ޓޮމާޓޯ (ސޮލާނަމް ލައިކޮޕަރސިކަމް) އަކީ ދެކުނު އެމެރިކާގެ އަސްލު ނައިޓްޝޭޑް ޢާއިލާގެ މޭވާއެކެވެ. ދިވެހި ބަހުން ބުނާނަމަ (ވިލާތު ބަށި) މިއީ އަހަރެމެންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތެކެވެ. އަދި މި ބާވަތަކީ ރާއްޖޭގައިވެސް ހެދޭ ހެެއްދޭނެ، ހަށިގަނޑަށް ބޭނުންވާ ގިނަފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. އެގޮތުން އަހަރެމެންގެ ތެރޭގައި މިހާރަކަށް އައިސް އެންމެ އާންމު ބައްޔަކީ ހިތުގެ ބަލިތަކާއި ތަފާތު ވައްތަރުގެ ކެންސަރު ބައްޔެވެ. ޓޮމާޓޯ އަކީ އެންޓިއޮކްސިޑެންޓް ލައިކޮޕީން ގެ މައިގަނޑު ކާނާގެ މަސްދަރެކެވެ. މިއީ ގިނަ ސިއްޙީ ފައިދާތަކާ ގުޅިފައިވާ އެއްޗެކެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކާއި ކެންސަރުގެ ނުރައްކާ ކުޑަވުން ހިމެނެއެވެ.

ގަސްގަހާގެހީގެ ގޮތުން މޭވާއެއް ކަމުގައި ވިޔަސް، އާންމު ގޮތެއްގައި މިއީ ތަރުކާރީއެއްގެ ގޮތުގައި ކެވޭ އަދި ތައްޔާރުކުރެވޭ އެއްޗެކެވެ.

މިއީ ވިޓަމިން ސީ، ޕޮޓޭޝިއަމް، ފޮލޭޓް، އަދި ވިޓަމިން ކޭ ލިއްބައިދޭ އެއްޗެކެވެ. މީގެ އިތުރުން ޓޮމާޓޯގައި އެކުލެވޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ވިޓަމިން ބީ 12، ވިޓަމިން ބީ 6، ވިޓަމިން އޭ، ސޯޑިޔަމް، ޑައެޓްރީ ފައިބާ، ކެލްސިޔަމް، މެގްނަސިޔަމް އަދި އަޔަން ހިމެނެ އެވެ. މީގެ އިތުރުން ޕްރޮޓީންއާއި ކާބޯ ހައިޑްރޭޓްއާއި ޕޮޓޭޝިޔަމްގެ އިތުރުން ހަކުރުވެސް ހިމެނެ އެވެ.

އާންމު ގޮތެއްގައި ފުރިހަމައަށް ބޮޑުވުމުން ރަތްވާ ޓޮމާޓޯ، ރީނދޫ، ފެހި، އަދި މުށިކުލައިގެ ގޮތުގައިވެސް ހުރެއެވެ. މީގެ އިތުރުން، ތަފާތު ބާވަތްތަކުގެ ޓޮމާޓޯ ހުރެއެވެ. އެކި ބާވަތްތަކުގެ ޓޮމާޓޯ ހުންނަނީ ތަފާތު ސިފަތަކާއި ރަހަތަކުގައެވެ.

ކުރިންވެސް ފާހަގަކުރި ފަދައިން ހިތުގެ ބަލިތައް، ހިތުގެ ޙަމަލާ(ހާޓްއެޓޭކް) އާއި ސްޓްރޯކް އަކީ ދުނިޔޭގައި މި ވަގުތު އެންމެ ގިނަ މީހުން މަރުވާ ބަލިތަކެވެ.

މެެދު އުމުރުފުރައިގެ ފިރިހެނުންގެ މައްޗަށް ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ލޭގައި ލައިކޮޕީން (ޤުދުރަތީގޮތުން އުފެދޭ ރަތް ކެރޮޓިނޮއިޑް ޕިގްމެންޓް. މިއީ އެންޓިއޮކްސިޑެންޓްގެ ބާވަތެއް) އަދި ބީޓާ-ކެރޮޓީން ގެ މިންވަރު ދަށްވުމުން ހާޓް އެޓޭކް އަދި ސްޓްރޯކްގެ ނުރައްކާ އިތުރުވެއެވެ. އެހެންކަމުން އެކަންކަން ކުޑަކުރުމަށް ރަތް ކުލަ ގަދަ މޭވާ ބޭނުން ކުރުން މުހިންމެވެ. ޓޮމާތޯ އަކީ ވެސް ރަތްކުލަ ގަދަ މޭވާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތަކެވެ.

ކްލިނިކަލް ޓްރަޔަލްތަކުން އިތުރަށް ހެކި ލިބެމުންދާ ގޮތުގައި ލައިކޮޕީން އިތުރުކުރުމުން އެލްޑީއެލް (ނުބައި) ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދެއެވެ.

ޓޮމާޓޯގައި ލެކޮޕިން ވަރަށް ބޮޑަށް އެކުލެވޭކަމަށްވެ އެވެ. އެހެންކަމުން ޓޮމާޓޯ ކެއުމާއި ހަންގަނޑުގައި ޓޮމާޓޯ އުނގުޅުމަކީ ހަންގަނޑު ރޫޖެހުމުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭ ކަމެއްކަމަށް ވެއެވެ.

އިލްމީ ތަޖްރިބާތަކުން ދައްކާ ގޮތުގައި ޖުމްލަކޮން ބުނާނަމަ ޓޮމާޓޯއަކީ ހަމުގެ ބަލިތަކާއި ހިތުގެ ބަލިތަކުގެ އިތުރުން ތަފާތު ވައްތަރުތަކުގެ ކެންސަރު ބަލިތަކަށް ކުޑަކޮށްދޭ ބާވަތަކެވެ. އެގޮތުން ހަންގަނޑުގައި ޓޮމާޓޯ އުނގުޅުމަކީ އަލްޓްރާ ވައިލެޓް ރޭޑިއޭޝަންގެ އަސަރު ކުޑަކޮށްދޭ ކަމެކެވެ. އަދި ޓޮމާޓޯ ކެއުމުންވެސް އަލްޓްރާ ވައިލެޓް ރޭޑިއޭޝަންއިން އަހަރެމެންގެ ހަންގަނޑަށް ކުރާ އަސަރު ވަރަށްބޮޑަށް ކުޑަކޮށް އެކަމުން ލިބޭ ގެއްލުންތައް ފޫބައްދައިދޭ ކަމަށްވެ އެވެ. ހާރޓްއެޓޭކާއި ސްޓްރޯކްގެ އިތުރުން ތަފާތު ވައްތަރުތަކުގެ ކެންސަރު ބަލިތައް ކުޑަކޮށްދިނުމަށް ޓޮމާޓޯއަކީ މުހިންމު މޭވާއެކެވެ.