ދިވެހިންގެ ކެއުމުގެ އާދަތަކަށް ބަލާއިރު، ގަރުދިޔައާއި ބަތަކީ އެންމެ އާންމުކޮށް ކެވޭ އެއް ކެއުންކަން ފާހަގަކޮށްލަން ޖެހެއެވެ. ކާނާގެ މި ދެބާވަތަކީ ދިވެހިންގެ ސަގާފަތާއި ވަރަށް ބޮޑަށް ގުޅިފައިވާ އަދި ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކާނާއެވެ. އަދި ގިނަބަޔަކު ގަބޫލުކުރާގޮތުގައި ދިވެހިންނަށް އެއްމެ ފައިދާހުރި ކާނާއަކީވެސް މިއީއެވެ. ނަމަވެސް، މި ދެ ކާނާގެ ޞިއްޙީ ފައިދާތަކާއި ގުޅޭގޮތުން ފުރިހަމަ ދިރާސާއެއް ކުރެވިފައި ނުވާކަން ފާހަގަކުރަމެވެ.
ގަރުދިޔަ އަކީ ފަރުމަސް ނުވަތަ ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރެވޭ، ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލު، ލައިގެންކާ ކާނާއެކެވެ. ގަރުދިޔަ އަކީ އެއަށް މާ ގިނަ އެއްޗެއް ބޭނުންނުކޮށް ތައްޔާރު ކުރެވޭ ކާނާއެކެވެ. މަސްކޮޅަކާއި ފެންފޮދަކާއި ލޮނުކޮޅެއް ހުރުމުން ފުދުނީއެވެ. ބައެއް މީހުން ރަހަ މީރުކޮށްލަން ފިޔާ އާއި އަސޭމިރުހާއި ހިކިމިރުސް އަދި ހިކަނދިފަތްވެސް ގަރުދިޔަގަނޑުގެ ތެރެއަށްލާ ކައްކައެވެ. ކޮންމެ އަކަސް ގަރުދިޔަ އަކީ މަހުގައި ތައްޔާރުކުރާ ކާނާއެއްކަމުން އޭގައި ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވިގެންވާނެކަމަށް ގަބޫލު ކުރަމެވެ. އަދި ލޮނުގެ މާއްދާވެސް އެކުލެވިގެންވާނެއެވެ. ޕްރޮޓީން އަކީ ހަށިގަނޑުގެ ހެދިބޮޑުވުމަށާއި، މަސްތަކުގައި ވަރުޖައްސާ ބާރުވެރިކުރުމަށާއި، ހަށިގަނޑުގެ މަރާމާތާއި ފާރު ހިއްކުންފަދަ ކަންކަމަށް އެއްމެ ކުޅަދާނަ މާއްދާއެވެ.
ގަރުދިޔާގައި ހުންނަ ލޮނުގެ މާއްދާއަކީ ހަށިގަނޑުގައި ވަރުޖައްސައިދީ ހަކަތަ ހިފަހައްޓައިދީ، ފެން ހިފަހައްޓައިދިނުމަށް އެހީތެރިވާ އަސާސީ އެއް މާއްދާއެވެ. ލޮނަކީ ދިވެހިންގެ ޖެނެޓިކްސްއާއި ވަރަށް ބޮޑަށް ގުޅިފައިވާ މާއްދާއެކެވެ. މިކަން އެނގެނީ ދިވެހިންނީ ލޮނުގަނޑެއް ތެރެއަށް އުފަންވެފައިވާ ބައެއްކަމުގައި ވާތީއެވެ. ނަމަވެސް މިކަންކަމުގައިވެސް މަދުވަނީ ޢިލްމީ ދިރާސާއެކެވެ.
ގަރުދިޔަ ބަތުގައި ހުންނަ ބަތަކީ ދިވެހިންގެ މައިގަނޑު ކާނާގެ ގޮތުގައި ބެލެވޭ އެކައްޗެވެ. ބަތަކީ އޭގައި ކާބޯހައިޑްރޭޓްސް ގިނައިން އެކުލެވިގެންވާ ކާނާއެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބުމަށް މުހިންމު މާއްދާއެކެވެ. އަދި ބަތުގައި ފައިބަރ، ވިޓަމިން ބީ އަދި އައިރަން ފަދަ މުހިންމު ނިއުޓްރިއަންޓްސް ހިމެނޭކަމަށް ފަރަންޖީ ދިރާސާތަކުން ދައްކައެވެ. ނަމަވެސް، ދިވެހިންގެ ކެއުމުގެ އާދަތަކުގައި ބަތުގެ ބޭނުންކުރާ މިންވަރާއި، އޭގެ ސަބަބުން ޞިއްޙަތަށް ކުރާ އަސަރުތަކާއި އަދި ގަރުދިޔައާއި ބަތާ އެއްކޮށް ކެއުމުން ލިބޭ ސިއްހީ ފައިދާތަކާއި ބެހޭގޮތުން ފުރިހަމަ ދިރާސާއެއް ކުރެވިފައެއް ނެތެވެ.
ގަރުދިޔަ އާއި ބަތަކީ ދިވެހިންގެ އާއްމު އެއް ކެއުން ކަމުގައި ވެފައި ގިނަ ބަޔަކު މި ކެއުން ކައި އުޅޭ އިރު، މީގެ ސަބަބުން ދިވެހިންގެ ޞިއްޙަތަށް ކުރާ އަސަރުތަކާ ބެހޭގޮތުން ސައިންޓިފިކް ދިރާސާތައް ކުރުމަކީ މުހިއްމު ކަމެކެވެ. މިފަދަ ދިރާސާތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި، ދިވެހިންގެ ކެއުމުގެ އާދަތައް އިތުރަށް ރަނގަޅުކޮށް، ޞިއްޙަތަށް ފައިދާހުރި ގޮތެއްގައި މި ދެ ކާނާ ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.
ނަމަވެސް ހިތާމަ އަކީ ދިވެހިންގެ ތެރޭގައި މިފަދަ ދިރާސާތައް އެއްގޮތަކަށްވެސް ނުކުރާ ކަމެވެ. އެކި ދަރަޖަ ދަރަޖައިން ތަޢުލީމު ހާސިލްކޮށްގެން ތިބި އެކި ދާއިރާތަކުގެ މާހިރުން މި ރާއްޖޭގައި މަދެއް ނޫނެވެ. ނަމަވެސް މިފަދަ ދިރާސާއެއް ކޮށްލުން މިބައިމީހުންނަށް ވަނީ ބޮޑުކަމަކަށެވެ. ކުރެވެން އޮތް ގޮތަކަށް މިފަދަ ދިރާސާތައް ކުރުން މުހިއްމެވެ. ކުރުން ލާޒިމެވެ. އެވަކާޑޯ އާއި އެޕްރިކޮޓުގެ ދިރާސާތައް އަހަރެމެން ދިވެހިންނަކަށް އިހަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ދިވެހިވަންތަ، ދިވެހިންނާ ގުޅޭ، ދިވެހި ޖެނެޓިކްސް ދަންނަ ދިރާސާތަކެކެވެ. އެ ދިރާސާތަކުގެ ނަތީޖާތަކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން