ފްރެންޗް ފްރައިސްއަކީ ދިވެހިންގެ ތެރޭގައިވެސް އާއްމު އެއްޗެކެވެ. ލުއިކޮށް ކާލާ ކާނާއެއްގޮތުގައި ގިނަ ބަޔަކު ކައި އުޅޭ އެއްޗެކެވެ. އަލުވިން ތައްޔާރުކުރާ މި ކާނާގެ ކުރިއަށް އިންނަނީ 'ފްރެންޗް' އެވެ. އެއީ ފްރާންސްގެ އުފެއްދުމެއްކަން ދޭހަވާހެން އިންނަ ލަފުޒެކެވެ. ނަމަވެސް ފްރެންޗް ފްރައިސް ވުޖޫދަށް އައީ ފްރާންސަކުން ނޫނެވެ. 

ބައެއް މީހުން ބުނާ ގޮތުގައި، ފްރެންޗް ފްރައިސް އުފެދިގެން ވުޖޫދަށް އައީ ބެލްޖިއަމްގައެވެ. ބެލްޖިއަމްގެ ރިވާ މިޔުޒް ކައިރީގައިވާ އަވަށްތަކުގައި އުޅޭ މީހުން އާދަކާދައިގެ ގޮތުން ކައި އުޅުނީ ތެލުލި މަހެވެ. ރިވާ މިޔުޒްއަކީ މައިގަނޑު ގޮތެއްގައި ޔޫރަޕުގެ ކޯރެކެވެ. ފްރާންސުން ފެށިފައިވާ މި ކޯރު، ފްރާންސްއާއި، ބެލްޖިއަމްއާއި ނެދަލެންޑުގައި ދައުރުވެއެވެ. އެއީ ޔޫރަޕްގައި ދަތުރުފަތުރު ކުރެވޭ އެންމެ ދުވަސްވީ އެއް ކޯރެވެ. ފިނި މޫސުމުގައި އެ ކޯރު ގަނޑުވުމުގެ ސަބަބުން މަސް ނުލިބުމުން، މަހުގެ ބަދަލުގައި އަވަށްތަކުގައި އުޅުނު މީހުން ތެލުލީ އަލުވިއެވެ. ފްރެންޗް ފްރައިސް އުފެދިގެން އައީ އެ އަވަށްތަކުގެ މީހުންގެ ފަރާތުންނެވެ.

ބުނެވޭ ގޮތުގައި، އަވަށްތަކުގެ މީހުން ތައްޔާރުކުރި މި ކާނާ ހޯދާފައިވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބެލްޖިއަމްގައި އުޅުނު އެމެރިކާގެ ސިފައިންނެވެ. ދެކުނު ބެލްޖިއަމްގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވެމުން އައީ ފްރާންސްގެ ބަހުރުވައެވެ. ފްރެންޗް ބަހެވެ. އެހެންކަމުން އެމީހުން އެއަށް ނަން ދިނީ 'ފްރެންޗް' ފްރައިސްގެ ނަމުންނެވެ. ބެލްޖިއަމްގެ މި އުފެއްދުމަށް، އެއީ ފްރާންސްގެ އުފެއްދުމެއް ގޮތުގައި ނަން ދެވުނީ މިފަދައިންކަމަށް ބުނެވެއެވެ.