރުން ދުވަސްވަމުންދާއިރު މޮޅެތި ޒުވާން ކޯޗުންވެސް އިތުރުވުން މުހިންމު ކަމަށެވެ. އެއް މަސް ދުވަހަށް ކުޅޭ މި މުބާރާތުގައި ބޮޑެތި  އަގުތަކުގައި ކުޅުންތެރިން ގަންނަކަން  އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، މިއީ ރާއްޖޭގައި މިވަގުތު ކުޅެވޭ އެންމެ އަގުބޮޑު މުބާރާތަށްވުމުން މި މުބާރާތް ބައިނަލްއަގްވާމީ ފެންވަރަށް ނުގެންދެވެންވީ ކީއްވެގެންކަމާއި ދޭތެރޭ އޭނާ ސުވާލު އުފައްދާފައި ވެއެވެ.

 ބައިބަލާ ރާއްޖޭގައި ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ކޯޗްގެ ހިޔާލަކީ ކޮބާތޯ؟ 

ނާއްޓެއަކީ ކުރީގެ ބައިބަލާ އެސޯސިއޭޝަންގެ ކޮމެޓީގެ މެންބަރެކެވެ. އެސޯސިއޭޝަންގެ މަސައްކަތަށް ތައުރީފުގެ ބަސްތައް އަމުނަމުން ނާއްޓެ ބުނީ މި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ހައްގުގައި ގިނަ ކަންތައްތައް މިހާރު އެސޯސިއޭޝަނުން ކުރަމުންދާ ކަމަށެވެ. އަދި މިފަހަރު ބައިބަލާ މައިދާން ތައްޔާރު ކޮށްފައިވާލެއްވެސް ވަރަށްވެސް ފުރިހަމަ ކަމަށްވެސް ބުނެ އެސޯސިއޭޝަނަށް ޝުކުރު އަދާ ކުރިއެވެ. ނަމަވެސް މި ކުޅިވަރު މިއަދު އޮތް ހިސާބުން އިތުރު ހަރުފަތަކަށް ގެންދިއުން މުހިންމު ކަމަށް ނާއްޓެ ބުންޏެވެ.

"ރާއްޖެއިން ބޭރުގެ އިންޓަނޭޝަނަލް ލީގް (ކަބައްޑީ ލީގް) ތަކުގައި ބައިވެރިވުމުގެ ފެންވަރު ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައިވެސް އެބަހުރި. އެ އުސްމިނަށް ރާއްޖެ ދާތަން ވަރަށް ދެކެން ބޭނުން. ދެކުނު އޭޝިއާގެ މުބާރާތްތަކަށް ރާއްޖޭގެ ވަރުގަދަ ކުޅުންތެރިން ފޮނުވަން އަޅުގަނޑު މީގެ ކުރިންވެސް ހިޔާލު ދީފައިވާނެ" 

އެއާއިއެކު، ކޯޗް ބުނީ ބައިބަލާ ކުޅޭ ތަންތަން ރަނގަޅަށް ހިޔާ ކުރަން އެދޭ ކަމަށެވެ. އަދި ރާއްޖޭގައި ސައުންޑް ސިސްޓަމް ބަހައްޓާފައި ރަނގަޅަށް ހިޔާކޮށްފައިވާ ބައިބަލާ ސްޓޭޑިއަމެއް ހުރުން މުހިންމުކަމަށް ދެކޭ ކަމަށްވެސް ކޯޗް ބުނެފައި ވެއެވެ. އަދި އެތަނުގައި ކުދި މުބާރާތްތަކާއި އޮފީސް ތަކުގެ މުބާރާތް ކުޅުމުގެ ފުރުސަތު ހުޅުވިފައިވާނަމަ ވަރަށް ރަނގަޅު ކަމަށްވެސް ކޯޗް ބުނެފައި ވެއެވެ. މިސާލަކަށް ބަލާފައި ކޯޗް ބުނީ އެތަން ކުއްޔަށް ދީގެން އިޝްތިހާރުކޮށްގެން އެސޯސިއޭޝަނަށްވެސް ފައިސާ ލިބޭނެ ގޮތް ހަދައިގެން މި ކުޅިވަރަށް ކުރާ އިންވެސްޓްމެންޓް އިތުރުކުރަން ޖެހޭ ކަމަށެވެ. އުއްމީދަކީ ސަރުކާރުން ވެސް މިކަމަށް އެހީތެރިވެދިނުން ކަމަށް ކޯޗް ބުންޏެވެ.

ވީގެ އިތުރުންވެސް، ހޮވާލެވޭ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުން ތަމްރީން ހޯދައިދިނުމުގެ ފުރުސަތަށްވެސް އޭނާ އެދިފައި ވެއެވެ.

5- އެކި މީހުންގެ ކޯޗިން ސްޓައިލް ތަފާތުވާނެ. އެގޮތަށް ބަލާނަމަ، ކޯޗްކަންކޮށްދޭއިރު ކޯޗް ނާއްޓެ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކޮން ކަމަކަށްތޯ؟

މި ސުވާލަށް ޖަވާބުދެމުން ކޯޗް ނާއްޓެ ބުނީ ކުޅުންތެރިންނަށް އިރުޝާދުދޭއިރުގައި ވީހާވެސް މަޑުމައިތިރިކަމާއިއެކީ ކުޅުންތެރިންނަށް އިރުޝާދުދިނުމަކީ އެއީ އޭނާގެ އުސޫލު ކަމަށެވެ. ހަރުކަށި ސްޓައިލެއްގެ ބަދަލުގައި އޯގާތެރިކަމާއި ރަހުމަތްތެރިކަމާއިއެކީ ކުޅުންތެރިންނަށް އިރުޝާދުދިނުމަށް ކޯޗް ތާއީދުކުރާ މިންވަރު އޭނާގެ ވާހަކައިން ދޭހަވެގެންދިޔައެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތަކީ ކުޅުންތެރިންނާއި ގުޅިގެން މަސައްކަތްކުރަން ޖެހޭނެ. ކުޅުންތެރިންގެ ބަސްވެސް އަޑުއަހަންޖެހޭނެ. ނުބައިކޮށް ކަމެއް ކުރެވުނަސް، ދެން ފަހަރަކު ރަނގަޅު ކުރުމަށް ވަރަށް ރީތިކޮށް ބުނެދެނީ. އެހެން ކުޅުންތެރިންވެސް ޓީމް މޭޓެއްގެ ކުޅުމާއި ބެހޭގޮތުން ވާހަކަދައްކާއިރު ދެރަނުވާނެ ގޮތަށް ވާހަކަދެއްކުމަށް ނަސޭހަތްތެރިވަން. ހަސަދައާއި ނުލާ މަސައްކަތްކުރުމުން ކާމިޔާބީ ފެންނާނެ ކަމަށް ދެކެން. އަޅުގަނޑަކީވެސް މިއީ އެއްވެސް މީހަކަށް ހަސަދަވެރިވީ ފަރާތެއް ނޫން"

 

ފިޓްނެސްއަށް ކިހާވަރެއްގެ އަހައްމިއްޔަތުކަމެއް ދެންތޯއެވެ؟

ފިޓްނެސް ދެމެހެއްޓުމަކީ ކުޅިވަރު ކުޅޭ މީހުންނަށް ވަރަށް މުހިންމު ކަމެކެވެ. ކަން މިހެންއޮތް ހިނދު، މީގެ ކުރީގެ ކުޅުންތެރިއެއް ކަމުގައިވާ ނާއްޓެއަކީ އަދިވެސް ކުޅުމާއި ދުރަށް ގޮސްފައިވާ ފަރާތެއް ނޫނެވެ. ހަފްތާއަކު އެއް ފަހަރު ފުޓްބޯޅަ މެޗެއް ކުޅެންދިއުމަކީ ނާއްޓެ އަދިވެސް ގަވާއިދުން ކުރާ ކަމެކެވެ. ދުވަހުގެ ޝެޑިއުލުން ކުޑަވަގުތުކޮޅެއް ނަމަވެސް ކަސްރަތަށް ހުސްކުރުންވެސްމެއެވެ. ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފަށާ ނާއްޓެ، ކޮންމެ ދުވަހެއްގެ ކާނާގައި ތަރުކާރީއާއި މޭވާ ހިމެނުމަށް ހާއްސަ ސަމާލުކަމެއް ބަހައްޓައެވެ. ދުވާލު ދުޅަހެޔޮ ޑައިޓެއް ބޭނުންކުރުމަށްފަހު ރޭގަނޑު ކެއުމުގެ ބަދަލުގައި ފައިދާހުރި ބަދަނުގެ ބާވަތްތައް ބޭނުންކޮށްގެން ބުންވަރު އިތުރުކުރުން މިއީ ނާއްޓެގެ ކޮންމެ ދުވަހެއްގެ ރޫޓީންއެވެ. ގްރީން ޓީ ފަދަ ތަކެތި ބުއިމަކީ ރަނގަޅު އާދައެއް ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ.

މުނިފޫހިފިލުވަން ކުރާ ކަމެއް؟

ޖ: " ޝޮޕިން ކުރުން" ހުސްވަގުތު ލިބުނީމަ ވަރަށް ގިނައިން ފިހާރަ ތަކަށް ވަދެވޭ . ލިބޭ މިންވަރަކުން އަނބިމީހާ ބޭނުންވާ ސާމާންތަކާއި ބްރޭންޑެޑް އެއްޗެހި ގަނެދިނުމަކީ އަޅުގަނޑު އަބަދުވެސް ވަރަށް ކުރާހިއްވާ ކަމެއް. އަދި އަޅުގަނޑު އަމިއްލައަށްވެސް ކޮލިޓީ އެއްޗެހި ބޭނުންކުރަން ޝޮޕިންކުރާ ހިތްވޭ.

މިހާހިސާބުން އަޅުގަނޑުގެ ސުވާލުތައް ނިންމާލާފައި އިންޓަވިއު ކުރުކޮށްލީމެވެ. ނާއްޓެގެ ވާހަކަތަކުން މަސައްކަތް ދެކެ ލޯބިވުމާއި މަސައްކަތް ދެކެ ގަޔާވުމަކީ ކޯޗެއްކަން އަޅުގަނޑަށް ފަހުމްވިއެވެ. ނާއްޓެއަށް ބައިބަލާއަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ އޭނާގެ ދިރިއުޅުމުގެ ބޮޑު ހިއްސާއެކެވެ. ނާއްޓެގެ ހުވަފެނަކީ ކޮންމެހެން ތަށި ހާސިލުކުރުމެއް ނޫނެވެ. އޭނާގެ އުންމީދަކީ ރާއްޖޭގެ ބައިބަލާ ކުޅުންތެރިން ބައިނަލްއަގްވާމީ މެޗެއްގައި ވާދަކޮށް ރާއްޖެއަށް މި ކުޅިވަރުން ރަން ވަނައެއް ގެނެސްދޭ ދުވަހެއް ދެކުމެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާއަށްވީ ވަރަކުން މަސައްކަތް ކޮށްދޭނެވާހަކަވެސް ބުންޏެވެ.

އިންޓަވިއު ނިންމާލުމުގެ ކުރިން ނާއްޓެ ވަނީ އޭނާގެ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދީގެން ޕޯސްޓެއް ފޭސްބުކްގައި ޝާއިއުކުރުމުން އެކަމަށްޓަކައި އަސަރުން ފުރިފައިވާ ޝުކުރު އަދާކޮށްފައެވެ. މިކުޅިވަރަކީ ދެރަ ކުޅިވަރެއް ކަމަށް ނުބަލާ އޭނާގެ ޒަމާންވީ މަސައްކަތް ފާހަގަކުރި އިއުމާޒް ނަސީރަށާއި ބީޖީ ސްޕޯޓްސް ކްލަބަށް އޭނާ ޝުކުރު އަދާކުރިއިރު އަޑުގައިވާ އަސަރު، ފޯން ކޯލަށް ހާމަވެގެންދިޔައެވެ. ބައިބަލާ އެސޯސިއޭޝަނާއި އޭނާގެ ޓީމްތަކަށް ފަށްފަށުން ޝުކުރު އަދާކުރުމަށްފަހު މި އިންޓަވިއު ނިމިގެންދިޔައެވެ. 

މި އިންޓަވިއު ކިޔާ ނިންމާލިއިރު، ބައިބަލާގެ ރަން ޒަމާނެއް ރާއްޖެއަށް އަތުވެދާނެ ކަމުގެ ތަސައްވަރު ކުލަކުރެވުނީ ކިތައް މީހުންނަށްބާއެވެ؟