އަނގައިގައި ފޮޅުނެގުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާންމު މައްސަލައެކެވެ. މިއީ ވަރަށް ވޭންހުރި، އުނދަގޫވާ، އަދި ކެއުން ބުއިމަށް ވެސް ދަތިވާ ކަމެކެވެ. ނަމަވެސް، ޑަކްޓަރީ ބޭސް ބޭނުންނުކޮށް ވެސް މި މައްސަލައަށް ފަރުވާ ހޯދިދާނެއެވެ. މި މަޒުމޫނުގައި އަޅުގަނޑުމެން ބަލައިލާނީ ގޭގައި ތައްޔާރުކުރެވޭ ބައެއް ފަރުވާތަކަށެވެ.
އެންމެ ފުރަތަމަ ބަލައިލާނީ ލޮނު، ރީނދޫ އަދި ކާށި ތެޔޮ ބޭނުންކޮށްގެން ތައްޔާރުކުރެވޭ ޕޭސްޓަކަށެވެ. މި ޕޭސްޓް ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކުރެވިދާނެއެވެ. މި ޕޭސްޓްގެ ބޭނުމަކީ ފޮޅު ސާފުކޮށް، ރަނގަޅުކޮށް، އަދި ރައްކާތެރިކުރުމެވެ. ލޮނުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ފޮޅު ސާފުވެ، ޖަރާސީމުތައް މަރުވެއެވެ. ރީނދުލުގައި ހުންނަ އެންޓި-ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ފޮޅުގެ ދުޅަކަން ކުޑަވެ، ޖަރާސީމުތައް މަރައެވެ. އަދި ކާށި ތެލަކީ އޭގައި ތަދު ކަނޑުވާ އަސަރު އެކެލެވޭ ގިނަ މާއްދަަތަކެއް ގިނަ އަދަދަކަށް އެކުލެވޭ ތެލެކެވެ. އަދި ކާށި ތެލުގައި އުންނަ އެންޓިއޮކްސިޑަންޓުގެ ސަބަބުން އިތުރު އިންފެކްޝަނަކުން ރައްކާތެރިކުރެއެވެ. ނުވަތަ އިތުރު ފޮޅުތައް ނެގުން ހުއްޓުވައެވެ.
މި ޕޭސްޓް ތައްޔާރުކުރަން ބޭނުންވާނީ ކުޑަ ސަމުސަލެއްގެ ލޮނާއި، ކުޑަ ސަމުސަލެއްގެ ރީނދޫ ޕައުޑަރ، އަދި އެއް ސަމުސާ ކާށި ތެލެވެ. މި ތަކެތި ރަނގަޅަށް އެއްކޮށްލުމުން ޕޭސްޓް ތައްޔާރު ކުރެވުނީއެވެ. މި ޕޭސްޓް ދުވާލަކު 2-3 ފަހަރު ފޮޅުގައި އުނގުޅަންވާނެއެވެ. އަދި އުނގުޅުމަށްފަހު 10-15 މިނެޓް ވަންދެން އެއްޗެއް ކެއުމާއި ބުއިމުން ދުރުހެލިވާންވާނެއެވެ.
މީގެ އިތުރުން ވެސް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. މިސާލަކަށް، ލޮނު ފެނުން އަނގަ ދޮވުމަކީ ކުރެވިދާނެ ކަމެކެވެ. މިގޮތަށް ދުވާލަކު 2-3 ފަހަރު އަނގަ ދޮވެލުމުން ވަރަށް ބޮޑު ފައިދާއެއްކުރާނެއެވެ. އަދި އަލޯވެރާ ޖެލް ބޭނުންކުރުމުން ވެސް ފޮޅު އަވަހަށް ރަނގަޅުވާނެއެވެ. ހަމައެހެންމެ، ފޮޅު ނަގާ ވަގުތު ގޮދަނުގެ ބާވަތްތަކާއި ތޫނު ކާނާ ކެއުމުން ދުރުހެލިވުމަކީ މުހިންމު ކަމެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމާއި، ނަފްސާނީ ގޮތުން ހިތްހަމަޖެހިގެން ހުރުމަކީ ވެސް މުހިންމު ކަމެކެވެ.
މިއީ ޑަކްޓަރީ ބޭހަށްވުރެ ހުރިހާ ގޮތަކުން ހަށިގަނޑަށް ފައިދާ ކުރާނެ ފަރުވާއެކެވެ. ނަމަވެސް ފަހަރުގައި ޑަކްޓަރީ ބޭހަށްވުރެ، ފަސޭހަވުން ލަސްވެދާނެއެވެ. އެހެނަސް މިއީ ޤުދުރަތީ ފަރުވާއެކެވެ. ވިހަ މާއްދާތަކާއި ކެމިކަލްތަކުން ރައްކާތެރި ކުރެވިފައިވާ އިންސާނާގެ ހަށިގަނޑާ ގުޅޭ ފަރުވާއެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން