އަވައްޓެރި އިންޑިޔާއަކީ އާދަޔާހިލާފު ތަފާތު ހަބަރުތަކެއް އަބަދުވެސް ފެންމަތިވަމުން އަންނަ ގައުމެކެވެ. އެގޮތުން މިފަހަރު މީޑިއާތަކުގެ ސަމާލުކަން ލިބިފައި މި ވަނީ އެ ގައުމުގެ 18 އަހަރުގެ އަންހެނަކަށެވެ. އެ ޒުވާނާ އޭނާގެ މައިންބަފައިންނަށް ފިލައިގެން، ކައިވެންޏެއް ކުރުމުގެ އުންމީދުގައި ކުރި ދަތުރެއްގެ ވާހަކައަކަށެވެ.

އުމުރުން 18 އަހަރުގެ އެ ޒުވާނާއަކީ ކޮރެއާގެ ފިލްމުތަކާއި ސީރީސްތައް ބެލުމަށް ފޯރި ހުންނަ ޒުވާނެކެވެ. މިގޮތަށް މި ޒުވާނާގެ އަމަލުތައް ހުއްޓާ މި ޒުވާނާއާއި "އޮންލައިންކޮށް" ކޮރެއާގެ ޒުވާނަކާއި ބައްދަލުވިއެވެ. އަދި މި ގުޅުން ވަރުގަދަ ލޯބީގެ ގުޅުމަކަށް ބަދަލުވިއެވެ. ނަމަވެސް އެ ޒުވާނާގެ މައިންބަފައިން އެ ކައިވެންޏަށް ނުރުހުމުގެ ސަބަބުން އެ ޒުވާނާ އޭނާގެ މައިންބަފައިންނަށް ފިލައިގެން، އެ ކޮރެއާ މީހާއާއި ކައިވެނިކުރަން އިންޑިޔާގެ އެހެން އަވަށަކަށް ދިޔައެވެ.

ހުރިހާކަމެއް އެފުށް މިފުށަށް ޖެހުނީ އެހިސާބުންނެވެ. އޮންލައިންކޮށް ދިމާވި މި ކޮރެއާ މީހާއަކީ، އެ ޒުވާނާގެ ގޭގެ ދޮރުވާނެވެ. ސެކިއުރިޓީ އޮފިސަރެވެ. އެކަން އެނގުނީ ދިމާވެ ބައްދަލު ކުރީމައެވެ. މީސްމީޑިޔާގައި ވަގު އައިޑީއެއް ބޭނުންކޮށްގެން "ދޮރުވާނު" ގެ މަޅީގައި އެ ޒުވާނާ ރަނގަޅަށްވެސް ޖައްސައިފިއެވެ. އެ ޒުވާނާ ކޮރެއާ ފިލްމުތަކަށް ޝައުގުވެރިކަން ހުންނަކަން އޭނާއަށް އެނގުމާއި އެކު، އެފަދަ އައިޑީއެއް ހަދާ އެ ޒުވާނާއާއި ވާހަކަދެއްކީއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ޒުވާނާ ވަނީ މި މައްސަލަ ފުލުހުންނަށްވެސް ހުށައަޅާފައެވެ. އަދި މިހާރު އެ ޒުވާނާ އެނބުރި އޭނާގެ މައިންބަފައިން ގާތަށް އައިސްފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި ދޮރުވާނު ވަޒީފާއިންވެސް ވަނީ ވަކިކޮށްފައެވެ.

 

ނޯޓު: މިފަދަ ހާދިސާތަކުން އެނގިގެންދަނީ މީސްމީޑިޔާއަކީ ކެހިވެރިތަނެއްކަމެވެ. ކާކުކަން ނޭނގޭގޮތަށް އޮޅުވާލައިގެން އެތައް މަޅިއެއްގައި އެތައް ބަޔަކު ޖައްސަފާނެއެވެ. އެހެންކަމުން މީސްމީޑިޔާ ބޭނުންކުރުމުގައި ސަމާލުވާށެވެ. ދަރިން އަތަށް ފޯނުތައް ދީފައި ބައިތިއްބާއިރު، ބެލެނިވެރިންވެސް މިފަދަ ކަންކަމަށް ސަމާލުވާށެވެ!