ޕިޓާޔާ ނުވަތަ ޑްރެގެން ފުރުޓަކީ ކެކްޓަސް އާއިލާއަށް ނިސްބަތްވާ ގަހެއްގައި އަޅާ މޭވާއެކެވެ. މި މޭވާގެ ބޭރު ތޮށިގަނޑުގައި ކުޑަ ހަރުކަމެއް ހުރެއެވެ. ގަހުގައި މި މޭވާ އަޅާފައި ހުންނައިރު ބޮޑަށް ވައްތަރުވަނީ ޑްރެގަނަކާއެވެ. މިއީ މި މޭވާއަށް މި ނަން ލިބުނު ސަބަބު ކަމުގައި ބެލެވެއެވެ.

ޑްރެގެން ފުރުޓްގެ ބޭރުފުށުގައި ގަދަ ފިޔާތޮށި ކުލައާއި ރީނދޫ ކުލަ ހިމެނެއެވެ. މި މޭވާގައި ވަނީ މަޑު މީރު ފޮނި ހުތް ރަހައެކެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި މޭވާގެ ރަހަ ކައިރިކުރަނީ ޕެއާސް އަދި ދޮން ކީވީގެ ރަހައާއެވެ. މި މޭވާގެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މިއީ ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ ބައި އިތުރުކޮށްދޭ މޭވާއަކަށް ވުމެވެ. ދަގަނޑަކީ ހަށިގަނޑުގެ ތެރޭގައި ހުންނަ އޮކްސިޖަން ދައުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ޑްރެގެން ފުރުޓް ކެއުމުގެ ގޮތްތަކުގެ ތެރޭގައި ސީދާ ކެއުމުގެ އިތުރުން ގްރިލްކޮށްގެން ކެއުން ހިމެނެއެވެ. އަދި މީގެ އިތުރުން ޑްރެގަން ފުރުޓް ސްމޫތީއާއި އެކި ބާވަތުގެ ފޮނިކާތަކެތި ތައްޔާރުކުރުމުގައިވެސް މި މޭވާ ބޭނުންކުރެއެވެ.

ރާއްޖޭގައި ޑްރެގަން ފުރުޓްގެ އަގު ބޮޑުކަމުގައި ވިޔަސް، މިއީ ކުޑަކުދިން އެންމެ މީރުކޮށް ކައިއުޅޭ އެއް މޭވާ ކަމަށް ފާހަގަކުރެވެ އެވެ. މި މޭވާގެ އަސްލު ނިސްބަތްވަނީ ސެންޓްރަލް އެމެރިކާއަށެވެ. އަދި މިއީ ހަޖަމުގެ ބަލިތަކަށް ލުޔެއް ގެނުވައިދޭ މޭވާއެއްގެ ގޮތުގައިވެސް ބެލެވޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ޑްރެގަން ފުރުޓްގެ ޞިއްޙީ ފައިދާތަކުގެ ތެރޭގައި ކޮލެސްޓްރޯލް ދަށްކޮށްދިނުން ހިމެނެއެވެ. އެންޓި އޮކްސިޑެންޓްތަކުން ފުރިގެންވާ މި މޭވާއަކީ ރަނގަޅު ޞިއްޙަތެއްގައި އިންސާނާގެ ހިތް ބޭއްވުމަށް އެހީތެރިވެދޭ މޭވާއެކެވެ. މީގެ އިތުރުން މި މޭވާގައި ޕޮޓޭސިއަމާއި ދަގަނޑުގެ ބައިގެ އިތުރުން ވިޓަމިން ސީ ވެސް ހިމެނެއެވެ.

އެހެންކަމުން، ޑްރެގަން ފުރުޓަކީ ރަހަ މީރު، ޞިއްޙީ ގޮތުން ފައިދާ ބޮޑު، އަދި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ކެއުމަށް ލޯބިކުރާ މޭވާއެކެވެ.