ދިވެހިރާއްޖޭގެ ބޭންޑް '2 އޮފް އަސް' އިން އިންޑިއާގެ ދޫރްދަރްޝަން ނޭޝަނަލް ޓީވީން ދައްކަމުންދާ 'ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް' މުބާރާތުގައި ތިންވަނަ ފަހަރަށް ޕަރފޯމަންސް ހުށަހަޅައިފިއެވެ.
މި ފަހަރު އަޙްމަދު އަދުހަމާއި ބޭންޑުން ހުށަހެޅީ ފަސީ، އިއްބެ، އައްޑޫ އަދި ބޭސް އަޙްމަދު އުފައްދާފައިވާ އަދި ބޭސް އަޙްމަދު ލިޔެފައިވާ ފަސީލައިވްގެ "ފޮއެމަތި - ޕާޓް 1" އަދި "ފޮއެމަތި - ޕާޓް 2" ގެ ހިތްގައިމު ރެންޑިޝަނެކެވެ. މި ކޮމްޕޮޒިޝަން "ޓޫ އޮފް އަސް" އިން ހުށައަޅައިދިނީ އަނެއްކާވެސް ވަރަށް ފުރިހަމައަށެވެ. ވަރަށް ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށާއި، ބޭންޑުގެ ޕަރފޯމަންސްއިން މި މަސައްކަތުގެ ފުންމިނާއި އިޙްސާސްތައް ރަނގަޅަށް ފާޅުކޮށްދެވުނު ކަމަށް ގިނަބަޔަކު ދެކެވެއެވެ.
މި ޕަރފޯމަންސްއާމެދުވެސް ޚާއްޞަ މެހެމާނެއްގެ ގޮތުގައި އެޕްރޮގްރާމްގެ ފަނޑިޔާރެއްގެ ގޮތުގައި އިންނަވާ އިންޑިއާގެ މައްޝޫރު މިއުޒިކް ކޮމްޕޯސަރ އަދި ލަވަ ކިއުންތެރިޔާ އަނޫ މަލިކް ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި "މާ ކަސަމް ކޮމްޕެޓިޝަން ޖީތްނެ ވާލާ ހޭ މޯލްޑިވްސް" އެވެ. މާނައަކީ މި މުބާރާތް ކާމިޔާބުކުރާނީ ރާއްޖެއިންް ކަމަށެވެ.
މި ފަދަ ވަރުގަދަ ހިތްވަރަކާއެކު، އިރާދަކުރެއްވިއްޔާ '2 އޮފް އަސް' އިން ގްރޭންޑް ފައިނަލަށް ދަތުރުކޮށް، މުޅި މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވެއެވެ.