އިންސާނުންގެ ދިރިއުޅުމުގައި އުފާވެރިކަމާއި ހިނިތުންވުން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ސަމާސާ ކުރުމަކީ މީހުންގެ މެދުގައި ގުޅުން ބަދަހިކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް، ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންޖެހޭ ފަދައިން، ސަމާސާ ކުރުމުގައިވެސް ވަކި ހައްދެއް އޮންނަންޖެހެއެވެ.

ސަމާސާ ކުރުމުގައި ހައްދު ފަހަނައަޅައިދިއުމުން ލިބިދާނެ ގެއްލުންތައް ވަރަށް ގިނައެވެ. އެންމެ ފުރަތަމަ ކަމަކަށް، އެހެން މީހުންނަށް ކުރާ މަލާމާތަކަށް ހަދައިގެން ސަމާސާ ކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. މިފަދަ ޢަމަލުތަކުން އެހެން މީހުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދި، އިޖްތިމާޢީ ގުޅުންތައް ކެނޑި، މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލިގެން ހިނގައިދާނެއެވެ.

ހައްދުފަހަނައަޅާފައިވާ ސަމާސާތަކުން އަމިއްލަ މީހާގެ ޝަޚްޞިއްޔަތަށްވެސް އަސަރުކުރެއެވެ. ދާއިމަށް ސަމާސާކޮށް، ޖޯކު ކިޔައި އުޅޭ މީހުންނަށް ހަގީގަތުގައި ވަރަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވެއެވެ. ފަހަރުގައި އަހަރެމެންނަށް އެއީ ނުރައްކާތެރި ކަމެކޭ ހީނުވިޔަސް، ހަގީގަތުގައި އެއީ ހަމަ ނުރައްކާތެރި ކަމެކެވެ. އެއީ ހައްސާސީ ކަންކަމުގައި ވާހަކަދެއްކުމަށް ދަތިވެ، އެމީހުންގެ ބަހަށް އިތުބާރު ކުޑަވެގެން ދިއުމެވެ. ނުވަތަ އިތުބާރު ގެއްލުމެވެ. މީގެ ސަބަބުން ވަޒީފާގެ މާޙައުލުގައާއި އާއިލީ ދިރިއުޅުމުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އާއިލާ ތެރޭގައްްޔާއި ވަޒީފާގެ މާހައުލުގައި ތިމާއަށް އޮންނަ އިތުބާރު ގެއްލި ކުޑަވުމަކީ ހަގީގަތުގައި ނުރައްކާތެރި ކަމެކެވެ.

ސަމާސާ ކުރުމުގައި ހައްދުފަހަނަ އެޅުމަކީ އަޚްލާޤީ ގޮތުން ބަލައިގަނެވޭ ކަމެއް ނޫނެވެ. ބައެއް ފަހަރު ސަމާސާގެ ނަމުގައި ބޭއަދަބީ ބަސްތައް ބޭނުންކޮށް، އަބުރާބެހި، މީހުންނަށް ޣީބަ ބުނެވި، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެވެއެވެ. މިފަދަ ޢަމަލުތަކަކީ ހީނުކުރިޔަސް ބޮޑެތި ގޯސްތަކެވެ. ފާފަތެކެވެ.

އެހެންކަމުން، ސަމާސާ ކުރުމުގައި ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް، އެހެން މީހުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރަން ޖެހެއެވެ. ދެވަނަ ކަމަކަށް، ސަމާސާ ކުރާއިރު ވަގުތާއި ތަނަށް އަދި ހާލަތަށް ބަލަންޖެހެއެވެ. ސަމާސާއަކީ ދިރިއުޅުމުގައި ބޭނުންތެރި ކަމެއް ނަމަވެސް، އޭގެ ހެޔޮ ނަތީޖާ ނެރުމަށްޓަކައި ވަކި ހައްދެއްގެ ތެރޭގައި ހިފަހައްޓަން ޖެހެއެވެ. އަޅުގަނޑުމެން އެންމެން ވިސްނަންވީ ގޮތަކީ އެހެން މީހުންނަށް އުފާވެރިކަން ގެނެސްދޭ، އަދި ހަމައެއާއެކު އަމިއްލަ ނަފްސަށްވެސް ފައިދާހުރި ގޮތެއްގައި ސަމާސާ ކުރާށެވެ. އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ދެވޭ ގެއްލުމެއް ކަމުގައި ސަމާސާކުރުން ނުހަދާށެވެ.