ޗެޕްޓާ-3

އެކުދިން ލޮލަށް ނުފެންނަން ފެށުންވީ އަހަރެން އިތުރަށް ހިތުގައި ޖެހުނު ކަމަކަށެވެ. މާޔޫސްވި ކަމަކަށެވެ. އަހަރެންގެ ބަލި އިތުރަށް ބޮޑުވިހެން އަހަންނަށް އިހުސާސްކުރެވެން ފެށިއެވެ.

"ޖެއްސުމެއް ކުރެވެން އޮތީޔާ ކުރާތި...އަހަރެން ހުއްޓި ހުރިޔަ ނުދޭތި...މަ ވެސް މީ އިންސާނެކޭ...އޮފީހުން އައިސް އެ ވަރުބަލިކަމާއެކު އަންނަ އިތުރު ތިޔަ އޮންނަނީ މުޅި ކޮޓަރި ނުތާހިރުކޮށްފައި...މިތަނަށް ބޯކޮއްޕާލެވޭ ވަރެއް ނޫނޭ...ދެން ބުނާނެ ކުދިން މިތަނަށް ނާންނަ ވާހަކަ...ކިހިނެއް މިއޮއް ދުވާ ވަހަކުން އެ ކުދިން މި ކޮޓަރިއަށް ވަންނާނީ!" އެއީ ފަހަކަށް އައިސް އަންހެނުންގެ އާދައެވެ. 

ނުތާހިރާއި އަހަރެން ވެސް މި އޮންނަނީ ފަސޭހަވެ ހެއްޔެވެ. މީ އަހަރެން ގަސްތުގައި ކުރާ ކަމެއްކަމަށް އަންހެނުންނަށް ހީވަނީ ކީއްވެ ހެއްޔެވެ. ގައިމު އަހަރެން ހެޔޮ ހާލުގައި ވީނަމަ މިހެން މީހުންނަށް ތަކުލީފެއް ނުޖެއްސީމު ނޫން ހެއްޔެވެ. މި ފަހަކަށް އައިސް އަންހެނުންގެ މިފަދަ ބަސްތަކުން އަހަރެން ހިތުގައި ޖެހުން ނޫންކަމެއް ނުވެއެވެ. 

އެކަނި އޮވެ އަބަދުހެން އަހަންނަށް ކުރެވޭ ކަމަކީ އަހަރެންގެ ހާލާއިމެދު ހިތާމަކުރުމެވެ. ލޮލުން އޮހޮރެމުންދާ ކަރުނަތަކުން ބާލީސް ފޯވަމުން ދާއިރު އެ ބާލީހަށް އަހަންނަށް ކޮށްދެވޭނެ ކަމެއް ނެތް ކަން އެނގޭ އަހަރެންގެ ހާލަކީ މިއީއެވެ. މި ގޮތަށް އޮންނަން ފަސޭހަވާނީ ކޮން އިންސާނަކަށް ހެއްޔެވެ. 

ކުރިން ވެސް އަހަރެންގެ ހިތުގައި ޖަހަމުން ދިޔަ ރަނގަބީލާއި އެއްގޮތަށް ކަންތަން ވާން ފެށުމުން އަހަރެން އަންހެނުން ގާތު ވަރަށް އާދޭސް ކޮށްގެން އެންމެ ފަހުން އަހަރެންގެ މައިންބަފައިން ގެއަށް ގެނައުމަށް އެއްބަސް ކުރުވީމެވެ. އަހަރެން ނުހަނު އުފާވިއެވެ. އެހާ ދެރަވެސް ވިއެވެ. އަންހެނުންގެ ބަހަށް ހެއްލި، އަންހެނުންނާއި ކައިވެނި ކުރެވުނު ފަހުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި މައިންބަފައިންނަށް އަޅާލެވިފައި ނުވުމުންނެވެ. އެމީހުން މުސްކުޅި ވީ ދުވަހު އެމީހުންގެ އިޙްސާސްތައް ދެނެގަނެ އެމީހުންނަށް އޯގާތެރި  ނުވެ ވުނީތީއެވެ. އެ މައިންބަފައިންގެ ހާލު ބަލާލުމަށް ގުޅޭ ލެވެނީ ވެސް ހާލަކުން ދުވަހަކުއެވެ. 

އަހަރެން ހަމަ ގުޅާލުމާއެކު، ބައްޕަ އާއި މަންމަ މާލެއައެވެ. އެ މީހުން ހުރީ އަހަރެން ނުގުޅާލައިގެން ކަހަލައެވެ. އެ މީހުންގެ އެހީތެރިކަމަށް ނޭދިގެން ކެތްނުކުރެވިފައި ހުރި ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.  މަންމާ އާއި ބައްޕަ އައި ފުރަތަމަ ދުވަހު ވެސް އެ މީހުންގެ ހިތުގައި އަހަންނަށްޓަކައި އޮތް ލޯބި އެ މައިންބަފައިންގެ ލޮލުން އަހަންނަށް ފެނުނެވެ. ދެރަވިއެވެ. ހިތު ގައި ޖެހުނެވެ. މިހުރިހާ ދުވަހު އަހަންނަށް އުޅެވުނު ގޮތުން ލަދުވެސް ގަތެވެ. 

އެ މީހުންނަށް އަހަންނަށް މި ވެވުނީ ކިހާބޮޑު އިހުމާލެއް ކަން މިއަދު އަހަރެން ހިތާހިތުން ގަބޫލު ކުރަމެވެ.  އެ މީހުންގެ މަތިން ހަނދާން ކޮށްލާ އެ މީހުންނާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދެނީ މަދުފަހަރަކުއެވެ. އެމީހުންނަށް ވެވިފައިވާ އިހުމާލު ހިތަށް ގެނެވުމާއެކު، ލޮލުން ކަރުނަ ނިރާލިއެވެ. މަންމަ އަހަރެންގެ މަގަތުން އިށީނެވެ. އަހަރެން ލޮލުން އައި ކަރުނަތައް އެ މަންމަގެ ދެ އަތުން ފުހެލަ ދިނެވެ. އެ ތަން ބަލަން ހުރެފައި އަންހެނުން ރުޅިވެރި ކަމާއި އެކު ގޮވެލި ފައްޗެއް ގޮވައިގަތެވެ. 

"ދެން މާ އެކްޓު ބޮޑުކޮށް ބޭބީ ހެދޭނެ ކަމެއް ނެތް... މައިންބަފައިން އައީމަ އަހަރެން މީ ދެން އެއްވެސް މީހަކަށް ނަހަދާނެކަން އެނގޭ...އެ މީހުން ކުރިމަތީ އަހަރެން ނުބައިމީސް ކުރަން އުޅޭނެކަމެއްނެތް...އަހަރެން ރަގަނޅުކަމުން ކަލެއާއި އެކު މިހާ ދުވަހު ވެސް މި ކެތްކުރީ ...އެ ވަރުން ވެސް ރަގަނޅު ނަމެއް ނުލިބޭނެކަން މަށަށް އެނގޭ،" ނުރުހުމުގެ ބަސްތައް ބޭރުކުރަމުން ބާރު ބާރަށް ކޮޓަރީގެ ދޮރު ޖަހާފައި އަންހެނުން ނުކުމެގެން ދިޔައެވެ. 

މަންމަމެންނާއި ދިމާއަށް ބަލާލަމުން އަހަންނަށް ރޮވުނެވެ. މަންމަ އެއްޗެއް ބުނަން އުޅުނެވެ. އަހަރެން އަތުގެ އިޝާރާތުން އެކަންތައް ހުއްޓުވީއެވެ. އިތުރަށް ހުޅު ރޯކޮށްގެން މިއަދު ވާކަށް ނޯންނާނެކަން އަހަރެން ޖެހޭނީ ގަބޫލު ކުރާށެވެ.

އަހަރެންގެ މައިންބަފައިން ގެނައީ އަންހެނުންނާއި މަޝްވަރާ ކޮށްފައެވެ. އޭނާއަށް ވެސް ލުއިވާނެތީއެވެ. އެހެނަސް އާޚިރުގައި ގޯސްމިވީ އަހަންނެވެ. އަހަރެންގެ މައިންބަފައިންނެވެ. ކޮންމެ އެއްޗެއް ކިޔަސް ކެތްކުރުމަށް އަހަރެން މަންމަމެން ކައިރީގައި ބުނީމެވެ. އަހަންނަށްޓަކައި އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭނުން ހުރެދިނުމަށް އެނދުނީމެވެ. 

