ސްޕެއިން އަދި ޔޫރަޕުގެ ގަދަބާރެއްކަމަށްވާ ރެއާލްމެޑްރިޑުގެ ކޯޗުކަމުން ކާލޯ އެންޗެލޯޓީ ދުރުކުރަން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެއެވެ. މި އަޑުތައް ގަދަވެފައިވަނީ ޔޫއެފާ ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލުން އިނގިރޭސިވިލާތުގެ އާސެނަލް އަތްދަށުވެ އެ މުބާރާތުން ވަކިވާން ޖެހުމާއި، ލަލީގާ ހޯދުމުގެ ރޭހުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޗެމްޕިއަންސްލީގުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ރެއާލްމެޑްރިޑް މި އަހަރުގެ މުބާރާތުގައިވެސް ފެނިފައިވަނީ އެ މުބާރާތް ކާމިޔާބުކުރުން އެންމެ ގާތް އެއް ޓީމުގެ ގޮތުގައެވެ. ނަމަވެސް، 17 އޭޕްރިލް ވަނަ ދުވަހު އަމިއްލަ ދަނޑުގައި އާސެނަލް އަތުން 2-1 ލަނޑުން ބަލިވި މެޗާއެކު އެގްރިގޭޓް ނަތީޖާއިން 5-1 އިން ރެއާލްމެޑްރިޑަށްވަނީ މި ސީޒަނުގެ ޗެމްޕިއަންސްލީގާ އަލްވަދާޢު ކިޔާފައެވެ. އެ މެޗަށްފަހު އެންޗެލޯޓީ މަޤާމުން ދުރުކޮށްފާނެކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. މިހާރު ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ވާދަވެރި ބާސެލޯނާއާ ދެމެދު 4 ޕޮއިންޓުގެ ތަފާތެއް އޮތްއިރު ދެ ޓީމަށްވެސް ބާކީ އޮތީ 6 މެޗެވެ. ބާސެލޯނާ އޮތް ފޯމަށް ބަލާއިރު ގިނަ ބަޔަކު ބުރަވަނީ މި ސީޒަނުގެ ތަށި އުފުލާލާނީ ބާސެލޯނާއިން ކަމަށެވެ.

އާސެނަލް މެޗަށްފަހު އެންޗެލޯޓީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ، ކުލަބުން އޭނާ މަޤާމުން ދުރުކުރަން ބޭނުންވެދާނެކަމަށާއި، އެއީ މި އަހަރުކަމަށްވެސް ނުވަތަ އަންނަ އަހަރު އޭނާއާއި ދެމެދު ވެފައިވާ ކޮންޓްރެކްޓް ހަމަވުމުން ކަމަށްވެސް ވެދާނެކަމަށެވެ.

ސްކައި ސްޕޯރޓްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރެޒިލުގެ ޤައުމީ ޓީމުންދަނީ އެންޗެލޯޓީގެ ސޮއި ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ސީޒަން ނިމުމުގެ ކުރިންވެސް ބުރެޒިލްގެ ކޯޗުކަމަށް އެންޗެލޯޓީ ބަދަލުވެދާނެކަމަށް ބެލެވޭކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި އެންޗެލޯޓީގެ ބަދަލުގައި ރެއާލުގެ އައު ކޯޗަކަށް ހަމަޖައްސާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ރެއާލްމެޑްރިޑް އަދި ސްޕެއިންއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަދި މިހާރު ބެޔާ ލެވަކޫސަންގެ ކޯޗު ޒާބީ އޮލޮންސޯކަމަށް ގިނަ ނޫސްތަކަކުންނާއި މަޝްހޫރު ކުޅިވަރު ޖާނަލިސްޓުންވަނީ ހާމަކޮށްފައެވެ.