މިއީ ރާއްޖޭގެ ރަށެއްގައި ހިނގާ ދިޔަ ހާދިސާއެކެވެ. އެއީ ޒުވާނެކެވެ. ފިރިހެނެކެވެ. ފިރިއެކެވެ. ކުދިންތަކެއްގެ ބައްޕައެކެވެ. އެ ރަށުގެ އެހެން ފިރިހެނުންނާއި މި ޒުވާނާ ތަފާތުވަނީ، މި ޒުވާނާއަކީ މިސްކިތާ ބީރައްޓެހި ޒުވާނަކަށް ވާތީއެވެ. މިސްކިތާ ބީރައްޓެހި ވުމަކީ އަދި ނަމާދާ ބީރައްޓެހިވުމެކޭ ބުނަން އޮތް ހުއްޖަތެއް ނޫނެވެ. އެހެނަސް ފިރިހެނުންނަށް އޮތް މޮޅު ގޮތަކީ މިސްކިތުގައި ނަމާދު ކުރުމެވެ. ޖަމާއަތުގައި ނަމާދު ކުރުމެވެ. އެހެނަސް އެ ޒުވާނާއަކީ ހުކުރަށް ނޫނީ މިސްކިތަށް ނާރާ ޒުވާނެއްކަމަށް އެރަށުން ވާހަކަ ދެއްކި ފަރާތްތަކުން ހާމަކުރިއެވެ.
އެއީ އާދައިގެ މަތިން އާދައިގެ ދުވަހެކެވެ. އުމުރުން ގާތްގަނޑަކަށް 7 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި އެކު އެކުއްޖާގެ ބައްޕަ މިސްކިތަށް އާދެއެވެ. މި ކުއްޖާ އަކީ އެކުއްޖާގެ ބައްޕައާއި އެކު އާދަވެ މިސްކިތަށް ހިނގާ ހުއްޖެކެވެ. ކޮންމެއަކަސް މި ދުވަހަކު މި ކުއްޖާ މިސްކިތަށް އައި މަގުމަތީގައި، މިސްކިތާއި ދިމާލުން އަތިރީގައި ހުންނަ ޖޯލިފައްޗެއްގައި އެއްކަލަ ޒުވާނާ ސޯޓުބުރިއެއް ލައިގެން އިނެވެ. ކަކޫ ފެންނަވަރުގެ ކުރު ސޯޓުބުރިއެއްގައި ސިނގިރޭޓެއް ބޯލަންވެގެން އިނެވެ. އެއިރު މިސްކިތުން ބަންގިވެސް ގޮވައެވެ. އެއްކަލަ ކުއްޖާއަށް މި މަންޒަރު ފެނިއްޖެއެވެ.
ނަމާދުކޮށް ނިމިގެން، މި ކުއްޖާއާއި މި ކުއްޖާގެ ބައްޕަ މިސްކިތުން ފައިބައިގެން އައީ މިސްކިތުގެ އަތިރި މަގުންނެވެ. ނަމާދުކޮށްގެން މިސްކިތުން ފޭބި މީހުންނާއި އެއްކޮށް ކަހަލަ ގޮތަކަށް އެއްކަލަ ޒުވާނާވެސް އެ މަގުން ހިނގާފައި އެބަ ދެއެވެ. އެއިރުވެސް ލައިގެން ހުރީ އެއްކަލަ ކުރު ސޯޓުބުރިއެވެ. މިސްކިތަށް އެރިތަން ދުށް މީހަކުނެތެވެ. އާނއެކެވެ! މިސްކިތަކަށް ނާރައެވެ.
އެއް މަގަކުން ގިނަ ބަޔަކު ހިނގަމުން އައި އިރު، އެއްކަލަ ކުޑަ ކުއްޖާގެ ލޮލުގައި އަނެއްކާވެސް އަޅައިގަތީ މި ޒުވާނާއެވެ. ކުއްލިއަކަށް އެ ކުޑަކުއްޖާ އެ ޒުވާނާއަށް އިޝާރާތްކޮށް، މަގުމަތީގައި ބުންޏެވެ! "ބައްޕާއެވެ! އެއީ ނަމާދު ނުކުރާ ބޭބެއެއް ދޯއެވެ؟" އެކުއްޖާގެ ބައްޕަ ހިސާބަކަށް ލަދުވެސް ގަތެވެ. އަދި އެހެން ނުބުނުމަށް އެކުއްޖާއަށް ނަސޭހަތްތެރި ވިއެވެ. އެއިރު އެމަގުން ހިނގަމުން ދިޔަ ގިނަބަޔަކަށް އެއަޑު އިވޭނެއެވެ. އެ ޒުވާނާއަށްވެސް އެ އަޑު އިވޭނެއެވެ. އެ ކުއްޖާ އެހެން ހަމަ ބުނުމާއި އެކު، ޖެހިގެން ހުރި ގޯޅިގަނޑުގެ ތެރެއަށް ވަދެ އެ ޒުވާނާ ހިނގަމުން ދިޔަ މަގު ބަދަލުކޮށްލައިފިއެވެ.
އާދޭހެވެ! މިއީ އުމުރުން އެއްމެ 7 އަހަރުގެ ކުއްޖަކަށް، ބޮޑު ފިރިހެނެއްގެ އުޅުމުން އެކުއްޖާއަށް ފާހަގަވި ކުޑަ މިންވަރެއްގެ ވާހަކައެވެ. އެކުއްޖާ އެ ޒުވާނާއާއި ދިމާލަށް އެހެން އެ ބުނެވުނީ، އެ ޒުވާނާ މިސްކިތުން ނުފެންނާތީއެވެ. އަދި ނަމާދު ވަގުތު، ކުރު ސޯޓުބުރީގައި މިސްކިތު އަޑު ޖެހޭ ހިސާބުގައި މިސްކިތަށް ނާރައި، ކަމެއް ނެތި އިންނާތީއެވެ. މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ މުހިއްމު ކަމެކެވެ. އަޅުގަނޑުމެންގެ ތެރޭގައި މިއަދު ނަމާދަށް ނާރާ، ނުވަތަ މިސްކިތަށް ނުދާ ޒުވާނުން ގިނަވާން ފަށައިފިއެވެ. އެއްބަޔަކަށް މިސްކިތަށް ދިއުމަކީ ލަދުވެތި ކަމަކަށްވެސް ވެއްޖެއެވެ. ހެޔޮނުވާނެއެވެ! ތިޔައީ ބޮޑެތި ފިރިހެނުންނެވެ! ވިސްނޭވަރުގެ ހަރު މީހުންނެވެ! ތިޔަފަދަ ހަރު ޒުވާނަކާއި ދިމާކަށް، ކުޑަ ކުއްޖަކު މަލާމާތުގެ ބަހެއް އެއްލާނީ ހައުދަހާވާ އެ ޒުވާނާ "ފީކަޅާ" ވީމައެވެ. ޒުވާންކަމުގެ ބޭނުމެއް ކޮބާހެއްޔެވެ؟ ތުއްތު ކުއްޖެއްގެ ބަހަކުން ތިމާގެ އަގުވެއްޓި، ބައެއްގެ ތެރޭގައި ބޮޑު ލަދެއްގައިވެސް ޖެހުނީއެވެ. އަދި ﷲ ގެ ދަރުބާރުގައި ޖެހޭނީ ލަދުގަންނަން ކަމެއް، ނުވަތަ އަޒާބަށް ބިރުން ރޯންކަމެއް އެނގޭހެއްޔެވެ؟ ހަގީގަތުގައި އެ ޒުވާނާއަކީ ނަމާދު ނުކުރާ ޒުވާނެއްނަމަ، ހަމަ ގައިމުވެސް އަޒާބަށް ރޯން ޖެހޭނެއެވެ! ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އެކަނި ﷲ އެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން