އެމެރިކާގެ އެލަބާމާ އަށް ނިސްބަތްވާ 53 އަހަރުގެ ޓަވާނާ ލޫނީ އަށް ޖެނެޓިކް އިންޖިނިއަރިންގ އިން އުފެއްދި އޫރެއްގެ ކިޑްނީއެއް ބޭނުންކޮށްގެން 130 ދުވަހު ޑައިލިސިސް ނަހަދާ އުޅެވުނެވެ. މިއީ އިންސާނެއްގެ ހަށިގަނޑުގައި އެންމެ ދިގު މުއްދަތަކަށް ޖަނަވާރެއްގެ ގުނަވަނެއް ބެހެއްޓިފައިވާ ފުރަތަމަ ފަހަރެވެ.
ނިއުޔޯކް ޔުނިވަރސިޓީގެ ލެންގޯން ޓްރާންސްޕްލާންޓް އިންސްޓިޓިއުޓްގައި ނޮވެމްބަރު މަހުގެ ފަހުކޮޅު ކުރެވުނު މި އޮޕަރޭޝަނަކީ ދިރިހުރި އިންސާނެއްގެ ހަށިގަނޑުގައި ޖީން އެޑިޓް ކުރެވިފައިވާ އޫރެއްގެ ކިޑްނީ ލެއްވުނު ތިންވަނަ ފަހަރެވެ. ލޫނީ އަށް މީގެ ކުރިން 9 އަހަރު ވަންދެން ޑައިލިސިސް ކުރަން ޖެހިފައިވެއެވެ.
އޮޕަރޭޝަނަށްފަހު 11 ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލެވުނު ލޫނީ، ކޮންމެ ދުވަހަކު ޗެކަޕް ހެދުމަށްޓަކައި ހޮސްޕިޓަލާ ކައިރީގައިވާ އެޕާޓްމަންޓެއްގައި މަޑުކުރިއެވެ. ނަމަވެސް މަސްތަކެއް ވަންދެން ހާލަތު ރަނގަޅަށް ހުރުމަށްފަހު ، ސިއްހީ ގޮތުން ދަތިތަކެއް ކުރިމަތިވެ، 4 އޭޕްރިލްގައި ކިޑްނީ ނެގުމަށް ނިންމާފައިވެއެވެ.
ޓްރާންސްޕްލާންޓް އިންސްޓިޓިއުޓްގެ ޑައިރެކްޓަރު ޑރ. ރޮބަޓް މޮންޓްގޮމެރީ ވިދާޅުވި ގޮތުގައި، އޭޕްރިލް މަހުގެ ކުރީކޮޅު ކިޑްނީގެ މަސައްކަތް ދަށްވެ، ހަށިގަނޑުން ކިޑްނީ ރިޖެކްޓް ކުރަން ފެށިއެވެ. މިކަން ދިމާވީ ކިޑްނީއާ ގުޅުމެއް ނެތް އިންފެކްޝަނެއް ފަރުވާ ކުރުމަށް އިމިއުނޯސަޕްރެޝަން ބޭސްތައް މަދުކުރުމާ ގުޅިގެންނެވެ.
ޔުނައިޓެޑް ތެރަޕިއުޓިކްސް ކޯޕަރޭޝަނުން މި ކިޑްނީ ތައްޔާރުކުރުމުގައި ބޭނުންކުރި ޓެކްނޮލޮޖީއަށް ކިޔަނީ "ޔޫކިޑްނީ" އެވެ. އެ ކުންފުނިން ބުނި ގޮތުގައި ލޫނީ ދައްކާފައިވާ ހިތްވަރާއި ޝައުގުވެރިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
މި ތަޖުރިބާއަކީ ޒެނޯޓްރާންސްޕްލާންޓޭޝަން ނުވަތަ ޖަނަވާރުންގެ ގުނަވަންތައް އިންސާނުންގެ ހަށިގަނޑުގައި ބޭނުންކުރުމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމުގައި ބައެއް ޑޮކްޓަރުން ދެކެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން