އަދުގެ މި ދުނިޔޭގައި އިންޖީނުލީ އުޅަނދުފަހަރުތަކަކީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ވެފައިވާ އެއްޗެކެވެ. ރާއްޖެފަދަ ބިން ކުދި ޖަޒީރާ ގައުމުތަކުގައިވެސް އިންޖީނުލީ އުޅަނދުފަހަރު އިންތިހާއަށް ގިނައެވެ. އިންޖީނުލީ މި އުޅަނދުފަހަރުން އަރާ ދުމަކީ އަހަރެމެން އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރި އަސަރުތަކެއް ކުރާ އެއްޗެކެވެ. ޚާއްޞަކޮށް އަހަރެމެންގެ ފުއްޕާމެއަށް މިއިން ލިބޭ ގެއްލުން ވަރަށްވެސް ބޮޑެވެ. ނަމަވެސް މިވާހަކަތަކަކީ އާއްމުކޮށް ދައްކާ އުޅޭ ވާހަކަތަކެއް ނޫނެވެ. އާއްމުކޮށް ދެކެވޭނީ ސިނގިރެޓާއި ވޭޕުގެ ދުމުގެ ވާހަކައެވެ.

އިންޖީނުލީ އުޅަނދުފަހަރުން އަރާ ދުމުގައި ހިމެނޭ ކާބަން މޮނޮކްސައިޑް، ނައިޓްރޮޖަން އޮކްސައިޑް އަދި ސަލްފަރ ޑައިއޮކްސައިޑް ފަދަ ކެމިކަލްތަކަކީ އިންސާނުންގެ ފުއްޕާމެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދޭ މާއްދާތަކެކެވެ. މި ކެމިކަލްތައް، ފުއްޕާމޭގައި ހިފާ ދިގު މުއްދަތަކަށް ހުރެއްޖެނަމަ، އޭގެ ސަބަބުން އާންމު ރޯގާތައް އިތުރުވެ، ނޭވާލުމުގެ ދަތިކަން އިހުސާސްކުރެވި އަދި ފުއްޕާމޭގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ. ނޭވާހިއްލާ ބަލި ހުންނަ މީހުންނަށް މިކަމުގެ އުނދަގޫ ފޯރާ މިންވަރު ދެގުނަ އިތުރުވެގެން ދެއެވެ.

އިންޖީނުތަކުން ނުކުންނަ މި ދުމުގައި ހުންނަ މި ގެދަބުޅީގެ މާއްދާތައް އިންސާނާގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވަދެ، ފުއްޕާމޭގައި ހުންނަ ވައި ފުރާނާ ކުދިކުދި ކޮތަޅުތަކުގައި ޖެހި، އެ ކޮތަޅުތަކުގައި "ދިލަ" ޖެހޭ ގޮތްވެއެވެ. އަދި ދިގު މުއްދަތުން އެ ކޮތަޅުތަކުގެ ތެރޭގައި ތަރަގަނޑެއް ފަދައިން ތަރަވެ، އެ ކޮތަޅުތަކުގެ މަސައްކަތަށް ބުރޫއަރަން ފަށައެވެ. އަދި ވިހަ މާއްދާތަކުގެ ސަބަބުން ފުއްޕާމޭގެ ހަތާތަކުގެ ދުޅަހެޔޮކަން ނެތިކޮށްލާ ބަލިކޮށްލައެވެ. މިކަމުގެ ސަބަބުން ނޭވާލާ ނިޒާމުގެ މަސައްކަތަށް ބުރޫއަރާ، ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ. 

ނޭވާލާ ނިޒާމުގެ ތެރެއަށް ވަންނަ މި ވިހަ މާއްދާތައް ލޭގެ ތެރެއަށްވެސް ދަތުރުކުރާނެއެވެ. ނަތީޖާއަކަށް ވަނީ ލޭގެ ތެރެއިން މި ވިހަ މާއްދާތައް ދަތުރުކުރަން ފެށުމެވެ. އެހާރުން އިންސާނާގެ ހިތަށާއި ސިކުނޑިއަށް މި ވިހަ މާއްދާތައް ފޯރާނެއެވެ. ނަތީޖާއަކަށް ވާނީ ހިތާއި ސިކުނޑީގެ ތަފާތު ބަލިތައް ޖެހުމުގެ މަގިފަހިވެ، އެ ފުރުސަތު ބޮޑުވުމެވެ.

ރާއްޖޭގެ އާބާދީ ބޮޑުބައެއް ހިއްސާކުރާ މާލެ ފަދަ ސަރަޙައްދުތަކުގައި މި މައްސަލަ އިތުރަށް ބޮޑުވެދާނެއެވެ. އިންޖީނުލީ އުޅަނދުފަހަރުން ބަރާވެފައިވާ މާލޭގެ މަގުތަކުގައި އިންޖީނުތަކުން ނުކުންނަ ދުން ނޫން އެހެން އެއްޗެއް ނުހުންނާނެއެވެ. މަގުމަތީގައި ދުއްވާ އެތައް ސައްތަ އުޅަނދުފަހަރުން އަރާ ދުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރުން އަރާ ދުން އެއްވެ، ވައި ތަޣައްޔަރުވެ، އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. 

މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، ސަރުކާރުންނާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުން މުހިންމެވެ. އުޅަނދުފަހަރުގެ އިންޖީނުތައް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓުމާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ އުޅަނދުފަހަރު އިތުރުކުރުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން ފަދަ ކަންކަމަކީ މިކަމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ.

އަހަރެމެންގެ ޞިއްޙަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އިންޖީނުލީ އުޅަނދުފަހަރުން އަރާ ދުމުގެ މައްސަލައަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިއަދު އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ، މާދަމާގެ ޖީލުތަކަށް ސާފު، ޞިއްޙަތަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ. އެހެންކަމުން، އަހަރެމެން އެންމެން ގުޅިގެން މިކަމަށް މަސައްކަތްކުރަން ޖެހެއެވެ. އެހެނީ ސިއްހަތަށް ގެއްލުން ވަނީ ހަމައެކަނި ސިނގިރޭޓާއި ވޭޕުން އަރާ ދުމުން އެކަނި ކަމުގައި ނުވާތީއެވެ. އިންޖީނުފަހަރުން އަރާ ދުމަކީވެސް އޭގެ ގެއްލުން ބޮޑު ދުމެކެވެ. 

 

ހަވާލާ: ޕަބްމެޑް، 2023