އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދޭ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގެ ރޭގެ އެޕިސޯޑުގައި ދިވެހި ބޭންޑް "ޓޫ އޮފް އަސް" އިން ދިން ޕާފޯމަންސުން، އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަނޫ މާލިކް އާޝޯހުކޮށްލައިފި އެވެ.

ރޭ ބޭއްވުނު މި ޝޯގައި ޖެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވި އަނޫ މާލިކް ވަނީ "ޓޫ އޮފް އަސް" ގެ ޕާފޯމަންސް ބެލުމަށްފަހު، އެ ބޭންޑުގެ ހުށަހެޅުމުން އޭނާ އާޝޯހުވެއްޖެ ކަމަށް ބުނެފައެވެ. އަނޫ މާލިކް ބުނީ އޭނާއަށް ވެގެން ވަންޏާ އެ ބޭންޑަކީ އެ ޝޯގެ އެއްވަނަ ކަމަށް ރޭގައި ހޮވާނެ ކަމަށެވެ.

"މިއީ އަހަންނަށް ގިނަދުވަސްތަކަކަށް ފަހު ފެނުނު އެންމެ ފުރިހަމަ އެއް ހުށަހެޅުން،" އަނޫ މާލިކް ބުންޏެވެ. އެ ބޭންޑުގެ ލީޑު ވޯކަލިސްޓް އަދުހަމްގެ ހުނަރު ވަކިން ފާހަގަކޮށް އަނޫ މާލިކް ވަނީ އޭނާއަށް ވެސް ވަރަށް ތައުރީފުކޮށްފައެވެ.

"ޓޫ އޮފް އަސް" އިން ރޭގެ ޕާފޯމަންސްގައި ހުށަހެޅީ އޮރިޖިނަލް ދިވެހި ލަވަތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ މަރްހޫމް މުހައްމަދު މާޖިދު (މެޒޯ)ގެ "މުޅި އޮޑި" އާއި  އާއި މޭނާ ހައްސާނުގެ "މިލަ މިލަ ހަނދުވަރު" އެވެ. މިއީ އެ ބޭންޑުން މި ޝޯގައި ދިން ދެވަނަ ޕާފޯމަންސެވެ.

"ބެޓުލް އޮފް ބޭންޑްސް" އަކީ މިދިޔަ ތިން އަހަރު ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެން ގެނެސްދިން ޝޯއެކެވެ. ނަމަވެސް މި އަހަރު މި ޝޯ ގެނެސްދެނީ ބޭރު ގައުމުތަކަށް ވެސް ފުރުސަތު ދީގެންނެވެ. ރާއްޖޭގެ އިތުރުން މި ޝޯގައި ވާދަކުރަނީ މޮރިޝަސް، ތަޖިކިސްތާން، އަފްގާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުންނެވެ.

"ޓޫ އޮފް އަސް" ބޭންޑުގެ ބައިވެރިންނަކީ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.