އެެހެން މީހުންނަށްވުރެ ދެރަ މީހެއް ކަމަށް ދެކުމަކީ ބޮޑު މައްސަލައެކެވެ.  އަބަދު އެހެން މީހުން ކައިރީ ސޮރީ ބުނާ މީހެއް ހެއްޔެވެ؟ އެހެން މީހުން ކައިރީ ނޫނެކޭ ބުނަން ނުކެރޭ ހެއްޔެވެ؟ ހިތް ނުރުހޭއިރުވެސް ހަމަ އާނއެކޭ ބުނެވޭ ގޮތް ވެވެނީ ކީއްވެހެއްޔެވެ؟ ގާތް ރަހުމަތްތެރިޔާ ނުވަތަ ލޯބިވެރިޔާ 'ތިހެން ނޫޅޭށޭ' ބުނީމަވެސް ހަމަ ބޭއިހްތިޔާރުގައި އެހެން އުޅެނީ ބާއެވެ؟ މީހުންނަށް ހެޔޮފުޅުވުމާއި އެހެންމީހުންގެ ގުލާމަކަށްވުމުގެ ފަރަގު ނޭނގެނީބާއެވެ؟  ބައިވެރިޔަކާއި ނުލާ ދިރިނޫޅެވޭނެހެން ހީވޭހެއްޔެވެ؟ މި ސުވާލުތައް ތިބާގެ ރަހުމަތްތެރިޔާގެ ހާލަތާއި ގުޅޭނަމަ އަވަހަށް އޭނާ ގާތު އަވަސް ޝިފާއަކަށް އެދޭށެވެ. ސަބަބަކީ މިއީ ލޮލަށް ނުފެންނަ ނަފްސާނީ ބައްޔެއްގެ އަލާމާތެކެވެ. މި ބަލީގެ ނަމަކީ 'އިންފީރިއަޓީ ކޮމްޕްލެކްސް' އެވެ. އެކި މީހުން އިންފީރިއަރިޓީ ކޮމްޕްލެކްސް ތަހައްމަލުކުރާނީ އެކި ވަރުވަރަށެވެ. އިންފީރިއަރިޓީ ކޮމްޕްލެކްސްގެ މާނައަކީ ތިމާ މީހާ، ތިމާ މީހާއަށްވުރެ ދަށްވުމެވެ.

މި ބަލި ހުއްޓުވުން ބައެއް މީހުންނަށް ފަސޭހަވެދާނެއެވެ. ނަމަވެސް އަނެއްބައިމީހުންނަށް މި ބަލިން އެންމެ އަވަހަށް ޝިފާއެއް ލިބެނީ ޒުވާން އުމުރު ބޭކާރުވެގެންދާ ހިސާބުންނެވެ. 

އިންފީރިއަރިޓީ ކޮމްޕްލެކްސް ބަލި މެދުވެރިވާން ދިމާވާ ބައެއް ސަބަބުތަކަށް ބަލަމާހެއްޔެވެ؟ 

  • ކުޑައިރުގެ ތަޖުރިބާތައް: ކުޑައިރު މައިންބަފައިންނާއި، ޓީޗަރުން ނުވަތަ ރައްޓެހިންގެ ފަރާތުން ލިބޭ ނޭދެވޭ ކޮމެންޓްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިޙްތިރާމަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.
  • އެހެން މީހުންނާއި އަޅާކިޔުމުގެ އާދަ: ތިބާގެ ކިބައިގައިވެސް ވަކި ހުނަރެއް ނުވަތަ ރީތި ގަޔާވާ ސިފަތައް ހުންނާނެއެވެ. ނަމަވެސް އެހެން މީހުން ދިރިއުޅުމުގައި ހޯދާ ކާމިޔާބީތައް އަމިއްލައަށް ބޭނުންވުމުގެ ނުބައި އާދައިގެ ސަބަބުން ތިމާގެ މޮޅުކަން އިހުސާސްނުކުރެވޭނެއެވެ. 
  • މުޖުތަމަޢުގެ ޕްރެޝަރު: ގިނަ ފަހަރަށް މުޖުތަމަޢުން ކާމިޔާބު، ޝައުޤުވެރި، ނުވަތަ އުފާވެރިކަން މިނެކިރަނީ ޙަޤީޤަތާއި ޚިލާފު ނުވަތަ ވާސިލްވާން އުނދަގޫ މިންގަނޑުތަކަކަށެވެ. އަވަހަށް ކައިވެނިކުރުމާއި މިވެނި ގޮތަކަށް ބުރުސޫރައާއި ބައްޓަން ހުންނަން ޖެހޭނެ ކަމަށް ވަށައިގެންވާ މާހައުލުން ތިބާއަށް އަންގާނަމަ، އިންފީރިއާ ކޮމްޕްލެކްސްއެއް އުފެދުމުގެ ފުރުސަތު ބޮޑެވެ. މި އުންމީދުތައް ފުރިހަމަ ނުވާ ކަމުގެ އިހުސާސް ކުރުމަކީ އިންފިރިއަރިޓީ ކޮމްޕްލެކްސްއަށް މަގުފަހިވާ ކަމެކެވެ.

