އެޕިސޯޑު-4
"އަހަންނަކަށް ކަމެއް ނުވޭ...ފެންނަ މަންޒަރުތަކުން ހިތަށް އުނދަގޫވެގެން މި ގުޅުނީ....އަރީސް އަށް ބޭރެއް ނުފެންނާނެ ވީއްޔަ...ދެންމެ އަރީސް އަންހެނުން އެ ދިޔައީ އަހަރެން ކުރިމަތީގައި ހިލޭ ފިރިހެނެއްގެ އަތުގައި ހިފައި.."
"ހުއްޓާލާ...އަހަރެން މިހާލުގައި އޮތް އިރު ތީތަ ކަންތަން ކުރަން ފެނުނު ގޮތަކީ، " އަހަރެން ފޯނު ބޭއްވީމެވެ.
އިވުނު ޚަބަރުން ސިކުނޑީގައި އެނޫން ރާގެއް ނުކުޅެއެވެ. ހިތުގައި އެ ދިން ޚަބަރު ގެ ވަސްވާސް ވަކި ހިއްޕާލީ ފުން ޒަޚަމެއް ކުރުވަމުންނެވެ. އަހަރެންގެ ހާލު ބަލާނުލާ ތާންގައި އެކުރެވިން ގުޅަންވީ އަހަންނަށް އިތުރު އަނިޔާއެއް ދޭން ހެއްޔެވެ. އެއީ އެކުވެރިން ހެއްޔެވެ. ގައިމެވެ. އަހަރެން މިހާލުގައި އޮންނަ އިރު ހާލު ބަލާނުލެވޭ ހާލުގައި އަހަންނަށް އިތުރު އަނިޔާއެއް ދިނުމަށް އެ ފަދަ ޚަބަރުތައް ދޭނީ އެއީ އެކުވެރިން ނޫން ވީމައެވެ. އެއީ އަހަންނަށް ވިސްނުނުގޮތެވެ.
ކޮންމެ ގޮތެއް ވިއަސް އިވުނީ ހިތް ފަޅައިގެން ދާ ފަދަ ވާހަކައެކެވެ. އަހަންނަށް ރޮވުނެވެ. ގިސްލެވުނެވެ. ރުއިމުގެ މާބޮޑު ފައިދާއެއް ނެތްކަން އެނގޭ އިރުވެސް މެއެވެ. އޭނގެ ފައިދާއެއް ނެތްކަން އެނގުނަސް އަހަންނަކީ ވެސް އިންސާނެކެވެ. އަހަރެންގެ ބުއްދި ހުރީ ސަލާމަތުންނެވެ. ހިއްސުތައް ބަރާބަރަށް މަސައްކަތްކުރެއެވެ. އެހެންވީމަ އަހަންނަށް އަސަރު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެއް ނޫން ހެއްޔެވެ.
އެރޭ އަންހެނުން ގެއަށް އަންނަންދެން ހޭލާ އަހަރެން އޮތީމެވެ. ނަސީބު ރަނގަޅު ކަމުން ކަމެއް ނޭނގެއެވެ. އެހެން ރޭ ރެއާއި ޚިލާފަށް އެރޭ އަންހެނުން އަހަރެން ކޮޓަރިއަށް އައެވެ.
"ތެދެއް...ކޮންތާކަށް ގޮސްފަތަ ތިއައީ؟" އަހަރެން ސުވާލުކުރީ މަޑުމައިތިރި ކަމާއެކުގައެވެ.
"ބުނީމެއްނު...އޮފީހުގެ ކަމެއްގަ ބިޒީކޮށޭ މި އުޅޭނީ...މިއައީ އޮފީހުން...ކިހިނެއްވީ؟" ޖަވާބުގައި އޮފީހުން ކަމަށް ބުނަމުން އަންހެނުން ވެސް ކޮށްލީ ސުވާލެކެވެ.
"އެހެންވީއިރު އަހަންނަށް މި އިވެނީ ކޮން އަޑެއްތަ....އަރީސްގެ އަންހެނުން ހިލޭ ފިރިހެނުން އަތުގައި ހިފައިގެން ރެސްޓޯރެންޓްތަކަށް ދާ ވާހަކަ މީ ރަގަނޅު ވާހަކައެއްތަ؟" އަހަރެން އަނެއްކާވެސް އެހީމެވެ.
"ތިކަހަލަ ވާހަކަތައް އަޑު ނާހަބަލަ...ތިކަހަލަ ކިތަންމެ އެއްޗެއް މީހުން ކިޔާނޭ!" އަންހެނުން ގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ.
"ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫންދޯ؟" ތަންކޮޅެއް ބާރަށް އަހަންނަށް ބުނެވުނެވެ.
"އަރީސް އަށް އެނގޭތަ އަހަރެންގެ ވެސް ބޭނުންތަކެއް ހުންނާނެކަން....އާނ..އާނ...ތި އިވުނީ ރަގަނޅަށް...އަހަރެން ދިޔައިން ރެސްޓޯރެންޓަށް...އެ ވެސް ކަލޭގެ ފްރެންޓް ނައުފަލް އާއި އެކު...މިހާރު ސާފުވެއްޖެ،" ކޮޓަރީގެ ދޮރު ބާރަށް ޖަހަމުން އަނަހެނުން ނުކުމެގެން ދިޔައެވެ.
