އޭނާ ޝަކުވާތައް އޮއްސާލިއެވެ. އޭނާގެ ބޭނުން ނުހިފާތީއެވެ. މިފަދަ ޒަމާނެއްގައި ހީކުރި ގޮތާއި ޚިލާފަށް ރަށުގެ އަހުލުން ވިސްނުން ތަރައްޤީވެފައި ނުވާތީއެވެ.
މީ އައުޓްޑޯ ޖިމެއްގެ ޝަކުވާއެވެ. އޭނާ އެ ރަށަށް އައީ ނުލާހިކު އުފަލުންނެވެ. އޭނާ ދިޔަ ރަށުގެ އަހުލުން އޭނާ ރާވައި ޖިމް ތައްޔާރު ކުރުމުގައި އުޅުނީ ފަރުވާތެރިކަމާއި އެކުގައެވެ. ކަމަށް ކަމޭހިތައިގެން ތަކެއްޗަށް ގެއްލުމެއް ނުވާނެ ގޮތަށް ވިސްނުންތެރިކަމާއެކުގައެވެ.
ކަންތައް ދިޔަލެއް ފުރިހަމަ ކަމުން އޭނާ ހުރީ އުފަލުންނެވެ، ހިތްހަމަ ޖެހިގެންނެވެ. އޭނާގެ ބޭނުން ހިފާނެ އެތަކެއް ބައެއް މި ރަށުން ލިބޭނެ ކަމުގައި ޔަގީންކޮށްގެންނެވެ. އޭނާގެ ފަރާތުން ބަޔަކަށް މަންފާތަކެއް ވާތީ ފަޚުރުވެރިކަމާއެކު، ހުރި އައުޓްޑޯ ޖިމަށް ކުރިމަތިލާން ޖެހުނީ ވިސްނުމާއި މުޅިން އިދިކީލަ ކަންކަމާއެވެ.
އައުޓް ޑޯ ޖިމް ހުޅުވިގެން އައި ފުރަތަމަ ހަފްތާގައި ރަށުގެ ގިނަ ބަޔަކު ޖިމްގެ ޚިދުމަތް ހޯދިއެވެ. މީހުން އައިސް ކަސްރަތު ކުރުމުގައި މަސްއޫލުވެ އުޅޭ މަންޒަރު ފެނި އައުޓްޑޯ ޖިމް ހުރީ ހިނިތުންވުމާއެކުއެވެ. އުފަލުންނެވެ.
އެހެނަސް އެކަން އެހެން ދިޔައީ މަދު ހަފްތާތަކަކަށެވެ. އައުޓްޑޯ ޖިމް އެކަނިވެރިވެ އެކަހެރިކަން އިހުސާސް ކުރަންޖެހުނެވެ. އެކަނިވެރިވެ މާޔޫސީކަން ވެރިވާން ފެށިއެވެ. ފަހުން ފަހުން އައިސް މީހުން އެ ޖިމްގެ ހޯދަން އެއްގޮތަކަށް ވެސް އަންނަކަމަކަށް ނުވެއެވެ. އަލަށް ލިބުނު އައުޓް ޑޯ ޖިމުގެ ޚިދުމަތުގެ މަތިން ދުވަސްކޮޅެއް ވުމާއެކު، ރައްޔިތުން ފޫހިވިފަދައެެވެ.
އައުޓްޑޯ ޖިމް ހިތަށް އެރިއެވެ. ސަރުކާރުތަކުން ބޮޑެތި ޚަރަދުކޮށް ރަށްރަށުގައި އޭނާ ފަދަ ތަންތަން ގާއިމް ކުރަނީ ރައްޔިތުންގެ މަންފާއަށެވެ. ރައްޔިތުންގެ ދުޅަހެޔޮކަމަށް ވިސްނާތީއެވެ. އެކަމަކު މިކަމަށް ޝުކުރުވެރި ވުމުގެ ކަމެއް މި ރަށްރަށަކުން ނުފެނެވެއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ހާލަތަކީ ވެސް މިއީބާއެވެ. މި ފަދަ ވަސީލަތްތަކުގެ ބޭނުން މަދު މީހަކު ނޫނީ ހިފާތަނެއް ނުފެނެއެވެ. މީ ހިތާމަ ހުރި ކަމެކެވެ. ހަށި ހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާ ވެގެންދާނީ ރައްޔިތުންގެ ހޭލުންތެރިކަން ވެސް އިތުރުވީ ވަރަކަށެވެ.