މިހާހިސާބުން މި ބަލީގެ އަލާމާތްތަކަކީ ކޮބާތޯ ބަލަމާ ހެއްޔެވެ؟

  • އަމިއްލަ މީހާ އަމިއްލައަށް ދަށްވުން: ތިބާ ވަރަށް ރަނގަޅަށް ކުރާ މަސައްކަތުގެ ނަތީޖާ އެއަށްވުރެ ފުރިހަމަވާނެ ކަމަށް ގަބޫލުކުރުމާއި މީހުން ކުރާ ތައުރީފުތައް ގަބޫލުނުކުރެވުމަކީ މި ބަލީގެ އަލާމާތެކެވެ. ތިމާ މީހާގެ ހުނަރުތައް ނުވަތަ ޕޮޒިޓިވް ސިފަތައް ގަބޫލުނުކުރުމަކީ މި ބަލީގެ އަލާމާތްތަކެކެވެ.
  • އައު ކަމެއް ނުވަތަ ގޮންޖެހުމެއް ގަބޫލުނުކުރުން: ދިރިއުޅުން އަބަދު އެއްގޮތަކަށް ނުދާނެއެވެ. އައު މަސްއޫލިއްޔަތުތައް ބަލައިގަތުމަކީ ވަރަށް ނޯމަލް ކަމެކެވެ. އެހެނަސް، އިންފީރިއަރިޓީ ކޮމްޕްލެކްސް ހުންނަ މީހުންނަށް، އައު ތަންތަނަށް ބަދަލުވުމާއި ޕްރޮމޯޝަން ކަހަލަ ކަންތައްތައް ބަލައިގަތުމުގައި ގޮންޖެހުން ކުރިމަތިވެއެވެ. 
  • އެހެން މީހުންގެ ރުހުން ހޯދުން: ތިމާއަކީ ރަނގަޅު މީހެއް ކަމުގެ ޔަގީންކަން ދޭން ކޮންމެ ކަމެއްގައި އެހެން މީހުންގެ ރުހުން ބޭނުންވުމާއި، އަމިއްލަ ނަފްސާއި މެދު ހިތްހަމަޖެހުން އިހުސާސް ކުރުމަށްޓަކައި އެހެން މީހުންގެ ޚިޔާލުތަކަށް ވަރަށް ބޮޑަށް ބަރޯސާވުމަކީ އިންފީރިއާ ކޮމްޕްލެކްސްގެ އަލާމާތެކެވެ. ކޮންމެ ކަމެއްގައި އަމިއްލަ ރައުުޔު ގަބޫލުނުކޮށް އެހެން މީހުންގެ ހިޔާލު ހޯދުމަކީ މިފަދަ މީހުންގެ ކަށީގައި ހިފާފައި ހުންނަ އާދައެކެވެ. އެހެން ނޫނީ، އެމީހުން ހާސްވާގޮތް މެދުވެރިވެ އެވެ. 
  • . ފާޑުކިޔުންތަކަށް މާބޮޑަށް ރިއެކްޓްކުރުން: މަސައްކަތުގެ އެކުވެރިއަކު ނުވަތަ ބައިވެރިއެއްގެ ކުޑަ، ބިނާކުރަނިވި ފާޑުކިޔުންތަކުން ހިތަށް ނުރަނގަޅު އަސަރެއް ކުރޭތޯއެވެ؟ މީހަކު ފާޑުކިޔާއިރު ކަންބޮޑުވުމާއި ދިފާއުގައި އެއްޗެއް ބުނުމަކީ، އެމީހުންނަށްވުރެ ތިމާ ހުރީ ދަށުދަރަޖައިގައިކަން ދޭހަކޮށްދޭ ސިފައެކެވެ. 
  • . ހަސަދަވެރިކަން: އެހެން މީހުންގެ ކާމިޔާބީތަކާ މެދު ހަސަދަވެރިވުމާއި، އެކަމާއި ނުރުހުން ފާޅުކުރުމާއި، މިފަދަ ކާމިޔާބީއެއް ނުލިބޭނެ ކަމަށް ގަބޫލުކުރުމަކީ ސަމާލުވާން ޖެހޭ ނިޝާނެކެވެ.

މިންޖުވާނީ ކިހިނެއް؟

މަތީގައިވާ އަލާމާތްތަކަކީ އެއްވެސް މީހަކު ތަޖުރިބާ ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. އެހެންކަމުން، ތިމާ މީހާ އެހެން މީހުންނާއި އަޅާކިޔުން ހުއްޓާލަން ޖެހެއެވެ. ސަބަބަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް ހާއްސަ މަގްސަދެއް ވާނެއެވެ. އެކި މީހުންނަށް އެމީހަކު ދާން ބޭނުންވާ މަގު ކަނޑައެޅުމާއި ކޮށުމަށް އެކި މިންވަރަށް ވަގުތު ބޭނުންވާނެއެވެ. ވީމާ، ތިބާގެ ވަށައިގެންވާ މީހުންނަށް ކަމެއް ހާސިލުވާ ވަގުތު، އެކަން ތިބާގެ ސްޕީޑާއި އަޅާނުކިޔާ، ތިބާގެ ދުވަސްވެސް އަންނާނެކަން ދަންނާށެވެ. އެހެން މީހުންނާއި އަޅާކިޔޭނަމަ، ތިބާގެ ކިބައިގައި ހުރި ޕޮޒިޓިވް ކަންތައްތައް 5 މިނެޓްގެ ވަގުތުކޮޅަކަށް ހަނދާނަށް ގެނައުމަށް ބައެއް ނަފްސާނީ އިލްމުވެެރިން ލަފާދެއެވެ. އެހެން ނޫނީ ތަނެއްގައި ލިޔެގެންވިޔަސް ތިބާގެ ގާބިލިއްޔަތުކަން ގިނައިން ހަނދުމަކުރުމަށް ބައެއް ނަފްސާނީ މާހިރުން ލަފާދެއެވެ. އަދި ހާސްކަމާއި ނެގަޓިވިޓް ވިސްނުންތަކުން ދުރުވުމަށް ކަސްރަތު ކުރުމަށް އިހުްތިޔާރުކުރާށެވެ. އޭރުން ބޭކާރު ކަންކަމަށް އޮންނަ ފޯކަސް ކުޑަކުރެވޭނެއެވެ. އަދި ނެގަޓިވް ހިޔާލުތަކަކީ އަސްލެއް ކަމާއި ދޭތެރޭ އަމިއްލަ ނަފްސާއި ސުވާލުކޮށް އެއީ ކުށްހީއެއްކަން ގަބޫލުކުރާށެވެ. 

މީގެ އިތުރުން، އިތުރު ނަޒަރިއްޔާތު ފޯރުކޮށްދެވޭނެ އިތުބާރު ހުރި ރައްޓެއްސަކާ، އާއިލާގެ މެންބަރަކާ ނުވަތަ ކައުންސެލަރަކާއި ހިޔާލު ހިއްސާކުރާށެވެ. ބައެއް ފަހަރު، ތިމާ މީހާއަކީ އެކަނިވެރިއެއް ނޫންކަން އިހުސާސްވުން މުހިންމެވެ. ހޮބީއެއް، ކުޅިވަރެއް ނުވަތަ ކުރީގައި ނުކުރާ އައު ކަމެއްގެ ސަބަބުން ތިމާގެ އިތުބާރާއި އުފާވެރިކަން އިތުރުކޮށް، ތިމާއަށް މާ ކުޅަދާނަކަމާއި ހިތްހަމަޖެހުން އިހުސާސް ކުރެވޭނެ އެވެ.