"އަހަންނަށް ދެން އަރީސް އާއި އެކީ ނޫޅެވޭނެ ވީ އެންމެ އަވަހަކަށް އަހަރެން ވަރިކޮށްދީ ...ދެން އަހަރެން މިގެއަކަށް ނާންނާނަން ...މިދަނީ... ކުދިން ބަލާ މީހަކު ފޮނުވާނަން،" އޮފީހަށް ދާން ރެޑީވެގެން ހުރެ ޖެހިގެން އައި ދުވަހު ހެނދުނު ކޮޓަރިއަށް ބޯ ދިއްކޮށްލަމުން އަންހެނުން ބުނި އެއްޗަކުން އަހަރެން ގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ދިރިއުޅުމުގެ އުންމީދީ ހުޅުކޮޅު އެއްކޮށް ކަނިވެގެން ދިޔައެވެ.
އަހަންނާއި އެއްކޮށް ނޫޅެވޭނެ ކަމަށް ނިންމާ އެ ވާހަކަ ބުނަން ނުކެރިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ބުންޏެވެ. އެނދުގައި ހިރި ނުލެވި އޮތް ގޮއްމަސް ބުރި އަކާއެކު ހޭދަ ކުރެވޭނީ ކޮން އުފާވެރި ދިރިއުޅުމެއް ހެއްޔޭވެސް ބުންޏެވެ. އަހަރެން ބުނީމެވެ. އަހަރެން މި ހާލުގައި އޮއްވާ ތި ހުރިހާ އެއްޗެއް ނުކިޔުން އެދެމެވެ. ތިޔަ އެދުނު ފަދައިން އަހަރެން ކަންތައް ކޮށްދޭނަމޭ ބުނީމެވެ.
އަންހެނުން އެދުނު ގޮތަށް ކަންތައް ކޮށްދީނީމެވެ. ފަހުން އެނގުނު ގޮތުގައި އެ ރޭ ގުޅި އަހަރެންގެ ރަހުމަތްތެރިޔާ ގުޅީ އަންހެނުންނާއި ދެމީހުން ރާވައިގެންނެވެ. އަހަރެން ކައިރިން އަންހެނުން ވަރިވީ އޭނާ އާއި އިންނާށެވެ.
އަންހެނުން ވަރިވިތާ ދެތިން އަހަރު ފަހެވެ. މިއަދު އަހަރެން މިހުރީ ކުރީގެ ދިރިއުޅުމަށް އެނބުރި އާދެވިފައެވެ. މައިންބަފައިންގެ މިންނެތް މަސައްކަތާއި ވީ ގުރުބާނީގެ ސަބަބަނުންވެ. އެ ދެމީހުންނަށްޓަކައި އަހަރެން ގެ މުޅި ހަޔާތް ގުރުބާކޮށްލައިގެން ވެސް އެކަމުގެ އަގު އަދާ ނުކުރެވޭނެ ފަދަ ޚިދުމަތެއް މަންމަ އާއި ބައްޕަ އަހަންނަށް ކުރިއެވެ. އަހަރެން އެންމެ އުފާވީ ކުރީގެ ހާލަތަށް އެނބުރި އާދެވި، އަހަރެންގެ ދެ ކުދިންނާއި ބައްދަލުވީތީއެވެ. އެ ކުދިންގެ ބޭނުންތައް އަހަރެންގެ މަސައްކަތުން ލިބޭ އެއްޗަކުން ފުއްދައި ދެވޭތީއެވެ.
މިއަދު އަހަރެންގެ މައިންބަފައިން އެދެމުން ދަނީ އަނެއްކާ ވެސް އަހަރެން ދިރިއުޅުމެއް ފެށުމަށެވެ. މީހަކާއި އިނުމަށެވެ. އެހެނަސް އަހަރެން މިއަދު އެގޮތް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ މައިންބަފައިން ނަށް ޚިދުމަތް ކުރުމަށް އަހަރެންގެ އުމުރުގެ ބާކީ އޮތްބައި ގުރުބާން ކޮށްލުމަށެވެ. އެ މީހުންނަށް އިހުމާލުވެނުނު ދުވަސްތަކުގެ އަގު ނުދެވޭނެކަން އެނގޭ ވެސް މެއެވެ. އެހެން ނޫނަސް އަހަރެން މިހާރު ޖެހިލުން ވެއެވެ. އަހަރެންގެ ހަޔާތުގެ އެ ދުވަސްތައް ދެން ތަކުރާރު ވުމަށް ޖާގަ ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަހަލަ ހިތްދަތިކަމެއް އަހަންނަކަށް ދެން ބަރުދާސްތެއް ނުކުރެވޭނެއެވެ.
-ނިމުނީ-
