ތަހުޒީބުކަމަށް ދައުވާކުރާ މި ދުނިޔޭގައި އަޅުގަނޑުމެން އަބަދުވެސް އަޑުއަހަމުން އަންނަ އެކައްޗަކީ އަމިއްލަ ޚިޔާލުތަކާއި އުފެއްދުންތެރިކަމުގެ މުހިންމުކަމެވެ. ނަމަވެސް، ޙަޤީޤަތަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ކުރަމުންދަނީ ހަމައެކަނި ކޮޕީކުރުމެވެ. އެހެން މީހުން ކުރި ކަމެއް ކުރުމާއި، ބުނި އެއްޗެއް ބުނުމާއި، ލިޔުނު އެއްޗެއް ލިޔުމެވެ. މިކަމުގައި އެންމެ ހައިރާންކުރުވަނިވި ކަމަކީ، ގިނަ މީހުން ދެކޭގޮތުގައި ހަވާލާ ދިނުމަކުން ކޮޕީ ނުކުރާ ކަމަށް ވާނެ ކަމަށެވެ. އެހެނެއްކަމަކު، މިއީ ވަރަށް ބޮޑު އޮޅުމެކެވެ. ހަވާލާ ދިނަސް، ނުދިނަސް، އެހެންމީހަކު ކުރިކަމެއް ކުރުމާއި، ބުނި އެއްޗެއް ބުނުމާއި އަދި ލިޔުނު އެއްޗެއް ލިޔުމަކީ ހަމަ ކޮޕީ ކުރުމެވެ.

ޙަޤީޤަތުގައި ކޮޕީ ނުކުރާ ކަމަށް ވާނީ އައު ޚިޔާލެއް ނުވަތަ އައު ކަމެއް އުފަންކުރުވުމުންނެވެ. އައު ޙައްލެއް ނުވަތަ އައު ނަޒަރިއްޔާއެއް އުފަން ކުރުވުމުންނެވެ. ނަމަވެސް، މިއަދުގެ ތަޢުލީމީ ނިޒާމުގައި، ކިޔަވާ ކިޔަވާ ބަލިވާ އިރުވެސް، އައު ކަމެއް ނުވަތަ އީޖާދީ ވިސްނުމެއް ގެންގުޅުމުގެ ފުރުޞަތު އޮންނަނީ ވަރަށްބޮޑަށް ހަނިކޮށްފައެވެ. ބަދަލުގައި، އަބަދުވެސް ޖެހެނީ އެހެން މީހުން ކޮޕީކުރާށެވެ. ބޮޑެތި މަޝްހޫރު މަޖައްލާތަކުގައި ޝާއިއުކޮށްފައި ހުންނަ ލިޔުމެއްގައި އޮތް އެއްޗެއް ނޫނީ ބުނެ، ލިޔެ ހަދައިގެން ނުވެއެވެ. ބަހެއްގެ މާނަ ނުވަތަ މުރާދު، އަމިއްލަ އަށް ފެންނަ ގޮތަކަށް ބުނުމަކީ ގޯހެކެވެ. އެ ޚިޔާލު އެގޮތަށް ތަނަވަސްކޮށް ބޭނުން ކުރުމަކީ ގޯހެކެވެ. އެވެސް ބުނަން ޖެހެނީ ދޮންމީހަކު އެއެއްޗެއް ބުނެފައި އޮތް ގޮތަށް، އެއަށް ބަލައިގެންނެވެ.

ތަޢުލީމީގޮތުން، ކުރަން ޖެހޭ ކަމަކީ ކޮޕީކޮށްފައި، އެއީ ކޮޕީ ނުކުރާ ކަމެއްކަން ދެއްކުމަށްޓަކައި ހަވާލާ ދިނުމެވެ. އެހެނަސް، މިއީ އަމިއްލައަށް އޮޅުވާލުމެކެވެ. ސަބަބަކީ ހަވާލާ ދިނަސް، ކޮޕީ ނުކުރާ ކަމަކަށް ނުވާނެތީއެވެ. އެހެނީ ހަވާލާ ދިނަސް އެއީ އެހެން މީހެއްގެ މަސައްކަތެކެވެ. އެ ކުރެވެނީ އެމީހާގެ މަސައްކަތް ކޮޕީއެވެ.

އަޅުގަނޑުމެން ޙަޤީޤަތުގައި ކުރަންޖެހޭ ކަމަކީ އަމިއްލަ ވިސްނުމާއި ފިކުރު ބޭނުންކޮށްގެން އައު އެއްޗެހި އުފެއްދުމެވެ. އެހެން މީހުންގެ ޚިޔާލުތަކުން ވިސްނަންވީ ދާއިރާ ހޯދާ ލިބިގަތުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް، އެ ޚިޔާލުތަކަށް އަމިއްލަ ވިސްނުމުން އައު އެއްޗެއް އިތުރުކޮށް، އައު ގޮތަކަށް ހުށަހެޅުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ޢަމަލުކުރުމުން، އަޅުގަނޑުމެންނަށް ޙަޤީޤީ މާނައިގައި އުފެއްދުންތެރި ވެވޭނެއެވެ. އަދި ހަމައެކަނި ކޮޕީކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، ދުނިޔެއަށް އައު އެއްޗެހި ހުށަހަޅާ ބަޔަކަށް ވެވޭނެއެވެ.

އަދުގެ ތަޢުލީމީ ނިޒާމުގައި މަދުވަނީ މިބައެވެ. ވިސްނާ ފިކުރުކޮށްލުމުން ހަގީގަތުގައި އީޖާދީ ހިޔާލުތަކަށް އަދުގެ ތަޢުލީމީ ނިޒާމު ޖާގަ ނުދޭކަން ސާފުވާނެއެވެ. އީޖާދީ ހިޔާލުތައް އުފަންކުރުވަންވީ ކިޔަވާ ނިންމާފަޔޯލައެވެ. ކިޔަވަމުންދާއިރު އީޖާދީ ހިޔާލެއް، އަމިއްލަ ވިސްނުމެއް އިސްކުރުމީ އަދު ކަމުދާ އުސޫލެއް ކަމުގައި ނުވެއެވެ. ދިވެހިގައުމަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރުކުރެއްވުމަށް ޖަލްސާތަކުގައި ކިތައްމެ ގިނައިން އެދުނަސް، އެކަން ވާން އޮތީ ކޮޕީކުރުން ދޫކޮށް، އަމިއްލަ އީޖާދީ ވިސްނުން އިސްކޮށްގެންނެވެ. އެ ވިސްނުންތަކަށް ޖާގަދީ ފުރުސަތުދީގެންނެވެ. އައު ދިރާސާތައް ކުރުމަށް ތަންމިނަށް ޖާގަދީގެންނެވެ.