އަހަރެންގެ މައިންބަފައިން އަހަންނަށްކަޓައި އެކަންކަމަށް އެއްބަސްވިއެވެ. އަހަންނަށްޓަކައި ފެންނަތަންތަން ނުފެންނަ ތަންތަންކަމަށް ހަދައިގެން އިވޭ އަޑުތައް ނުއިވޭ އަޑުތަކެއް ކަމަށް ހަދައިގެން ހުރުމަށް އާ ބަސް ބުންޏެވެ. އަހަރެން ހިތަށް އަރައެވެ. މައިންބަފައިން ދަރިންނަށް އަބަދަށްވެސް އެޔޮއެދޭނެކަން ގައިމެވެ. އަހަންނަށް މި ފެންނަނީ އޭނގެ މިސާލެކެވެ.

ދެން ފެށުނީ އެނެއް ކަންތަކެވެ. އަންހެނުން ރޭގަނޑު ގެއަށް އައުން ލަސްވާން ފެށީއެވެ. އޮފީހުގެ ކޮންމެވެސް އިވެންޓަކަށް ރެޑީވާން ޖެހޭތީ އެތައް ދަމެއް ވާއިރުވެސް ގެއަށް އާދެވޭ ކަމަކަށް ނުވެއެވެ. އެއްރެއެއްގެ މެންދަމެވެ. ގަޑިން ވީއިރެއް ގައިމެއް ނޫނެވެ. އަހަންނަށް އޮވެވުނީ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެނދުމަތިވި ފަހުން އެކަހެރި ކަންމަތީ އޮވެ އަބަދުމެ އަހަންނަށް ކުރެވޭ ކަމަކީ އެއީއެވެ. އަހަރެންނަށް ކުރީގެ ދިރިއުޅުމަށް އެނބުރި އާދެވޭނީ ކޮންދުވަހަކުންތޯ ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުލިބި ލޮލުން ކަރުނަ ހިލޭ ހާލު އޮވެވެނީއެވެ. 

ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގ ވާންފެށިއެވެ. އަހަރެން ހީކުރީ އަންހެނުން ކަމަށެވެ. އެއްރެއަކު ނުގުޅި ނަމަވެސް މިރޭ ގުޅާލީކަމަށް ހިތާ ހިނިތުން ވެލަމުން ފޯނު ބަލައިލީމެވެ. ހީކުރި ގޮތާއި ޚިލާފަށް ގުޅީ އަންހެނުންނެއް ނޫނެވެ. އަހަރެން ތަންމަތި ވިފަހުން ގޭގެ އޮޅި ގިރާނުކުރެވުނު ތާންގައި ގުޅާ ވެސް ނުލެވުނު ރަހުމަތްތެރިއެކެވެ. ކިތަންމެ ދުވަހެއް ކޮށްފައި ނަމަވެސް ހާލު ބަލާލަން ގުޅާލީކަމަށް ހިތައި، ހިތުން ޝުކުރުވެރިވަމުން  ފޯނު ނެގީމެވެ.

"ހަލޯ..." އަހަރެން ފޯނު ކަންފަތުގައި ޖައްސާލަމުން ގޮވާލީމެވެ. އަހަރެން ހާލު ބަލާލުމުގެ ބަދަލުގައި އޭނާ ދިނީ ހިތަށް އިތުރު އަނިޔާއެއް ލިބޭ ޚަބަރެކެވެ.

"އަރީސް...ކިހިނެއްތަ؟...މިހެން އަހާއިރު ވެސް އެނގޭ ރަގަނޅު ނޫންކަން ....ނުވެސް ހިނގޭދޯ؟" އެއީ ނައުފަލު އެވެ. އަހަރެންގެ އޮފީހުގެ އެންމެ ގާތް އެކުވެރިޔާއެވެ. 

އަހަރެން ރަގަނޅު އިރު ގެއަށް އައިސް އަހަންނާއެކު ކެއުމުގައި ބައިވެރިވެ އުޅުނު ރަހުމަތްތެރިޔާއެވެ.

"ދެން އެކަހަލަ ގޮތެއް،" އަހަރެން މަޑުމަޑުން ބުނެލީމެވެ.

"އަރީސް ހާދަ ނަސީބު ގަދައޭ ދޯ؟ ތިހާލުގައި އޮންނަ އިރުވެސް އަންހެނުން ވަރިނުވެ އެބަ އުޅޭ ވިއްޔަ،" ނައުފަލު އެހެން ބުނީ މަލާމާތުގެ ހިނިގަނޑަކާއެކު ގައެވެ.

"ކިހިނެއް ވެގެންތަ ނައުފަލު ތިޔަ އުޅެނީ...ކޯންޗެކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ!" އަހަރެންނަށް ގަސްތަކާއި ނުލައި ނަމަވެސް ރުޅި އާދެވުނެވެ. 

-ނުނިމޭ-