އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެންމެ މުހިންމު އެއް ސިފައެވެ. މިގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި އޮންނަންޖެހޭނީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ. އަދި އެއް މުސްލިމަކަށް ދިމާވާ ދަތިކަމެއްގައި އެހެން މުސްލިމުން އެހީތެރިވެ، އެއްބާރުލުން ދޭންޖެހެއެވެ. އެގޮތުން މިހާރު ޣައްޒާގައި ތިބި މުސްލިމުންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާގައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތައް ކިތައްމެހައިވެސް ގިނައެވެ.

އެންމެ ފުރަތަމަ ކަމަކަށް، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަކީ ޣައްޒާގެ މުސްލިމުންގެ ޙައްޤުގައި އަޑުއުފުލުމެވެ. މިކަން ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި އިޖުތިމާޢީ ވިއުގަތަކުގައި ލިޔުންތައް ޝެއަރުކުރުމާއި، އަމިއްލައަށް ލިޔެ ޝާއިޢުކުރުން ހިމެނެއެވެ. މިގޮތުން، ޣައްޒާގެ މުސްލިމުންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ހާމަކޮށް، އެމީހުންގެ ޙައްޤުގައި ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދެވަނަ ކަމަކަށް، ޣައްޒާގެ މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަންނަ ފަރާތްތަކުގެ ވިޔަފާރިތައް ބޮއިކޮޓްކުރުމަކީވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކެވެ. މިފަދަ ފަރާތްތަކުގެ އުފެއްދުންތައް ނުގަތުމާއި، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަކީ އެމީހުންނަށް ދެވޭ ނުސީދާ މެސެޖެކެވެ.

ތިންވަނަ ކަމަކަށް، ޣައްޒާގެ މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަންނަ ފަރާތްތަކުގެ ނުބައިކަމާއި އެކަމުގެ ޙަޤީޤަތްތައް ހާމަކުރުމަކީވެސް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން، އިތުރު ފަރާތްތަކަށް މި މައްސަލައިގެ ހައްސާސްކަން އެނގި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބާރުއެޅިދާނެއެވެ.

ހަތަރުވަނަ ކަމަކަށް، ޣައްޒާގެ މުސްލިމުންނަށް ނަޞްރު ލިބޭތޯ ދުޢާކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. ޖަމާއީ ދުޢާއާއި ފަރުދީ ދުޢާއެވެ. ދުޢާއަކީ މުއުމިނުންގެ ހަތިޔާރު ކަމުގައިވާތީ، މި ދަނޑިވަޅުގައި އަޅުގަނޑުމެން އެންމެން ޣައްޒާގެ މުސްލިމުންނަށް ނަޞްރު ދެއްވާ އަދާވާތްތެރިން ބަލިކުރައްވާ ނިކަމެތިކުރެއްވުމަށް އެދި ދުޢާކުރަންވާނެއެވެ.

ފަސްވަނަ ކަމަކަށް، ޣައްޒާގެ މުސްލިމުންނަށް ތާއީދުކުރުމަށް ހިންގޭ ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން، އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެމީހުންނަށް ލިބޭ ތާއީދު އިތުރުވެގެންދާނެއެވެ. މީގެ ތެރޭގައި ސުލްހަވެރި މުޒާހަރާތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން ހިމެނެއެވެ.

ހަވަނަ ކަމަކަށް، ޣައްޒާގެ މުސްލިމުންނަށް މާއްދީގޮތުން އެހީތެރިވުމަކީވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، އިތުބާރުހުރި ޖަމުޢިއްޔާތަކާއި ޚައިރާތު ޖަމާކުރާ ފަރާތްތައް މެދުވެރިކޮށް ފައިސާގެ އެހީ ފޯރުކޮށްދިނުމާއި، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފޮނުވުމަކީ ކުރެވިދާނެ ކަންކަމެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި، ޣައްޒާގެ މުސްލިމުންނަށް އެއްވެސް ގޮތަކުން އެހީވެވެެން ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފައި އެހީވުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ. މިސާލަކަށް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ޚާއްޞަ ހުނަރުތަކެއް ލިބިފައިވާނަމަ، އެ ހުނަރުތަކުގެ ބޭނުންކޮށްގެން އެހީތެރިވުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާގެ މާހިރުން، ޤާނޫނީ ވަކީލުން، އަދި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން އެހީތެރިވެވިދާނެއެވެ. އަދި ސިޔާސީ ގޮތުންނާއި ސިޔާސަތުތަކުގެ ގޮތުން ޣައްޒާއަށް އެއްބާރުލުންދީ އަދާވާތްތެރިން ނިކަމެތިކޮށް ބާކީކޮށް އެކަހެރި ކުރެވޭނެހާ ގޮތެއް ހެދިދާނެއެވެ. އަދާވާތްތެރިން ބަލައިނުގަތުމާއި މަރުހަބާ ނުކިޔުމަކީވެސް ކުތެވިދާނެ ކަންކަމެވެ.

ޣައްޒާގެ މުސްލިމުންގެ ޙައްޤުގައި އަޅުގަނޑުމެންނަށް ކުރެވޭނޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މި ހުރިހާ ކަމެއްވެސް ކުރަންވާނީ އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިފަދަ ކަންކަމުގައި އަޅުގަނޑުމެން ޢަމަލުކުރަންވާނީ ޙިކުމަތްތެރިކަމާއެކު، ސުލްޙަވެރި ގޮތެއްގައެވެ. އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް ދިމާވެފައިވާ މި ދަތި ޙާލަތުގައި އެމީހުންނަށް އެހީތެރިވެ، ތާއީދުކުރުމަކީ އަޅުގަނޑުމެންގެ އިސްލާމީ ވާޖިބެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް މިކަމުގައި ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން!